ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ އާ މަގުމަތިން ދިމާކޮށް، ނުރުހުން ފާޅުކޮށްފި އެވެ.
އެ ހާދިސާގެ ވީޑިއޯއެއް މިހާރު އާއްމުވެފައިވާއިރު، އެ ވީޑިއޯގައި ފެންނަނީ ރައީސް އޮފީސް ކައިރިން މިނިސްޓަރު އިމްރާން ހިންގަވާފައި ވަޑައިގަންނަވާއިރު ސައިކަލެއްގައި އިން އަންހެނަކު އިމްރާނާ ދިމާކޮށް، ނުރުހުންފާޅު ކުރަމުންދާ މަންޒަރެވެ.
އިމްރާންގެ އަރިހުގައި ސެކިޔުރިޓީން ތިބިއިރު އެ އަންހެން މީހާ ހުއްޓުވަން މަސައްކަތް ކުރާ ތަނެއް ވެސް ވީޑިއޯއަކުން ނުފެނެ އެވެ. އަދި އިމްރާން ވެސް އެ މީހާއަށް ރައްދު ދެއްވާ މަންޒަރެއް ނުފެނެ އެވެ.
އެ މީހާ އިމްރާނަށް އަމާޒުކޮށް ދެއްކި ވާހަކަތަކެއް ވީޑިއޯއަކުން ސާފު ނުވި ނަމަވެސް، މައުލޫމާތު ލިބޭ ގޮތުގައި އިމްރާން އާ ދިމާ ކޮށްފައި ވަނީ، އިމްރާނުގެ ފަރާތުން ޖިންސީ ގޯނާ ކުރިމަތިވި ކަމަށް ތުހުމަތު ކުރާ އަންހެނެކެވެ.
މި ހާދިސާ ހިނގާފައިވަނީ، ސަރުކާރުގެ ކޯލިޝަން ލީޑަރެއްގެ ގޮތުން ކެބިނެޓްގެ ނުފޫޒުގަދަ މަގާމަކަށް ވަޑައިގެން ހުންނެވި އިމްރާންއާ ދެކޮޅަށް ޖިންސީ ގޯނާގެ ތުހުމަތުތަކެއް ކޮށްފައި ވަނިކޮށެވެ.
އޭނާގެ އެ ތުހުމަތުތަކާއެކު އޯޑިއޯއެއް ސޯޝަލް މީޑިއާގައި ވަނީ ލީކްވެސް ވެފަ އެވެ. އެ އޯޑިއޯގައި އަންހެން މީހާ ވަނީ އަދާލަތު ޕާޓީގެ އޮފީހަށް ގެންގޮސް އޭނާއަށް އިމްރާން ޖިންސީ ގޯނާ ކުރި ކަމުގެ ވާހަކަތަކެއް ކިޔައިދީފަ އެވެ. އޭނާ ކިޔައިދީފައިވާ ގޮތުގައި މިނިސްޓަރުގެ ފަރާތުން ގިނަ އަންހެނުންތަކަށް ވަނީ ފުރައްސާރަ ކުރިމަތިވެފަ އެވެ.
އޯޑިއޯގައި "ޔުމްނާ" އެއްގެ ވާހަކަ ވެސް ދައްކަ އެވެ. ބެލެވޭ ގޮތުގައި އެއީ އިމްރާން މިހާރު ކައިވެނި ބައްލަވައިގެން އުޅުއްވާ ޖެންޑާ މިނިސްޓްރީގެ ޑެޕިއުޓީ ޔުމްނާގެ ވާހަކަ އެވެ. އޭނާއަށް އެ ވާހަކަތައް ކުރިން ވެސް ހިއްސާކޮށްފައިވާނެ ކަމާއި ނަމަވެސް އެކަމުގައި ހިމޭނުން ހުންނަކަން ދޭހަވާ ގޮތަކަށް އޯޑިއޯގައި އެ އަންހެން މީހާ ބުނެ އެވެ. އަދި އިމްރާންގެ ފުރައްސާރައިގެ ވާހަކަތަކުގެ ގިނަ ވާހަކަތަކެއް އޭނާ އަދިވެސް ހިއްސާ ކުރަމުން ދާނެ ކަމާއި މަޑު ނުހުންނާނެ ކަމަށް ވެސް ބުނެ އެވެ.
މި ތުހުމަތުތަކާ ގުޅޭ ގޮތުން އިމްރާން މިހާތަނަށް އެއްޗެއް ވިދާޅެއް ނުވެ އެވެ. ސޯޝަލް މީޑިއާގައި އިމްރާނަށް ވަނީ ވަރަށް ބޮޑަށް ފާޑުކިޔުންތައް ވެސް އަމާޒުވެފަ އެވެ. މި މައްސަލައާ ބެހޭ ގޮތުން ޖެންޑާ މިނިސްޓްރީ އާއި ފުލުހުން ވާހަކަ ދެއްކުމަށް ވެސް ގިނަ ބަޔަކު ވަނީ ގޮވާލާފަ އެވެ.
މިދިއަ ޖުލައި މަހުގެ ތެރޭގައި ފެންމަތިވި މައްސަލާގައި، އެ އޯޑިއޯގެ ސައްހަކަން ބަލަމުން އަންނަކަމަށް ބުނި ނަމަވެސް، އޭގެ ފަހުން އެކަމުގެ އެއްވެސް މައުލޫމާތެއް ހާމަކޮށްފައިއެއް ނުވެ އެވެ.
އިމްރާން އާ ދެކޮޅަށް އިދިކޮޅުން މިދިއަ މަހު ހުށަހެޅި އިތުބާރުނެތްކަމުގެ މައްސަލައިން އޭނާ ވަނީ ސަލާމަތްވެފައި އެވެ.
އިދިކޮޅު ކޯލިޝަނުން އިސްވެ، 11 މެންބަރުންގެ ސޮއި އާއެކު އިމްރާން އާ ދެކޮޅަށް އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމާ ގުޅުވައި ދެއްކި ޑޮކިއުމަންޓްތަކާ ގުޅޭގޮތުން މަޖިލީހަށް އިތުރުފުޅު ހައްދަވާފައިވާ ކަމަށް ބުނެ އެވެ.
އަދި ހުޅުމާލެ ފަޅުތެރޭގައި އޮތް ސަފާރީއެއްގައި ބިދޭސީ އަންހެނަކު ރޭޕް ކޮށްފައިވާ ކަމަށް ބުނެ ފެތުރުނު ވާހަކަތައް ހޯމް މިނިސްޓަރުގެ މަގާމުގައި ހުންނަވައިގެން އިމްރާން އޮޅުވާލައްވައި، ތަހުގީގަށް ހުރަސްއެޅޭ ގޮތަށް އަމަލު ކުރައްވާފައިވާ ކަމަށްވެސް އިދިކޮޅުން ބުނެފައިވެ އެވެ.
ރައްޔިތުންގެ މަޖިލިސް ކޮންޓްރޯލްކުރާ ވެރިކަންކުރާ އެމްޑީޕީ މެންބަރުންގެ ތާއީދު ނެތި، އެ މައްސަލަ ފާހެއް ނުވި އެވެ.