ހަބަރު

"މަގުމަތިން ފޮށުނަސް ކައިރީގައި ތިބި ބަޔަކު އެކަން ހުއްޓުވަންޖެހޭ"

Jul 9, 2020
4

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވޭނީ ދައުލަތުގެ ހުރިހާ އިދާރާތަކާއި އަމިއްލަ ޖަމިއްޔާތަކުގެ އިތުރުން އާއްމު ފަރުދުންވެސް އެކުގައި މަސައްކަތް ކޮށްގެންކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ މިއަދު ވިދާޅުވެއްޖެ އެވެ.

އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށް ގައުމީ ފެންވަރުގައި މިއަދު ބޭއްވި މަޝްވަރާ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އައިޝާ ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވޭނީ އެންމެ މުއައްސަސާއެއްގެ މަސައްކަތުން އެކަނި ނޫން ކަމަށާއި، އެފަދަ މައްސަލަތައް ހުއްޓުވަން މުޅި މުޖުތަމައު އެކީގައި މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"މަގުމަތިން ފޮށުނަސް ވަގުތުން ކައިރީގައި ތިބި ބަޔަކު އެކަން ހުއްޓުވަންވީ. ޖިންސީ އަނިޔާ ލިބޭ ވާހަކަ އަޑުއިވޭއިރަށް ކަމާބެހޭ ފަރާތްތަކަށް މައްސަލަ ހުށައެޅުމަށް އެހީތެރި ވެދޭންވީ،" މިނިސްޓަރު ވިދާޅުވި އެވެ.

ޔުނިސެފްގެ އެހީތެރިކަމާއެކު ބޭއްވި ބައްދަލުވުމުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ އަންހެނުންނާއި ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވުމަށްޓަކައި ނިޒާމްގައި ހުރި މައްސަލަތައް ހައްލުކޮށް އަނިޔާގެ ޝިކާރައަކަށްވާ ފަރާތްތަކަށް ރައްކާތެރިކަން ފޯރުކޮށްދެވޭނެ ގޮތްތައް ހޯދުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ.

"އިޖުތިމާއީ މިފަދަ މަސައްކަތްތަކަކީ މުޖްތަމައުގެ އަފްރާދުންނާއި އަމިއްލަ ޖަމިއްޔާ ޖަމާއަތްތަކާއި ސަރުކާރުގެ ކަމާބެހޭ އެންމެހާ އިދާރާތައް އެކުގައި މަސައްކަތްކޮށްގެން މެނުވީ ނުކުރެވޭނެ މަސައްކަތެއް،" އައިޝާ ވިދާޅުވި އެވެ.

މިއަދުގެ ބައްދަލުވުމުގައި އޭޖީ އަދި ޕީޖީ އޮފީހުގެ އިތުރުން ފުލުހުންނާއި މަދަނީ ޖަމިއްޔާތަކުން ބައިވެރިވެފައިވާކަމަށް ޖެންޑާއިން ބުންޏެވެ.

ޖެންޑާ މިނިސްޓްރީން މިފަދަ ބައްދަލުވުމެއް ބާއްވާފައިމިވަނީ، ފަހަކަށް އައިސް ޖިންސީ ގޯނާގެ މައްސަލަތައް ވަނީ އިތުރުވެފައިވާ ދަނޑިވަޅެއްގަ އެވެ.

އެގޮތުން ދާދި ފަހުން ސަފާރީއެއްގައި އަންހެނަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފެންމަތިވެ، އެ މައްސަލަތަކާ ގުޅިގެން މާލޭގައި މުޒާހަރާ ވެސް ކުރި އެވެ.

އޭގެފަހުން ދެ ރަށެއްގައި 18 އަހަރު ނުފުރޭ ދެ ކުއްޖަކު ރޭޕްކުރި މައްސަލައެއް ވެސް ރިޕޯޓްކުރި އެވެ. އެ ދެ ކުދިން ވެސް ބަނޑުބޮޑެވެ. އެ ދެ މައްސަލާގައި ވެސް މިހާރު ވަނީ ތުހުމަތުވާ މީހުން ހައްޔަރުކޮށްފަ އެވެ.

އަދި މުވައްޒަފުންތަކަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލަތަކެއް ފެންމަތިވެގެން، ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު މިއަދު ވަނީ މަގާމުން ވަކިކޮށްފަ އެވެ.