ހަބަރު

މިދިޔަ މަހު އެންމެ ގިނައީ ކުޑަ ކުދިންނަށް ކުރި ގޯނާ

މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާފައިވާ މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހުށަހެޅިފައިވާ ކުޑަ ކުދިންނަށް އެކި ބާވަތުގެ ގޯނާ ކުރާ މައްސަލަތައް ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޖެންޑާގެ މިދިޔަ މަހުގެ ތަފާސްހިސާބުގައިވާ ގޮތުން، ކުޑަ ކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާއާ ގުޅޭ 134 މައްސަލައެއް ވަނީ ރިޕޯޓް ކޮށްފަ އެވެ. އޭގެ ތެރެއިން ކުޑަކުދިންނަށް އިހުމާލުވުމުގެ 66 މައްސަލައަކާއި، ޖިންސީ ގޯނާގެ 27 މައްސަލައަކާއި، ޖިސްމާނީ ގޯނާގެ 15 މައްސަލައަކާއި، ނަފުސާނީ ހާނިއްކަގެ 14 މައްސަލައަކާއި، ގެވެށި އަނިޔާ ކުރާތަން ފެނުމުގެ އަށް މައްސަލައަކާއި ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ހަތަރު މައްސަލައެއް ހިމެނެ އެވެ.

މިދިޔަ މަހު ޖެންޑާ މިނިސްޓްރީއަށް ރިޕޯޓް ކުރި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައީ ކުޑަކުދިންނަށް އެކި ބާވަތުގެ ގޯނާ ކުރާ މައްސަލަތަކަށްވާއިރު، ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުޑަކުއްޖަކަށް އެ ކުއްޖާގެ ކާފަ އާއި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލައެއްގައި ގައުމު ވަނީ ހޫނުވެފަ އެވެ. މިދިޔަ މަހު ފެންމަތިވި އެ މައްސަލައަށް ފަހުގައި އެ ބާވަތުގެ އިތުރު މައްސަލަތައް އަންނަނީ ހާމަވެ ފުލުހަށާއި ޖެންޑާއަށް ރިޕޯޓް ކުރެވެމުންނެވެ.

ހައްގުތަކުން ކުޑަކުދިން މަހުރޫމު ކުރުމުގެ 17 މައްސަލައެއް ވެސް މިދިޔަ މަހު ވަނީ ރިޕޯޓް ކޮށްފަ އެވެ. އޭގެ ތެރޭގައި ވެކްސިން ނުދިނުމުގެ ހަތް މައްސަލައަކާއި، ތައުލީމަށް ހުރަސް އެޅުމުގެ ހަ މައްސަލައަކާއި، އުފަންވުން ރަޖިސްޓްރީ ނުކުރުމާ ބެހޭ ދެ މައްސަލައަކާއި، ސިއްހީ ފަރުވާއަށް ހުރަސް އެޅުމުގެ މައްސަލައަކާއި ގަދަކަމުން ކުއްޖަކާ ކައިވެނި ކުރުމުގެ މައްސަލައެކެވެ.

ހައްގުތަކުން ކުޑަކުދިން މަރުހޫމު ކުރުމުގެ މައްސަލަތަކެއް ރިޕޯޓް ކުރެވިފައިވާއިރު، ދީނުގެ ނަމުގައި ހަރުކަށި ފިކުރު ފަތުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ ބަޔަކު ހޯދަން ރ. މަޑުއްވަރީގައި ފުލުހުން މިދިޔަ މަހު ހިންގި އޮޕަރޭޝަނާ ގުޅޭ ގޮތުން ފުލުހުން ބުނެފައި ވަނީ އެ ރަށުގައި ހަރުކަށި ފިކުރު ފަތުރާ ބޮޑުންތަކެއް ކުޑަކުދިން ހައްގުތަކުން މަރުހޫމްކޮށް ކައިވެނީގެ ނަމުގައި ކުދިންނާ ގުޅުން ހިންގަމުންދާ ކަމަށެވެ.

ދެން އެންމެ ގިނައިން ހުށަހެޅިފައި ވަނީ ގެވެށި އަނިޔާއާއި ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ ބާވަތުގެ މައްސަލަތެކެވެ. އޭގެ 44 މައްސަލައެއް މިދިޔަ މަހު ޖެންޑާއަށް ވަނީ ރިޕޯޓް ކޮށްފަ އެވެ.

އޭގެ ތެރޭގައި ޖިސްމާނީ ގޯނާގެ 18 މައްސަލައަކާއި، ނަފުސާނީ އަނިޔާގެ 11 މައްސަލައަކާއި ބިރު ދެއްކުމުގެ ހަ މައްސަލައަކާއި، އިހުމާލުވުމުގެ ދެ މައްސަލައަކާއި، ރޭޕް ކުރުމުގެ ދެ މައްސަލައަކާއި، ޖިންސީ ގޯނާގެ މައްސަލައަކާއި، ފާރަލުމުގެ މައްސަލައަކާއި، ޖިންސީ ފުރައްސާރައިގެ މައްސަލައަކާއި، މުދަލަށް ގެއްލުން ދިނުމުގެ މައްސަލައަކާއި ނުފޫޒު ފޯރުވުމުގެ މައްސަލައެއް ހިމެނެ އެވެ.

އެކި ބާވަތުގެ ކުށް ކުރާ ކުޑަކުދިންނާ ގުޅޭ ހަތް މައްސަލައެއް ވެސް ރިޕޯޓް ކޮށްފައިވާއިރު، އަމުރަށް ނުކިޔަމަންތެރިވުމުގެ މައްސަލައަކާއި މަސްތުވާތަކެތި ބޭނުން ކުރުމުގެ މައްސަލައަކާއި ތަންތަނަށާއި ތަކެއްޗަށް ގެއްލުން ދިނުމުގެ މައްސަލައެއް އޭގެ ތެރޭގައި ހިމެނެ އެވެ.

ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު ރިޕޯޓް ކޮށްފައި ވަނީ އާއިލީ 30 މައްސަލައެކެވެ. އޭގެ ތެރޭގައި ހިމެނެނީ ހަޟާނާ ނުވަތަ ކުދިންނާ ބައްދަލު ކުރެވޭ 20 މައްސަލައަކާއި، ކުދިން ބެލުމުގައި ޖެހޭ ނުވަ މައްސަލައަކާއި، ދަރިންގެ ހަރަދު ދިނުމުގައި ދިމާވާ މައްސަލައެކެވެ.