މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

މިދިޔަ މަހު ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރި 30 މައްސަލަ

May 26, 2022

މިދިޔަ އޭޕްރީލް މަހު ކުޑަކުދިންނަށް ޖިންސީ ގޯނާކުރި 30 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ޖެންޑާ މިނިސްޓްރީގެ ތަފާސް ހިސާބުތަކުން ދައްކައިފި އެވެ.

ޖެންޑާ މިނިސްޓްރީއަށް ހުށަހަޅާ މައްސަލަތަކުގެ މައުލޫމާތު ހިއްސާކުރުމަށް ކޮންމެ މަހަކު އާންމުކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ މިނިސްޓްރީ އަށް މިދިޔަ މަހު ޖުމްލަ 184 މައްސަލަ ރިޕޯޓުކޮށް، ބަލަން ފަށައިފައިވެ އެވެ.

އެހެން މަސްތަކެކޭ އެއްގޮތަށް، މިދިޔަ މަހު ވެސް އެންމެ ގިނައިން އެ މިނިސްޓްރީއަށް ހުށަހަޅާފައި ވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. ޖުމްލަ 103 މައްސަލައެއް ހުށަހަޅާފައިވާއިރު އެންމެ ގިނައީ ޖިންސީ ގޯނާގެ މައްސަލަތަކެވެ. އެގޮތުން ޖިންސީ ގޯނާގެ 30 މައްސަލައެއް ހުށަހަޅާފައިވެ އެވެ. އަދި ޖިސްމާނީ ހާނިއްކައިގެ 29 މައްސަލަ އާއި އިހުމާލުގެ 16 މައްސަލައެއް ހުށަހަޅާފައިވެ އެވެ. ނަފްސާނީ ހާނިއްކައިގެ 10 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ވެސް ތަފާސްހިސާބުތަކުން ދައްކަ އެވެ.

މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަން ބޭނުންވެގެން 11 މައްސަލަ ޖެންޑާ މިނިސްޓްރީއަށް މިދިޔަ މަހު ހުށަހަޅާފައިވެ އެވެ.

މިދިޔަ މަހުގެ ދައުލަތުގެ ބެލުމުގެ ދަށަށް ތިން ކުއްޖަކު ނަގައިފައިވެ އެވެ. މިދިޔަ މަހުގެ ނިޔަލަށް ޖެންޑާގެ ބެލުމުގެ ދަށުގައި ތިބީ 201 ކުދިންނެވެ.

ޖެންޑާ މިނިސްޓްރީ އިން ކޮންމެ މަހަކު ތަފާސްހިސާބު ނެރޭއިރު، އަބަދުވެސް އެންމެ ގިނައިން ހުށަހަޅާފައި ހުންނަނީ ކުޑަކުދިންނަށް ކުރާ އެކި އަނިޔާގެ މައްސަލަތަކެވެ. އެންމެ ގިނައިން ހުންނަނީ ޖިންސީ ގޯނާގެ މައްސަލަތަކެވެ.