ގއ. ކަނޑުހުޅުދޫގައި ދެ އަހަރު ނުވާ ކުޑަކުއްޖަކަށް ޖިންސީ އަނިޔާ ކުރި މައްސަލައިގެ ހޫނުކަން އަދި ނުކެނޑިގެން އުޅޭއިރު ކުޑަކުދިންނަށް ކުރާ އަނިޔާގެ ގައުމީ މައްސަލައަށް ހައްލު ނުލިބިގެން އުޅޭ ސަބަބު ކަމާބެހޭ މުއައްސަސާތަކުގެ ޕަފޯމަންސް އޮޑިޓް ރިޕޯޓުން ވެސް ސާފުވެއްޖެ އެވެ.
ކުޑަކުދިންނަށް ކުރާ ގޯނާތަކާ ގުޅިގެން ހުށަހަޅާ މައްސަލަތަކާ މެދު މުއައްސަސާތަކުން އަމަލު ކުރަމުން އަންނަ ގޮތް ދެނެގަތުމަށް ޕާފޯމަންސް އޮޑިޓް ރިޕޯޓެއް މިދިޔަ ނޮވެމްބަރު މަހު ވަނީ ހަދައިފަ އެވެ. އެ ރިޕޯޓް ހަދާފައި ވަނީ 2014 އިން 2016 ވަނަ އަހަރުގެ ނިޔަލަށެވެ.
އެ މުއްދަތުގެ ތެރޭގައި ޖެންޑާ މިނިސްޓަރީއަށް ޖުމުލަ 2،491 މައްސަލަ ރިޕޯޓް ކޮށްފައިވާއިރު، ފުލުހުންނަށް 1،975 މައްސަލަ ރިޕޯޓު ކޮށްފައިވާ ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ. އޭގެ އިތުރުން، 2016 ގެ ނިޔަލަށް 142 ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެސްފައިވެ އެވެ.
ޖެންޑާގައި މައުލޫމާތެއް ނެތް، މައްސަލަ ބެލުން އިންތިހާއަށް ލަސް
ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމާބެހޭ ގައުމީ ނިޒާމް ގާއިމު ކުރުމާއި، އެ ނިޒާމުގެ މަސައްކަތްތައް ވިލަރެސްކޮށް
އެ މަސައްކަތްތައް ތަންފީޒު ކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަކީ ޖެންޑާ މިނިސްޓްރީގެ ޒިންމާ އެވެ. ނަމަވެސް ރިޕޯޓުން ފެންނަ ގޮތުގައި، އެ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކުގެ މައުލޫމާތު ރަނގަޅަށް ބެލެހެއްޓިފައެއް ނެތެވެ. ނޫނީ ފުރިހަމައެއް ނުވެ އެވެ. ފިޔަވަޅެއް އެޅުން އެއްކިބައިގައި އޮއްވާ، މައްސަލައެއް ބަލަން މުވައްޒަފަކާ ހަވާލު ކުރަން ވެސް އެތައް ހަފުތާއެއް ނަގާ ކަމަށް އޮޑިޓުން ވަނީ ހާމަވެފަ އެވެ.
ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓް ކުރެވޭނެ އިންތިޒާމުތައް ހަމަޖައްސާފައި ވާއިރު، ރިޕޯޓުކުރާ މައްސަލަތައް ރިފަރަލް ޑޭޓާބޭސްއަށް އެޅުމަށްފަހު ކޭސްތަކުގެ ހާލަތާއި އިސްކަން ދޭންވީ މިންވަރަށް ބަލައި ކޭސް ވޯކަރުންނާ މަސައްކަތް ކުރުމަށް ހަވާލުކުރެ އެވެ. އެކަމަކު އެކަން ހަމައެކަނި އޮތީ ސްޓެންޑަޑް އޮފް ޕްރޮސީޖާ (އެސްއޯޕީ) ގެ ސިފައިގައި އޮތް ކަރުދާހެއްގައި އެކަންޏެވެ.
އެ ގޮތުން، ކޮންމެ ރިފަރަލް އަކަށް އެންމެ ލަސް ވެގެން ހަތް ދުވަހުގެ ތެރޭގައި އެސެސްމަންޓެއް ހަދަންޖެހޭ ގޮތަށް އެ ކަރުދާހުގައި އޮތް ނަމަވެސް ބައެއް ކޭސްތަކުގެ ރިފަރަލް ފޯމު ފުރުމަށް އެތައް ދުވަހެއް ހޭދަވެފައި ވާކަން އޮޑިޓުގައި ފާހަގަކޮށްފައި ވެއެވެ.
އެގޮތުން އޮޑިޓް ސާމްޕަލަށް ނެގި 54 ކޭހުގެ ތެރެއިން 26 ކޭހަކަށް ރިފަރަލް ފޯމު ފުރުމަށް އެވަރެޖް ގޮތެއްގައި 45 ދުވަހުގެ މުއްދަތެއް ހޭދަވެފައިވެ އެވެ. އަދި ބައެއް ކޭސްތައް އެލޮކޭޓް ނުކޮށް 60 ދުވަސް ވޭތުވެފައިވާ ކަމަށް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
މިކަންކަމަށް ދިގު މުއްދަތެއް ހޭދަވާ ނަމަ ކޭހާ ގުޅިގެން ކުރަންޖެހޭ އިތުރު މަސައްކަތްތައް ލަސްވެގެންގޮސް އަނިޔާ ލިބިފައިވާ ނުވަތަ ލިބެމުންދާ ކުއްޖާއަށް ރައްކާތެރިކަން ބޭނުންވާ ވަގުތުގައި ރައްކާތެރިކަން ނުދެވި، ހިތާމަވެރި ހާދިސާތައް ދިމާވުމަކީ އެކަށީގެންވާކަމެއްއޮޑިޓް ރިޕޯޓް
އަދި ހުށަހެޅޭ މައްސަލައިގެ ފައިލުތަކުގައި އެއްވެސް ގޮތަކަށް ރިސްކް ކެޓަގަރީ، ނޫނީ ކުއްޖާއަށް ނުރައްކާ އޮތް މިންވަރު ހިމަނާފައި ނުވާކަން ވެސް ރިޕޯޓުން ފާހަގަވެ އެވެ.
ޖެންޑާ މިނިސްޓްރީއަށް ހުށަހެޅޭ މައްސަލަތަކަށް އިސްކަން ދިނުމުގައި ގެންގުޅޭނެ މިންގަނޑުތަކެއް ކަރުދާހުގައި ހިމަނައިފައިވެ އެވެ. އެއީ، "ކުޑަކޮށް އިސްކަންދޭން ޖެހޭ" މައްސަލަތަކާއި، "ބޮޑަށް އިސްކަން ދޭންޖެހޭ" މައްސަލަތަކާއި އަދި "އެންމެ ބޮޑަށް އިސްކަންދޭންޖެހޭ" މައްސަލަތަކެވެ.
ނަމަވެސް އޮޑިޓުގައި ބަލާފައިވާ އެއްވެސް މައްސަލައެއްގައި ހިމެނޭ ލިޔުމެއްގައި އެ މައްސަލައަކީ ކޮން މިންގަނޑަކަށް ފެތޭ މައްސަލައެއްކަން ބަޔާންކޮށްފައި ނުވާކަމަށް އެ ރިޕޯޓުގައި ބުންޏެވެ.
އިހުމާލު އަދަދުތަކުން
- 45 : މައްސަލަތަކުގެ ރިފަރަލް ފޯމު ފުރުމަށް ހޭދަވާ ދުވަސް
- 00 : ކުއްޖާ އޮތް ނުރައްކަލުގެ ދަރަޖަ ކަނޑައަޅާފައިވާ ކޭސްތައް
- 00 : ފުލުހުން ފޮނުވި މައްސަލަތައް ލިބުނު ތާރީހު ހުރި ކޭސްތައް
- 97 : މައްސަލަތަކުގެ އެސެސްމަންޓް ހަދަން ހޭދަވާ ދުވަސް
- 132: ކުއްޖާ ޑޮކްޓަރަށް ދައްކަން ހޭދަވާ ދުވަސް
ޖެންޑާ މިނިސްޓްރީ އަށް ހުށަހެޅޭ ކޮންމެ ރިފަރަލްއަކަށް ހަތް ދުވަހުގެ ތެރޭގައި އިނީޝަލް އެސެސްމަންޓެއް ހަދަންޖެހޭ އިރު "ހައި ރިސްކް" މައްސަލަތަކަށް ކޯއެސެސްމަންޓަކާއި އެކްޝަން ޕްލޭނެއް ހަދައި 24 ގަޑިއިރުގެ ތެރޭ ނިންމަންޖެހެ އެވެ.
ނަމަވެސް އޮޑިޓް ސާމްޕަލަށް ނަގާފައިވާ ކޭސްތަކުގެ ތެރެއިން ތެރެއިން 24 ކޭހެއްގެ އިނީޝަލް އެސެސްމަންޓް ހަދާފައި ނުވާއިރު، އެންމެ އިސްކަންދޭން ޖެހޭ ހަތަރު ކޭހެއްގެ ކޯއެސެސްމަންޓާއި އެކްޝަން ޕްލޭން ވެސް ހަދާފައެއް ނުވެ އެވެ. އަދި ހެދިފައިވާ އެސެސްމަންޓްތައް ވެސް ނިންމަންޖެހޭ ދުވަހަށްވުރެ ލަހުންކަމަށް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މިގޮތުން، އެ އެސެސްމަންޓްތައް ހެދުމަށް އެވަރެޖް ގޮތެއްގައި 97 ދުވަސް ނަގާފައިވެ އެވެ.
އެސެސްމަންޓް ހެދުމަށް ގިނަ ދުވަސްތަކެއް ނަގާނަމަ މައްސަލައާ ގުޅޭ މުހިންމު ހެކިތައް ނެތިގެން ދިޔުމުގެ އިތުރަށް ރައްޔިތުންގެ ހިތުގައި މިނިސްޓްރީއާމެދު އޮންނަ އިތުބާރު ގެއްލިގެންދާނެއޮޑިޓް ރިޕޯޓް
ފުލުހުންގެ ތަހުގީގު ލަސް
ފުލުހުންނަށް ހުށަހެޅޭ ގިނަ މައްސަލަތަކުގައި ފުލުހުން ވަގުތުން ތަހުގީގު ފަށައިފައިވި ނަމަވެސް، ފުލުހުން ތަހުގީގު ކުރަމުން ގެންގޮސްފައިވާ މައްސަލަތައް ނިންމުމުގައި ވަރަށް ގިނަ ދުވަސްތަކެއް ހޭދަވެފައިވާކަމަށް ރިޕޯޓުގައި ބުނެ އެވެ. މިގޮތުން ބައެއް މައްސަލަތައް ނުނިމި ތިން އަހަރަށް ވުރެ ގިނަ ދުވަސް ހޭދަވެފައިވާކަން އޮޑިޓްގައި ފާހަގަކޮށްފައި ވެއެވެ.
އެގޮތުން، 2016 ވަނަ އަހަރުގެ ނިޔަލަށް ފުލުހުން ތަހުގީގު ކުރަމުން ދިޔަ ކުޑަކުދިންނަށް ކުރާ އަނިޔާގެ މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާލާއިރު އެއް މަސް ވެފައިވާ 143 މައްސަލައަކާއި ދެތިން މަސް ވެފައިވާ 297 މައްސަލައަކާއި ހަވަރަކަށް މަސް ވެފައިވާ 273 ގާތްގަނޑަކަށް އަހަރެއް ވާން ކައިރިވެފައިވާ 265 ދެ އަހަރު ވާން ކައިރިވެފައިވާ 122 މައްސަލައަކާއި ތިން އަހަރު ނުވަތަ އެއަށްވުރެ ގިނަ އަހަރުވެފައިވާ 41 މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ.
މައްސަލަތައް ތަޙުޤީޤު ކުރުމަށް ގިނަ މުއްދަތެއް ނަގާނަމަ މައްސަލައިގައި އަދަބުލިބެންވާ ފަރާތްތަކަށް އަދަބު ނުލިބި ގިނަދުވަސްތަކެއް ވުމަކީ އެކަށީގެންވާކަމެއްއޮޑިޓް ރިޕޯޓް
މީގެ އިތުރުން މައްސަލަ ތަހުގީގު ކުރާ ފަރާތްތަކަށް އެއް ފަހަރާ 20 މައްސަލައަށް ވުރެ ގިނައިން ހަވާލުކޮށްގެން ނުވާނެ ކަމަށް ބަޔާން ކޮށްފައި ވީނަމަވެސް، އެގޮތަށް އަމަލު ކުރެވިފައެއް ނުވެއެވެ. މިގޮތަށް ދިމާވެފައި ވަނީ ތަމްރީނު ކޮށްފައިވާ މުވައްޒަފުން މަދުވުމުގެ އިތުރުން މުވައްޒަފުން އެހެން ޑިއުޓީތަކަށް ދާން ޖެހުމުންނެވެ.
ޑޮކްޓަރަށް ދައްކަންވެސް އެތައް ދުވަހެއް
އަނިޔާ ލިބޭ ކުއްޖާއަށް ލިބިފައިވާ ޖިންސީ ނުވަތަ ޖިސްމާނީ އަނިޔާ ދެނެގަތުމަށްޓަކައި އަނިޔާ ލިބުނުތާ 72 ގަޑިއިރު ހަމަނުވާނަމަ ކުއްޖާ ވަގުތުން ޑޮކްޓަރަށް ދައްކަންޖެހެ އެވެ. އަދި 72 ގަޑިއިރު ހަމަވެފައިވާނަމަ ވީއެންމެ އަވަހަކަށް ކުއްޖާ ޑޮކްޓަރަށް ދައްކަން ޖެހޭކަމަށް ބަޔާންކޮށްފައިވެ އެވެ.
ނަމަވެސް، އޮޑިޓް ރިޕޯޓުގައި ބުނެފައިވާ ގޮތުން، ބައެއް މައްސަލަތަކުގައި ކުއްޖާ ޑޮކްޓަރަށް ދައްކާފައިވަނީ އެވަރެޖް ގޮތެއްގައި 132 ދުވަސް ފަހުންނެވެ.
ފުލުހުން ބުނެފައި ވަނީ ކުދިން ޑޮކްޓަރަށް ދެއްކުން ލަސްވެފައި ވަނީ ބައެއް ރަށްރަށުގައި ކުޑަކުދިންގެ ހާއްސަ ނުވަތަ އަންހެނުންގެ ހާއްސަ ޑޮކްޓަރުން ނުތިބުމުން ކައިރީގެ ރަށްރަށަށް ދާން ޖެހުމުންކަމަށެވެ.
ނަމަވެސް އޮޑިޓް އޮފީހުން ފާހަގަކޮށްފައިވާ ގޮތުގައި، އަނިޔާ ލިބިފައިވާ ކުދިން ވީ އެންމެ އަވަހަކަށް ޑޮކްޓަރަށް ނުދައްކާނަމަ ކުއްޖާގެ ބާޔާނުގައި ވާފަދަ ޖިސްމާނީ ގެއްލުން ލިބިފައިވާކަން ޑޮކްޓަރީގޮތުން ދެނެގަނެވޭނެ ފަދަ ނިޝާންތައް ނުވަތަ އަލާމާތްތައް ނެތިގެން ދިއުމުގެ ފުރުސަތު އޮންނާނެ އެވެ.
އަދި މިފަދަ ނިޝާންތަކުގެ އަލީގައި ޑޮކްޓަރުންގެ ފަރާތުން ހުށަހަޅާ ހެކިތަކަކީ ކުށް ސާބިތުކުރުމަށް ޝަރީއަތުން ގަބޫލުކުރާ ހެކީގެ ބާވަތަކަށް ވާއިރު ޑޮކްޓަރަށް ދެއްކުން ލަސްވުމުގެ ސަބަބުން މިފަދަ މުހިންމު ހެއްކެތް ނެތިގެން ގޮސްފިނަމަ ކުށްކުރި ފަރާތަށް ހައްގު އަދަބު ނުލިބުމަކީ އެކަށިގެންވާކަމެއްކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެއާއެކު ކުޑަކުދިންނަށް އަނިޔާ ކުރާ ފަރާތްތައް ހޯދާ އެކުދިންނަށް އެފަރާތްތަކުން ލިބޭ އަނިޔާއިން ސަލާމަތްކުރުމަށް، މުއައްސަސާތަކުގައި ހުރި މައްސަލަތައް އިސްލާހުކުރަން އޮޑިޓް އޮފީހުން ވަނީ ގިނަ ލަފާތަކެއް ދީފަ އެވެ. ތަހުގީގު އަވަސް ކުރުމަށާއި، މައްސަލަތަކުގެ ރެކޯޑު ރަނގަޅަށް ބަލަހައްޓައި، މުއައްސަސާތަކުގެ ގުޅުން ބަދަހިކޮށް މައުލޫމާތު ހިއްސާކުރުން ހަރުދަނާކުރަން އޮޑިޓު އޮފީހުން ވަނީ ލަފާދީފަ އެވެ.