އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަަށް ޖިންސީ ގޯނާ ކުރި މައްސަލައާ ގުޅިގެން ކަމާގުޅޭ މުއައްސަސާތައް ހާޒިރުކޮށް މިއަދު ބާއްވަމުންދާ ރައްޔިތުންގެ މަޖިލީހުގެ ހިއުމަންރައިޓްސް އެންޑް ޖެންޑާ ކޮމެޓީގެ ބައްދަލްވުން ސިއްރު ކޮށްފި އެވެ.
އައްޑޫސިޓީ ހިތަދޫގައި ހަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި އެ ރަށުގައި ވަނީ ވަރަށް ބޮޑަށް ކަންބޮޑުވުން އުފެދިފައެވެ. އަދި އެ މައްސަލައާ ގުޅިގެން ފުލުހުޖް އަމަލު ކުރަމުންދާ ގޮތާމެދު އެ ރަށުގެ ރައްޔިތުން ސުވާލު އުފައްދައެވެ.
ހިތަދޫ ބައެއް މީހުން ބުނާ ގޮތުން ކުއްޖާއަށް ޖިންސީ ގޯނާ ކުރި މީހާއަށް ވަނީ ހިމާޔަތް ދީފައެވެ. އަދި ހައްޔަރު ކުރީ މައްސަލައާ ގުޅުންވެސް ނެތް މީހެކެވެ. ކުއްޖާއަށް ޖިންސީ ގޯނާކުރީ އެ ކުއްޖާގެ ކާފަ ކަމަަށް ތުހުމަތުތައް އޭނާގެ ފޮޓޯވެސް ވަނީ އާންމުކޮށްފައެވެ. އަދި ނުފޫޒު ގަދަ ބައެއްގެ އެހީގައި އޭނާ މިހާރު އިންޑިއާއަށް ފުރުވާލާފައިވާ ކަމަަށްވެސް ބުނެއެވެ.
މި މައްސަލާގައި ތަފާތު ވާހަކަތައް ދެކެވެމުންދާތީ އެކަމުގެ ހަގީގަތް ހޯދުމަށް ކަމާގުޅޭ އިދާރާތައް މަޖިލީހުގެ ކޮމެޓީއަށް ހާޒިރު ކުރުމަށް ހުށައެޅުއްވީ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމެވެ.
އެ ކޮމެޓީގެ ބައްދަލްވުން މިއަދު ކުރިއަށްދާއިރު މި ބައްދަލްވުމަށް ދިވެހި ފުލުހުންގެ ހިދުމަތާއި ޖެންޑާ މިނިސްޓްރީ އާއި އެޗްއާރްސީއެމް އަދި އެޑިއުކޭޝަން މިނިސްޓްރީ އާއި މި ހާދިސާ ހިނގި އައްޑޫ ސިޓީގެ ކައުންސިލް މެންބަރުން ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަަށް ވަނީ ހަމަޖެހިފައެވެ.
މިއަދުގެ ކޮމެޓީ ބައްދަލްވުން ސިއްރު ކުރީ މައްސަލައިގެ ބާވަތުގެ ސަބަބުންނެވެ. މީގެ ކުރީންވެސް މިފަދަ މައްސަލަތަކާ ގުޅޭ ބައްދަލްވުންތައް ސިއްރު ކުރެއެވެ.
މި މައްސަލައާ ގުޅިގެން ދިވެހި ފުލުހުންގެ ހިދުމަތުން ބުނީ އެ މައްސަލައާ ގުޅިގެން އާންމުން ފުލުހުންނާ ހިއްސާ ކުރާ މައުލޫމާތުތަކާއި ގުޅިގެން އިތުރަށް ބަލަން ޖެހޭ ކަންކަން ބެލުމާއި މައްސަލައާ ގުޅޭ ހެއްކާ ގަރީނާ ހޯދުމުގެ މަސައްކަތާއި އިތުރު މީހެއްގެ ބައިވެރިވުން އެކަމުގައި އޮތްތޯ ބެލުމުގެ މަސައްކަތް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.
އެ މައްސަލާގައި ހައްޔަރު ކުރި 59 އަހަރުގެ ދިވެހި އަންހެން މީހާ ޝަރީއަތުން ވަކި ގޮތެއް ނިންމަންދެން ބަންދުގައި ބެހެއްޓުމަށް ކޯޓުން އަމުރު ކޮށްފައިވާ ކަމަށެވެ. އަދި ކުއްޖާއަށް ޖިންސީ އަނިޔާއެއް ލިބިފައިވޭތޯ ބަލަން މެޑިކަލް އެސެސްމަންޓް ހަދާފައިވާ ކަމަަށެވެ.
އަދި މައްސަލައިގެ ތަހުގީގަށް ބޭނުންވާ ކުއްޖާގެ ނަފްސާނީ ހާލަތާ ގުޅޭ އެެސެސްމަންޓާއި ކުއްޖާއަށް ބޭނުންވާ ރައްކާތެރިކަން ފޯރުކޮށް ދިނުމަށް ކުރަން ޖެހޭ މަސައްކަތް ކުރަމުންދާ ކަމަށެވެ.
ފުލުހުން ވަނީ މި މައްސަލާގައި ކުރަން ޖެހޭ ތަހުގީގާއި އަޅަން ޖެހޭ ފިޔަވަޅުތައް ލަސްނުކޮށް އަޅަމުން ގެންދާނެ ކަމުގެ ޔަގީންކަންވެސް ދީފައެވެ.