ދިވެހިރާއްޖެ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތުގައި
NUMBER OF CASES
އައިޝަތު މުހައްމަދު ދީދީ

"އަންހެނުންގެ ބައިވެރިވުން އިތުރު ކުރަންޖެހޭ"

ދެމެހެއްޓެނިވި މާދަމާއަކަށް، އަންހެނުންގެ ބައިވެރިވުމާއި، އަންހެނުންގެ ހިއްސާ އިތުރުކުރަން ޖެހޭ ކަމަށް ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު މިހެން ވިދާޅުވީ ބައިނަލްއަގްވާމީ އަންހެނުންގެ ދުވަހުގެ މުނާސަބަތުގައި ދެއްވި ހިތޯބްގަ އެވެ.

މިނިސްޓަރު ވިދާޅުވީ މި ދުވަހުގެ މަގްސަދަކީ، އަންހެނުންނަށް ލިބިފައިވާ ހައްގުތައް ކަށަވަރުކުރުމަށާއި އަންހެނުންގެ ހާލަތު ރަނގަޅު ކުރުމަށް އެކި ދާއިރާތަކުން ހޯދާފައިވާ ކާމިޔާބީތައް ފާހަގަކޮށް، ރާއްޖޭގައި އަންހެނުން ބާރުވެރި ކުރުމަށާއި މިންތީގެ ހަމަހަމަކަން ގާއިމުކުރުމަށް އެކި ފަރާތްތަކުން ކުރަމުންދާ މަސައްކަތްތަކުގެ އަގުވަޒަންކުރުން ކަމަށެވެ.

މި ދުވަސް ފާހަގަކުރުމުގެ ގޮތުން ޔޫއެންވިމެން އިން މިއަހަރުގެ ޝިއާރު ކަމުގައި ކަނޑައަޅާފައިވަނީ "ދެމެހެއްޓެނިވި މާދަމާއަކަށް، މިންތީގެ ހަމަހަމަކަން މިއަދު." މި ޝިއާރެވެ.

މިނިސްޓަރު ވިދާޅުބީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވާ ކަންކަމުން އަރައިގަތުމަށްޓަކައި އަންހެނުން އަދާކުރަމުންދާ ދައުރާއި، އަންހެނުންގެ ތަޖުރިބާރަތައް ދެނެގަނެ، ފާހަގަކުރުމަކީ މުހިންމުކަމެއް ކަމަށެވެ. އަދި ދެމެހެއްޓެނިވި މާދަމާއެއް ބިނާކުރަން މަސައްކަތްކުރާއިރު، އެ މަސައްކަތްތަކުގައި އަންހެނުންގެ ފުރިހަމަ ބައިވެރިވުމާއި ހިއްސާ އޮންނަން ޖެހޭނެ ކަމަށެވެ.

ދުނިޔޭގެ ގިނަ ގައުމުތަކުގައި، އަދި ރާއްޖޭގައި ވެސް ދިމާވާ ބޮޑެތި ކާރިސާތަކާއި، ކުރިމަތިވާ ހާލަތްތަކުގައި، ނޭދެވޭ އަސަރުތައް ކުރާ އެއް ބަޔަކީ އަންހެނުންނާއި އަންހެން ކުދިން ކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ ކޮވިޑްގެ ހާލަތުގައި ރާއްޖެއަށް ދިމާވި އިގްތިސޯދީ ހީނަރުކަމުގެ ނޭދެވޭ އަސަރުތައް އެންމެ ބޮޑަށް ފެނިގެންދިޔައީ ގިނައިން އަންހެނުން ހަރަކާތްތެރިވާ އިންފޯމަލް ސެކްޓަރުން ކަމަށެވެ.

"ކޮވިޑް ލޮކްޑައުންއަށް ފަހު ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާގެ މައްސަލަތައް ރިޕޯޓުކުރާ މިންވަރު އިތުރުވެގެންދިޔައިރު، މިނިސްޓްރީއަށް ހުށަހެޅިފައިވާ ގިނަ މައްސަލަތަކަކީ އަންހެނުންނަށް ކުރާ އަނިޔާގެ މައްސަލަތް. އަޅުގަނޑުމެންގެ ނިޒާމުތައް މިހާރު ހުރި ގޮތުން، މިފަދަ ކޮންމެ ލޮޅުމެއްގައިވެސް، އޭގެ ނޭދެވޭ އަސަރުތައް އަންހެނުންނާއި އަންހެން ކުދިންނަށް ކުރިމަތިވޭ. ދުނިޔެއަށް ކުރިމަތިވެފައިވާ މޫސުމީ ބަދަލުތަކަކީވެސް މިފަދަ ކަމަކަށް ވެގެންދާނެ." މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެފަދަ ކުދި ޖަޒީރާ ގައުމުތަކަކީ މޫސުމީ ބަދަލުތަކުގެ ސަބަބުން ދިމާވަ ނޭދެވޭ އަސަރުތަކުގެ ބިރު އެންމެ ބޮޑަށް ކުރިމަތިކުރާނެ ގައުމެއް ކަމަށާއި އެފަދަ ހާލަތްތަކުގައި، ކުދިން ސްކޫލަށް ފޮނުވުމަށާއިއި، ސިއްހީ ހިދުމަތްތައް ހޯދުމުގައި ދަތިތައް ކުރިމަތިވެ، ދިމާވާ ގޮންޖެހުންތަކާ އެންމެ ގާތުން ކުރިމަތިލާން ޖެހެނީ އަންހެނުންނަށް ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

އެހެންކަމުން، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ހިމާޔަތްކޮށް، ސިޔާސަތު އެކުލަވާލުމުގައާއި، ކަންކަން ރޭވުމުގައި ބަދަލުތަކެއް ގެންނަން އެބަ ޖެހޭ ކަމަށް ވިދާޅުވި އެވެ. އެ ބަދަލަކީ ކަންކަން ރާވާ، ނިންމާ އަދި ތަންފީޒުކުރާ މަރުހަލާތަކުގައި ދެޖިންސުގެ މައުނަވީ ބައިވެރިވުމާއި، ދެޖިންސުގެ ހިޔާލާ، ފިކުރާއި ތަޖުރިބާ ހިމަނައިގެން ގެނެވޭ ބަދަލަކަށް ވާންޖެހޭނެ ކަމަށް މިނިސްޓަރު ވިދާޅުވި އެބެ.

ދެމެހެއްޓެނިވި މާދަމާއަކަށް، އަންހެނުންގެ ބައިވެރިވުމާއި، އަންހެނުންގެ ހިއްސާ އިތުރުކުރަން އެބަ ޖެހޭ ކަމަށާއި 2030 ވަނަ އަހަރަށް ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލުކުރުމަށާއި، ރާއްޖެއިން ބައިވެރިވެފައިވާ ބައިނަލްއަގްވާމި މުއާހަދާތަކަށް ރިޕޯޓުކުރުމުގައި، އަންހެނުންގެ ހާލަތު ބަދަލުކުރުމަށް އިތުރު މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް ވިދާޅުވި އެވެ.