މިނިސްޓްރީ އޮފް ޖެންޑާ އެންޑް ފެމިލީ

ކުދިންގެ ޖިންސީ ގޯނާކުރި 30 މައްސަލަ

Dec 2, 2021

މިދިޔަ އޮކްޓޯބަރު މަހު ޖެންޑާ މިނިސްޓަރީއަށް ހުށަހެޅި އެކި މައްސަލަތަކުގެ ތެރޭގައި އެންމެ ގިނައިން ހުށަހަޅައި އަދި ބަލަން ފަށައިފައި ވަނީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތައް ކަމަށް އެ މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކައިފި އެވެ.

ޖެންޑާ މިނިސްޓްރީ އިން ކޮންމެ މަހަކު އާންމު ކުރާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި, މިދިޔަ އޮކްޓޯބަރު މަހު ކުޑަކުދިންނަށް އެކި ބާވަތުގެ އަނިޔާ ކޮށްގެން 95 މައްސަލައެއް މިނިސްޓްރީއަށް ހުށަހެޅުމުން ވަނީ ބަލަން ފަށައިފަ އެވެ. އޭގެ ތެރެއިން ވެސް އެންމެ ގިނައީ ކުޑަކުދިންނަށް ޖިންސީ ގޯނާކުރާ މައްސަލަތަކެވެ. ޖިންސީ ގޯނާގެ 30 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ.

ކުޑަކުދިންނަށް އިހުމާލުވި 20 މައްސަލައެއް އެ މަހު ހުށަހަޅާފައިވާއިރު ގެވެށި އަނިޔާ ކުރާތަން ކުދިންނަށް ދެއްކި 16 މައްސަލައެއް ވަނީ ހުށަހަޅައިފަ އެވެ. އަދި ޖިސްމާނީ ހާނިއްކައިގެ 12 މައްސަލަ އަދި ކުދިންނަށް ނަފްސާނީ ހާނިއްކައިގެ 10 މައްސަލައެއް ވަނީ ހުށަހަޅައި ބަލަން ފަށައިފަ އެވެ.

މީގެ އިތުރުން އެ ތަފާސްހިސާބުން ދައްކާގޮތުގައި މީހަކު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ 45 މައްސަލައެއް ވަނީ އޮކްޓޯބަރު މަހު ބަލަން ފަށައިފަ އެވެ. އޭގެތެރޭގައި ޖިސްމާނީ އަނިޔާކުރުމުގެ 13 މައްސަލަ ހިމެނެ އެވެ.

އޮކްޓޯބަރު މަހު ޖެންޑާ މިނިސްޓްރީއަށް ހުށަހެޅި މައްސަލަތަކުގެ ތެރޭގައި އަމިއްލަ ނަފްސަށް ގެއްލުން ދިނުމުގެ ހަތް މައްސަލަ ހުށަހެޅި އެވެ.

ޖެންޑާ މިނިސްޓްރީ އިން އާންމުކޮށް ނެރޭ ތަފާސްހޮސާބުތަކުން އަބަދުވެސް އެންމެ ގިނައީ ކުޑަކުދިންނަށް ކުރާ އެކި ބާވަތުގެ އަނިޔާގެ މައްސަލަތަކެވެ. ޖިންސީ ގޯނާ އާއި ޖިސްމާނީ އަނިޔާތަކުގެ މައްސަލަތައް އަބަދު ވެސް ގިނަ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.