ޖިންސީ ފުރައްސާރަ

ހުރިހާ މާހައުލަކުން ޖިންސީ އަނިޔާ!

ރާއްޖޭގައި އާންމު ރައްޔިތުން ދިިރިއުޅޭ ހުރިހާ މާހައުލެއްގައި ހުރިހާ ދިމާއެއް މިހާރު ވަރަށް ކުށް ގިނަ އެވެ. ހާއްސަކޮށް މާލޭގެ ވެށި ވެފައި ހަލަބޮލި ތަނެއްގެ އިތުރުން ކުށް ގިނަ ވަރަށް ބިރުވެރި ވެސް ތަނަކަށެވެ. ގެއިން ބޭރަށް ނުކުތުން ވެސް މާލޭގައި ވެފައި ވަނީ ބޮޑު ބިރަކަށެވެ. ސަބަބަކީ މާލޭގެ ހުރިހާ ދިމާއަކީ ގާތްގަނޑަކަށް ކުށުގެ މާހައުލަކަށް ވުމުގެ އިތުރުން ކުށުގެ ބާވަތްތަކުގެ ތެރޭގައި ހިމެނޭ ޖިންސީ ގޯނާ އާއި ޖިންސީ ފުރައްސާރަ އާއި ޖިންސީ އަނިޔާތައް ގިނަ ވުމެވެ.

މި މަހުގެ ފުރަތަމަ ދުވަހު ޖިންސީގޯނާގެ ތުހުމަތަށް މާލޭގެ ގަލޮޅު މަދަރުސާއިން މީހަކު ހައްޔަރު ކުރި އެވެ؛ އެއީ ކުޑަކުދިން އެންމެ ބޮޑަށް ރައްކާތެރިކަން އޮންނަ އަދި އިތުބާރު ކުރެވޭ މާހައުލަކުން އައި ހާދިސާ އެކެވެ. ހަތަރު އަހަރުގެ އަންހެން ކުއްޖަކަށް ދިމާވި ހިތާމަވެރި ހާދިސާ އެކެވެ. އެ މައްސަލައަށް ފަހު ސްކޫލުގައި ސީސީޓީވީ ކެމެރާ ހަރުކުރި އެވެ. ނަމަވެސް އެ ސްކޫލަށް ބެލެނިވެރިންކުރާ އިތުރުބާރު ގެއްލިގެން ދިޔައީ އެވެ.

އެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ރައްޔިތުންގެ މަޖިލީހުގައި ވިދާޅުވި ގޮތުގައި ސްކޫލްތަކުގައި ޖިންސީ ގޯނާގެ މައްސަލަތައް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން ވަރަށް ގިނަ ފިޔަވަޅުތައް އަޅާފައި ވާނެ އެވެ. މައްސަލަތައް ވަގުތުން އަންގަން އެކަމަށް ހާއްސަ އޮފިސަރުން ވެސް ސްކޫލުތަކުގައި ތިބޭނެ އެވެ. އަދި އެފަދަ މައްސަލައެއް ފެންމަތިވެއްޖެ ނަަމަ އިދާރީ ތަހުގީގެއް ހިންގުމަށް ފަހު ވަޒީފާއިން ވަކިކުރަން ޖެހޭ މީހުން ވަކި ކުރާނެ އެވެ. ތަކުރާރު ނުވާނެ ގޮތަށް އެޅެން ހުރި ފިޔަވަޅެއް އަޅާނެ އެވެ.

މިނިސްޓަރު އައިޝަތު އަލީ ވިދާޅުވި ގޮތުގައި ސަރުކާރު އައި ފަހުން ސްކޫލް މާހައުލުގައި ޖިންސީ ފުރައްސާރަ ކުރުމުގެ 40 އަށްވުރެ ގިނަ މައްސަލަ ހުށަހެޅިފައިވެ އެވެ. އެ މައްސަލަތަކާ ގުޅިގެން 30 އަކަށް މީހުން މިހާރު ވެސް ވަނީ ވަޒީފާއިން ވަކިކޮށްފަ އެވެ.

ސްކޫލް މާހައުލުގެ ޖިންސީ ފުރައްސާރަ އާއި ގޯނާގެ ވާހަކަ އެއްފަރާތް ކޮށްލާފައި ބަލާއިރު ފަހަކަށް އައިސް މަގުމަތިން ޖިންސީ ފުރައްސާރަ އާއި ގޯނާ ކުރާ މައްސަލަތައް ވެސް ވަނީ އިންތިހާ ދަރަޖާގައި އިތުރުވެފަ އެވެ. މި ނޮވެމްބަރު މަހު ވެސް އެފަދަ ދެ މައްސަލައެއް ފެންމަތިވެފައި ވެއެވެ. މި މަހުގެ 19 ވަނަ ދުވަހު މަގުމަތިން އަންހެނަކަށް ޖިންސީ ފުރައްސާރަ ކުރި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. ރޭ ވެސް މަޖީދީ މަގުގައި ކުޑަ ކުއްޖަކަށް ޖިންސީ ގުނަވަން ދައްކައިގެން މީހަކު ހައްޔަރަށް ގެންދިޔަ އެވެ.

މި މައްސަލަތައް ގިނަ ވުމަކީ ވަރަށް ބޮޑު ބިވެރި ކަމެކެވެ. މީގެ ސަބަބުބް އާއިލާތަކަށް ކުދީން މަގުމައްޗަށް ނެރެން ޖެހިލުން ވެއެވެ. އަދި ގެއާއި ސްކޫލްގައި ވެސް ރައްކާތެރި ކަމާއެކު ގެންގުޅެން ދަތިވެފައި ވެއެވެ.

"އެންމެ އިތުރުބާރު ކުރާ ގާތް މީހާ ވެސް ގެއިން ނިކުމެގެން ދާއިރު ދަރިފުޅުގެ އިއްފަތް ފޭރިގަންނަ މައްސަލަތައް ވެސް އެހާ ގިނަ" މީހަކު ބުންޏެވެ. "އިންސާނިއްޔަތުކަން ގެއްލި ޖަނަވާރުންގެ އުސޫލުން ކަންކަން ކުރަމުންދާ މައްޒަރު ގިނަ،"

ކުޑަކުދިނަށް ކުރާ އަނިޔާތަކާއި ޖިންސީ ގޯނާގެ މައްސަލަތައް ބަލަހައްޓަމުންދާ ޖެންޑާ މިނިސްޓްރީން އެންމެ ފަހުން ނެރުނު ތަފާސް ހިސާބުތަކުން ދައްކާގޮތުގައި މިދިއަ ސެޕްޓެމްބަރު މަހު އެކަނި ވެސް ކުޑަކުދިންނަށް ޖިންސީ އަނިޔާކުރި 25 މައްސަލައެއް ރިޕޯޓް ކޮށްފައި ވެއެވެ. އަދި އަންހެނުންނަށް ޖިންސީ ފުރައްސާރަ ކުރި އަށް މައްސަލައަކާއި ޖިންސީ ހާނިއްކަ ކުރުމުގެ ހަތަރު މައްސަލައެއް ހުށަހެޅި އެވެ.

ޖިންސީ މިފަދަ މައްސަލަތައް ދުވަހެއް ދުވަހަކަށް އިތުރުވަމުންދާއިރު އެފަދަ މައްސަލަތަކުގެ އަނިޔާގެ ޝިކާރައަށްވާ މީހުނަށް އިންސާފު ލިބޭ މަންޒަރެއް ވެސް ނުފެނެ އެވެ. ފެންނަނީ ކުށްކުރާ މީހުން ކޮންމެވެސް ގޮތަކުން ދޫވެ އަނެއްކާވެސް ނުކުމެގެން އަންނަ ތަނެވެ. މީގެ ނަތީޖާއަކަށްވެފައި ވަނީ އާންމުން މުވައްސަސާތަކަށް ކުރާ އިތުބާރު ކުޑަވުމެވެ.