އެދެވޭ ގޮތުގައި ޖިންސުގެ ހަމަހަމަކަން ހާސިލު ކުރަން ވަރަށް ބޮޑަށް އަދިވެސް މަސައްކަތް ކުރަންޖެހޭ ކަމަށް ރައީސް އިބުރާހިމް މުހައްމަދު ސޯލިހު ވިދާޅު ވެއްޖެ އެވެ.
ރައީސް މިހެން ވިދާޅުވީ އަންހެނުންގެ ދުވަހުގެ މުނަސަބަތާ ގުޅުވައި އދ. ޕްލެޓްފޯމެއްގައި އޮންލައިންކޮށް ވާހަކަފުޅު ދައްކަވަމުންނެވެ.
އެ މަނިކުފާނު ވިދާޅުވީ މުޖުތަމައުގެ ކޮންމެ ދާއިރާ އެއްގައި ވެސް ހަމަހަމަ ކަމާއިއެކު ފުރިހަމައަށް ބައިވެރިވުމުގެ ފުރުސަތު ކޮންމެ އަންހެނަކަށް ވެސް ލިބެންޖެހޭނެ ކަމަށާއި އިސް މަގާމުތަކުގައި އަންހެނުންގެ އަދަދު އިތުރު ކުރުމާއި ކަންކަން ނިންމުމުގައި އަންހެނުންގެ ދައުރު މުހިއްމު ކަމަށެވެ.
މުޖުތަމައުގައި އަންހެނުންގެ ދައުރު އިތުރު ކުރަން ލާމަރުކަޒީ ގާނޫނަށް ވަނީ ބަދަލުތައް ގެނެސްފަ އެވެ. ގާނޫނަށް ގެނައި އެ ބަދަލާއެކު ކޮންމެ އަތޮޅު ކައުންސިލަކާއި ރަށު ކައުންސިލެއްގެ ތިން ބައިކުޅަ އެއްބައި ގޮނޑި އަންހެނުންނަށް ލިބެ އެވެ.
ރައީސް ވިދާޅުވީ އަންނަ އޭޕްރިލް މަހުގެ 10 ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިހާބާއެކު ކަންކަން ނިންމުމުގައި އަންހެނުން ބައިވެރިކުރުން އިތުރު ކުރުމުގެ މަސައްކަތް ހަގީގަތަކަށް ވާނެ ކަމަށެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ އަންހެން ވިޔަފާރިވެރިންނަށް އެހީތެރި ވުމުގެ ގޮތުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ހިންގާ އަންހެނުންނަށް ފަސޭހައިން ލޯނު ލިބޭނެ ފުރުސަތު ފަހި ކޮށްދިނުމަކީ ސަރުކާރުގެ ވަރަށް މުހިއްމު ވައުދެއް ކަމަށެވެ.