ހަބަރު

ޖިންސީ ގޯނާއާ ދެކޮޅަށް އެއްވަނީ

ޖިންސީ ގޯނާއާ ދެކޮޅަށް އަޑު އުފުލަން މިއަދު ހަވީރު މާލެ މަގުމައްޗަށް އެއްވާން ނިންމައިފި އެވެ.

"އެންމެން ޖިންސީ ގޯނާ އާ ދެކޮޅަށް" ނަމުގައި ހިޔާލު ފާޅުކޮށް އަޑުއުފުލުމަށް މިއަދު ހަވީރު އެއްވަނީ މަޖީދީ މަގު، ޖެންޑާ މިނިސްޓްރީ ހިންގާ އިމާރާތް ކައިރީ އެވެ. މި އެއްވުން އިންތިޒާމްކޮށްފައި ވަނީ "ވޮއިސް އޮފް ޗިލްޑްރަން" އިންނެވެ.

މި އެއްވުމުގައި ބައިވެރިވާއިރު، ސިއްހީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށާއި ގައިދުރު ކުރުމަށް އެ ޖަމިއްޔާއިން ވަނީ އެދިފަ އެވެ.

މި އެއްވުން ބާއްވަނީ ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތަކަކީ ދޮގެއް ކަމަށާ އެ ރޭ ސަފާރީގައި ހިނގީ އެއަށްވުރެ މާ ކުޑަ ކަމެއް ކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވުމާ ގުޅިގެނެވެ. މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގެ އަޑުން ރޭ ފޮނުވި ޕްރަގްރާމެއްގަ އެވެ.

އިމްރާން ވިދާޅުވީ އެ ރޭ ސަފާރީގައި ހިނގީ ރޭޕަކަށްވުރެ މާ ކުޑަ ކަމެއް ކަަމަށާ އެއީ އާންމުތަނެއްގައި ހުރެ ވެސް މީހަކު ކޮށްފާނެ ފަދަ ކަމެއް ކަމަށެވެ. އަދި ބައެއްގެ ތެރޭގައި އެކަން މީހަކު ކުރި ނަމަވެސް އެއީ ހިނގި ކަމެއްކަން ނޭނގޭ ގޮތަށް ވެސް ކުރެވިދާނެ ކަމެއް ކަމަށެވެ. ނަމަވެސް އެއީ ކޮން ކަމެއްކަން އާންމު ފޯރަމެއްގައި ދަންނަވަން ފަސޭހަ ނޫން ކަމަށް ވިދާޅުވި އެވެ.

މި މައްސަލައިގައި ހޯމް މިނިސްޓަރު އެހެން ވިދާޅުވުމުން ގިނަ ބަޔަކު ދަނީ ސަރުކާރަށް ފާޑު ކިޔަމުންނެވެ. އަދި މިފަދަ ވާހަކަތައް ދެއްކުމަކީ ޖިންސީ ފުރައްސާރައަށް ދެވޭ ހިތްވަރެއްގެ ގޮތުގައި ވެސް ބައެއް މީހުން ފާހަގަ ކުރެ އެވެ.

ވޮއިސް އޮފް ޗިލްރަން އިން ވަނީ މީގެ ކުރިންވެސް ޖިންސީ ފުރައްްސާރައިގެ އެކި މައްސަލަތަކުގައި މާލޭ މަގުމައްޗަށް އެއްވެ އަޑު އުފުލާފަ އެވެ.