ހަބަރު

އައިޝާދީއަށް ރުހުން ހޯދަން މަޖިލީހަށް

ޖެންޑާ މިނިސްޓަރު ކަމަށް ދާދި ފަހުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އައްޔަން ކުރެއްވި އައިޝަތު މުހައްމަދު ދީދީ އަށް ރައްޔިތުންގެ މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް ރައީސް ފޮނުއްވައިފި އެވެ.

ގާނޫނު އަސާސީގައިވާ ގޮތުން، ސަރުކާރުގެ ކެބިނެޓަށް ވަޒީރަކު ރައީސް އައްޔަން ކުރެއްވުމަށް ފަހު، އެ ވަޒީރަކު މަގާމުގައި ބެހެއްޓުމަށް މަޖިލީހުގެ ރުހުން ހޯދުމަށްޓަކައި މަޖިލީހަށް އެ މައްސަލަ ރައީސް ފޮނުވަން ޖެހޭނެ އެވެ. އެ މައްދާގައިވާ ގޮތުގެ މަތިން އައިޝަތު މުހައްމަދު ދީދީއަށް ރުހުން ހޯދުމަށްޓަކައި ރައީސް ސޯލިހް ވަނީ އެ މައްސަލަ މަޖިލީހަށް ފޮނުވާފަ އެވެ.

މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ އާ ޖެންޑާ މިނިސްޓަރަށް މަޖިލީހުން ރުހުން ދިނުމުގެ މައްސަލަ ދިރާސާ ކުރުމުގެ ގޮތުން މަޖިލީހުގައި ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލަން އޮންނަ ކޮމިޓީއަށް ފޮނުވާފައިވާ ކަމަށެވެ.

ޖެންޑާ މިނިސްޓަރުގެ މަގާމަށް އައިޝަތު މުހައްމަދު ދީދީ އައްޔަން ކުރެއްވީ، ކުރިން އެ މަގާމުގައި ހުންނެވި ޝިދާތާ ޝަރީފު މަގާމުން އިސްތިއުފާ ދެއްވުމުންނެވެ.

ޝިދާތާ މަގާމުން އިސްތިއުފާ ދެއްވީ، އޭނާގެ އިތުބާރު ނެތް ކަމުގެ ވޯޓެއް މަޖިލީހުން ނެގުމަށްޓަކައި އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕް އިން ފާސްކޮށްފައި ވަނިކޮށެވެ. މަޖިލީހުގެ ސުޕަ މެޖޯރިޓީ އޮންނަ އެމްޑީޕީން އެ ގޮތަށް ފާސްކުރީ، ކުޑަކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި ޝިދާތާގެ އިހުމާލު އެބަ އޮތް ކަމަށް ބުނެ އެވެ.

ޖެންޑާ މިނިސްޓަރު ކަމަށް އައިޝަތު ދީދީ އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ، އިންޑީއާ އަށް ރާއްޖޭން ކަނޑައަޅުއްވާ ސަފީރުގެ މަގާމުގަ އެވެ. އައިޝަތު ދީދީ ވަނީ ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ވެރިކަމުގައި ވެސް ޖެންޑާ މިނިސްޓަރު ކަމުގެ މަގާމު އަދާ ކުރައްވާފަ އެވެ.