އައްޑޫގައި އުމުރުން ހަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަންހެން މީހާއާ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރްސީއެމް)ގެ ޓީމަކުން ބައްދަލުކޮށްފި އެވެ.
އެޗްއާރްސީއެމް އިން އަންހެން މީހާއާ ބަދަލުކޮށްފައި މިވަނީ އެ އަންހެން މީހާ ހައްޔަރުކޮށްފައިވަނީ ފްރޭމްކޮށްގެން ކަމަށް ބުނެ އޭނާގެ ދިފާއުގައި އައްޑޫގެ ބައެއް ރައްޔިތުން ސޮއިކޮށް އެޗްއާރްސީއެމް އަށް ހުށަހަޅާފައިވާ ޕެޓިޝަނަކާ ގުޅިގެންނެވެ.
އެޗްއާރްސީއެމް އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ މައްސަލައިގެ ތުހުމަތުގައި އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފައިވާތީ އާންމުންގެ ފަރާތުން ކަންބޮޑުވުންތަކެއް ފާހަގަކޮށް ކޮމިޝަނަށް ޕެޓިޝަނެއް ހުށަހަޅާފައިވާ ކަމަށެވެ.
އަންހެން ކުއްޖާ އަށް ޖިންސީ އަނިޔާ ލިބުނު މައްސަލަ ކަމާ ގުޅޭ އިދާރާތަކުން ބަލަމުންދާ ކަން އެޗްއާރްސީއެމްގެ ސަމާލުކަމަށް އައިސްފައިވަނީ މިދިޔަ މާޗް 24 ވަނަ ދުވަހު އެވެ.
އެ ދުވަހުން ފެށިގެން އަނިޔާ ލިބުނު ކުއްޖާގެ ހައްގު ހޯދައިދިނުމަށް މުއައްސަސާތަކުން ކުރަމުންދާ މަސައްކަތްތައް ބަލަމުންދާ ކަމަށާއި އެގޮތުން ޖެންޑާ މިނިސްޓްރީއާއި ފުލުހުން އަމަލުކުރަމުންދާ ގޮތް އެޗްއާރްސީއެމް އިން ގާތުން ބަލަމުންދާ ކަމަށް ބަޔާނުގައިވެ އެވެ.
އެޗްއާރްސީއެމް އިން ބުނީ ހައްޔަރުކޮށްފައިވާ އަންހެން މީހާގެ ހާލު ބެލުމުގެ އިތުރަށް އޭނާ ބަަލަހައްޓަމުން ގެންދިޔަ ސްކޫލަށްދާ އުމުރުފުރައިގެ އޭނާ އަށް މާމަ ކިޔާ ތިން ކުދިން ދިރިއުޅޭ މާހައުލަށް ޒިޔާރަތްކޮށް އެކުދިންގެ ހާލު ވެސް ބަލާފައިވާނެ ކަމަށެވެ. އެ ކުދިންގެ ހާލަތު ޖެންޑާ މިނިސްޓްރީން މޮނިޓާ ކުރަމުންދާ ކަމަށްވެސް ބުނެފައިވެ އެވެ.
އަންހެން ކުއްޖާ އަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ބަންދުކޮށްފައިވާ އަންހެން މީހާގެ ފަރާތުން ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަަލައެއް އެ ކޮމިޝަނުން ތަހުގީގު ކުރަމުންދާ ކަމަށްވެސް އެޗްއާރްސީއެމުން ބުނެފައިވެ އެވެ.
"މިމައްސަލައާއި ގުޅުންހުރި ފަރާތްތަކުގެ ހައްގުތައް ކަށަވަރުކުރުމުގައި މިކޮމިޝަނުގެ އިހްތިސާސްގެ ތެރެއަށް ފެތޭކަންކަން ބަލަމުންދާނެ ކަމުގެ ޔަގީންކަން އެންމެހާ ރައްޔިތުންނަށް އަރުވަމެވެ." އެޗްއާރްސީއެމްގެ ބަޔާނުގައިވެ އެވެ.