ރޭޕް

ޖިންސީ ގޯނާގެ މައްސަލަ: ހުރިހާ މަސައްކަތު މީހުން ސަސްޕެންޑް

ގަލޮޅު މަދަރުސާގެ ދަރިވަރަކަށް ޖިންސީ ގޯނާ ކުރި މައްސަލައިގައި މަސައްކަތު މީހުންގެ ގޮތުގައި މަސައްކަތް ކުރާ އެންމެން ސަސްޕެންޑް ކޮށްފި އެވެ.

ގަލޮޅު މަދަރުސާއިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން އެ ސްކޫލްގައި މަސައްކަތްކުރާ ހުރިހާ މަސައްކަތު މީހުން ވަޒީފާގެ މަސްއޫލިއްޔަތުތަކުން އެކަހެރި ކޮށްފައި ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ކިޔަވާ ގަޑީގައި ދަރިވަރަކު ފާހާނާ އަށް ދާނަމަ އެ ދަރިވަރު ފާހާނާ އަށް ގެންދާނީ ކްލާސް ޓީޗަރުގެ ބެލުމުގެ ދަށުން ކަމަށެވެ. ފާހާނާ ކުރުމަށް ފަހު އެހީތެރިކަން ބޭނުންވާ ދަރިވަރަކު ނަމަ އެހީތެރިކަން ފޯރު ކޮށްދިނުމަށް ބެލެނިވެރިޔާއަށް އެންގޭނެ ކަމަށެވެ.

ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ސްކޫލްގެ އެކި ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާ ހަރުކޮށް ނިމިފައިވާ ކަމަށްވެސް ބަޔާނުގައިވެ އެވެ.

ގަލޮޅު މަދަރުސާގައި ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފުލުހުންގެ ގެންދަނީ ތަހުގީގު ކުރަމުންނެވެ. އެ ކުއްޖާ އަށް ޖިންސީ ގޯނާކުރީ އެ ސްކޫލުގައި މަސައްކަތް ކުރާ އަންހެން މުވައްޒަފެކެވެ.

ކުއްޖާ އަށް ޖިންސީ ގޯނާކުރީ އެ ކުއްޖާ ފާހާނާ އަށް ދިޔަ ވަގުތު ކަމަށް މައުލޫމާތު ލިބެ އެވެ.

ޖިންސީ ގޯނާގެ ސަބަބުން ކުއްޖާ އަށް ޖިސްމާނީ އަނިޔާތަކެއް ލިބި އޭޑީކޭ ހޮސްޕިޓަލްގައި ފަރުވާ ދީފައިވާ ކަމަށްވެސް އަވަސް އަށް އެނގިފައިވެ އެވެ.