ރައީސް މުހައްމަދު ނަޝީދު

ކުއްޖާގެ މައްސަލާގައި މުއައްސަސާތައް ޖަވާބުދާރީ ކުރުވާނަން: ނަޝީދު

ގއ. ކަނޑުހުޅުދޫގައި އުމުރުން ދެ އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ޒިންމާ ނަގަން ޖެހޭ ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތައް ރައްޔިތުންގެ މަޖިލީހުން ޖަވާބުދާރީ ކުރުވާނެ ކަމަށް މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

މި މައްސަލާގައި ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ހައްޔަރުކޮށްފައިވާއިރު، ކުއްޖާއަށް އިހުމާލުވި ކަމުގެ ތުހުމަތު އެ ކުއްޖާގެ ބައްޕަ ވެސް ވަނީ ހައްޔަރުކޮށްފަ އެވެ. އެ އެންމެންގެ ބަންދަށް 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހައިފަ އެވެ.

ރައީސް ނަޝީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ތުއްތު ކުއްޖާގެ އަމިއްލަ މުނިކާފަ އާއި، ކާފަ، އަދި ބައްޕަގެ ޖިންސީ ޝިކާރައަކަށް ވުމަކީ އިންތިހާއަށް އެމަނިކުފާނު ކަންބޮޑުވާ މައްސަލައެއް ކަމަށާއި މިއީ މުޖުތަމައު ލަދުވެތިވާން ޖެހޭ ވަރުގެ ކަމެއް ކަމަށެވެ. އެމަނިކުފާނު ވިދާޅުވީ މި މައްސަލާގައި މުއައްސަސާތައް ޖަވާބުދާރީ ކުރުމަށް މަޖިލީހުން މަސައްކަތް ކުރާނެ ކަމަށެވެ.

"ތުއްތު ކުއްޖާ، އޭނާގެ އަމިއްލަ މުނިކާފަ، ކާފަ، އަދި ބައްޕަގެ ޖިންސީ ޝިކާރައަކަށް ވީ ކަމީ އިންތިހާއަށް ކަންބޮޑުވުން ހުރި ލަދުވެތި ކަމެއް. މި ކަމާ ގުޅޭ ގޮތުން އެކިއެކި ފަރާތްތައް ޖަވާބުދާރީ ކުރުމަށް މަޖިލީހުން މަސައްކަތް ކުރާނެ" ރައީސް ނަޝީދުގެ ޓްވީޓްގައި ލިޔުއްވާފައިވެ އެވެ.

އެ ކުޑަކުއްޖާއަށް ޖިންސީ ގޯނާ ކުރި މައްސަލަ މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީން ގެންދަނީ ބަލަމުންނެވެ. އެ ކޮމިޓީން މިރޭ ބައްދަލުވުމެއް ބާއްވާއިރު، ކަނޑުހުޅުދޫ ކައުންސިލް އާއި ޖެންޑާ މިނިސްޓްރީ އާއި ޕްރޮސެކިއުޓާ ޖެނެރަލްގެ އޮފިހާއި ކްރިމިނަލް ކޯޓުގެ އިސް ބޭފުޅުން މިރޭ އެ ކޮމިޓީއަށް ހާޒިރު ކުރަން ވަނީ ހަމަޖެހިފަ އެވެ.