ރައްޔިތުންގެ މަޖިލިސް

ޖިންސީ ގޯނާގެ މައްސަލަ: ޖެންޑާ އާއި އެޑިޔުކޭޝަން ކޮމިޓީއަށް

ގަލޮޅު މަދަރުސާގެ ކުޑަކުއްޖަކަށް އެ ސްކޫލުގެ މަސައްކަތު މީހަކު ޖިންސީ ގޯނާ ކުރި މައްސަލައިގައި ޖެންޑާ މިނިސްޓްރީ އާއި އެޑިއުކޭޝަން މިނިސްޓްރީ، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރުކުރަން ނިންމައިފި އެވެ.

ހިއުމަން ރައިޓްސް ކޮމިޓީގެ އިއްޔެގެ ބައްދަލުވުމުގައި ހިންނަވަރު ދާއިރާގެ މެމްބަރު އަދި ކޮމިޓީގެ މުގައްރަރު ޖީހާން މަހްމޫދު ގަލޮޅު މަދަރުސާގެ ކުޑަކުއްޖަކަށް އެ ސްކޫލުގެ މަސައްކަތު މީހަކު ޖިންސީ ގޯނާ ކުރި މައްސަލައިގައި ހުށަހެޅުއްވީ މި މައްސަލައާއި ގުޅުންހުރި އިދާރާތައް ކޮމިޓީއަށް ހާޒިރު ކުރުމަށެވެ. ޖީހާ ހުށަހެޅުއްވީ އެޑިއުކޭޝަން މިނިސްޓްރީއާއި ޖެންޑާ މިނިސްޓްރީ އަދި، ފުލުހުން ކޮމިޓީއަށް ހާޒިރު ކުރުމަށެވެ.

ޖީހާންގެ މި ހުށަހެޅުއްވުމަށް ކޮމިޓީއަށް ހާޒިރުވެ ތިއްބެވި ހުރިހާ މެމްބަރުން ވެސް ވަނީ ތާއީދުކުރައްވާފަ އެވެ. އެހެންކަމުން ކޮމިޓީން ނިންމީ އަންނަ ބުދަ ދުވަހު އެ އިދާރާތައް ކޮމިޓީއަށް ހާޒިރުކުރުމަށެވެ.

އަދި މި މައްސަލައިގެ ތަހުގީގު ހިނގާ ގޮތް ބެލުމަށްޓަކައި އެޗްއާރްސީއެމް އަދި ޗިލްޑްރަންސް އޮމްބަޑްސްޕާސަންގެ އޮފީހަށް ވެސް ލިޔުމުން ހުށަހަޅާނެ ކަމަށް ޖީހާން ވިދާޅުވި އެވެ.

ކުއްޖާއަށް ލިބުނު ޖިންސީ ގޯނާއާ ގޮލޮޅު މަދަރުސާގެ މަސައްކަތު މުވައްޒަފުންގެ ގޮތުގައި ހިމެނޭ ހުރިހާ މުވައްޒަފުން މިހާރު ވަނީ ސަސްޕެންޑްކޮށްފަ އެވެ.