އައިޝަތު މުހައްމަދު ދީދީ

ޖެންޑާ މިނިސްޓަރު އައިޝާ އެމްޑީޕީއަށް ސޮއިކުރައްވައިފި

ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ އެމްޑީޕީއަށް ސޮއިކުރައްވައިފި އެވެ.

އެމްޑީޕީގެ އިސް އޮފިޝަލަކު އަވަސްއަށް ވިދާޅުވީ މިނިސްޓަރު އައިޝާ އެމްޑީޕީއަށް ސޮއިކުރީ ރިޔާސީ ދެވަނަ ދައުރަކަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހަށް ތާއީދުކުރެއްވުމަށްފަހު މީގެ ދުވަސްކޮޅެއް ކުރިން ކަމަށެވެ.

"މިނިސްޓަރު އައިޝާ އެމްޑީޕީއަށް ސޮއިކުރިތާ އަދި މާދުވަސްތަކެއް ނުވާނެ. އެހެންވީމާ މިނިސްޓަރަކީ މިހާރު އެމްޑީޕީގެ މެންބަރެއް،" އޭނާ ވިދާޅުވި އެވެ.

މިނިސްޓަރު އައިޝާ މިއަދު ވަނީ އެމްޑީޕީއަށް އަލަށް ސޮއިކުރި 85 މެންބަރުންގެ މެންބަޝިޕް ފޯމުވެސް ރައީސް ސޯލިހާ ހަވާލުކުރައްވާފަ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވި އެމްޑީޕީގެ އޮފިޝަލް ވިދާޅުވީ މިނިސްޓަރު އައިޝާ އެމްޑީޕީއަށް އަލަށް ހޯދައިދިން މެންބަރުންނަކީ މައިގަނޑު ގޮތެއްގައި އައްޑޫ ސިޓީން ހޯދައިދިން މެންބަރުން ކަމަށެވެ.

މިނިސްޓަރު އައިޝާ އެމްޑީޕީއަށް ސޮއިކުރެއްވުމާ ގުޅިގެން ބަންޑާރަނައިބާ އެކު ވަޒީރުންގެ މަޖިލީހުގައި ހިމެނޭ 18 ވަޒީރުންގެ ތެރެއިން 11 ބޭފުޅުން ނިސްބަތްވަނީ އެމްޑީޕީ އަށެވެ.