ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއެކު މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފިނަމަ އަދިވެސް އެކުގައި ސިޔާސީ މަސައްކަތް ކުރައްވާނެ ކަމަށް ކުރީގެ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ވިދާޅުވެއްޖެ އެވެ.
އަވަސްގެ "ފޭސް ޓް ފޭސް" ޝޯގައި އަވަސްގެ ނޫސްވެރިޔާ މަރިޔަމް އިފާއު މޫސާ އަމާޒު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޝިދާތާ ވިދާޅުވީ ރައީސް ސޯލިހަށް ކުރެއްވި ތާއީދު ދޫކޮށް ނުލައްވާ ކަމަށާއި އަދިވެސް ރައީސް ސޯލިހާއެކު ސިޔާސީ މަސައްކަތް ކުރައްވަން ޖެހިވަޑައިގެންފި ނަމަ ފަސްޖެހި ވަޑައި ނުގަންނަވާނެ ކަމަށެވެ.
މަގާމުން ވަކިކުރަން މަޖިލީހަށް މައްސަލަ ހުށަހަޅާ، ޝިދާތާއަށް ހާއްސަކޮށް އެމްޑީީޕީގެ މެންބަރުން އެތައް ތުހުމަތުތަކެއް ކުރި އެވެ. އެ މައްސަލަތަކުގެ ތެރެއިން ޝިދާތާ ނިސްބަތްވެވަޑައިގަންނަވާ އަދާލަތު ޕާޓީ އަދި ރައީސް ސޯލިހު ވެސް އޭރު ޝިދާތާގެ ދިފާއުގައި އެއްވެސް ވާހަކަފުޅެއް ވިދާޅުވެފައެއް ނުވެ އެވެ. ޕާޓީއިން ޝިދާތާ ދިފާއުކުރީ މަގާމުން އިސްތިއުފާ ދެއްވި ފަހުންނެވެ.
އަޅުގަނޑަށް ވިސްނޭ ގަބޫލު ކުރެވޭ ސިޔާސީ ކަންކަމަކީ މިއީ ކަން. އެންމެ އެކީގަ މަސައްކަތްކުރާ މީހާ ވެސް މާދަމާ އަނެއްކޮޅަށް އެނބުރިލަން ޖެހުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ޕްރޮފެޝަނަލީ އަޅަން ޖެހޭ ފިޔަވަޅެއްް. އެއީ ސިޔާސީ ގޮތުން އެވަގުތަކު އެންމެ ނެރެން ބޭނުންވާ ނަތީޖާއެއް ނެރެވޭނީ ޝިދާތާއާ ނުލާ ކަމަށް ވެއްޖިއްޔާ އެކަން އެހެން ކުރައްވަން ވާނެ. ނުވަތަ ދެން އެންމެ މުހިންމު ފިޔަވަޅު އެޅެން އޮތީ ޝިދާތާ ގޮވައިގެން ވެއްޖިއްޔާ އެކަން ވެސް އެހެން ކުރައްވަން ވާނެ،ޝިދާތާ ޝަރީފު | ކުރީގެ މިނިސްޓަރު
އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން ޝިދާތާ ވިދާޅުވީ އިސްތިއުފާ ދެއްވުމަށް ފަހު މަޑުން ގޭގައި ހުންނެވި ނަމަވެސް ސިޔާސީ ގޮތުން އެހެން މަރުހަލާއަކަށް ވަޑައިގެންނެވޭނެ ކަމަށެވެ. އަދި މިހާ ހިސާބަށް ވަޑައިގަތީ މީހެއްގެ އެހީތެރިކަމާއިއެކު ނޫން ކަމަށާއި ދެން ވެސް މަސައްކަތް ކުރައްވާނީ އެއްވެސް މީހެއްގެ އެހީތެރިކަމުގައި ނޫން ކަމަށެވެ. އެހެންކަމުން އެކަމަނާގެ ސިޔާސީ ކެރިއަރާ ގުޅޭގޮތުން ރައީސް ވިދާޅުވާ އެއްޗެއް އަދި ޕާޓީއިން ބުނާ އެއްޗެއް ބަލަން ބޭނުން ނުވާ ކަމަށެވެ.
"ޔަގީންވާ އެއްކަމަކީ މިވަގުތު ސަރުކާރު އައިސް މިއޮތް ހިސާބަށް ނުވަތަ ސަރުކާރު ބާރާ ހަމައަށް އައުމުގައި ރައީސުލްޖުމްހޫރިއްޔާ ވެސް އަދި އަޅުގަނޑުގެ ޕާޓީ ވެސް ގަބޫލު ކުރާނެ ޝިދާތާއަކީ ވަރަށް މުހިންމު ދައުރެއް އަދާކުރި މީހެއްކަން. ދިވެހި ރައްޔިތުންނަށް ވެސް އެތަން ވަރަށް ބޮޑަށް ފެންނާނެ،" ޝިދާތާ ވިދާޅުވި އެވެ.
ޝިދާތާ ވިދާޅުވީ އަބަދު ވެސް އެ ހިތްހަމަޖެހުން އޮންނަ ކަމަށާއި ކުރިއަށް އޮތްތަނުގައި ވެސް އެކަމަނާ ދިފާއު ކުރައްވަން އެއްވެސް މީހަކު ހުންނާނެ ކަމަކަމަށް ބަލައިގެން ނުހުންނަވާނެ ކަމަށެވެ.
ޝިދާތާ އިތުރަށް ވިދާޅުވީ އެކަމަނާގެ ސިޔާސީ މަސައްކަތް ކުރިން ވެސް އަދި މިހާރު ވެސް ބިނާވެފައި ވަނީ ވަކި މީހަކަށް ތާއީދު ކުރުމުގެ އަދި ވަކި މީހަކަށް އިތުބާރު ކުރުމުގެ މައްޗަށް ނޫން ކަމަށެވެ. ރައީސް ސޯލިހާއެކު ކުރެވުނު މަސައްކަތްތަކާ މެދު ހިތްހަމަޖެހިވަޑައިގަންނަވާ ކަމަށާއި ކަން ހިނގައި ދިޔަ ގޮތާމެދު އެއްވެސް ނުތަނަވަސްކަމެއް ބުރަހިތެއް ވެސް ނެތް ކަމަށެވެ. ސިޔާސީ ގޮތުން ކުރިން ވެސް ގެންގުޅުއްވި ފިކުރާއި ވިސްނުމަށް މާ ބޮޑު ބަދަލެއް ނާންނަ ކަމަށް ވެސް ވިދާޅުވި އެވެ.
"އަޅުގަނޑަށް ވިސްނޭ ގަބޫލު ކުރެވޭ ސިޔާސީ ކަންކަމަކީ މިއީ ކަން. އެންމެ އެކީގަ މަސައްކަތްކުރާ މީހާ ވެސް މާދަމާ އަނެއްކޮޅަށް އެނބުރިލަން ޖެހުމަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގަ ޕްރޮފެޝަނަލީ އަޅަން ޖެހޭ ފިޔަވަޅެއްް. އެއީ ސިޔާސީ ގޮތުން އެވަގުތަކު އެންމެ ނެރެން ބޭނުންވާ ނަތީޖާއެއް ނެރެވޭނީ ޝިދާތާއާ ނުލާ ކަމަށް ވެއްޖިއްޔާ އެކަން އެހެން ކުރައްވަން ވާނެ. ނުވަތަ ދެން އެންމެ މުހިންމު ފިޔަވަޅު އެޅެން އޮތީ ޝިދާތާ ގޮވައިގެން ވެއްޖިއްޔާ އެކަން ވެސް އެހެން ކުރައްވަން ވާނެ،"