ހަބަރު

ޝިދާތާ އިސްތިއުފާ ދެއްވައިފި

Feb 6, 2020
2

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އެ މަގާމުން މިއަދު އިސްތިއުފާ ދެއްވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މީގެ އިރުކޮޅެއް ކުރިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޝިދާތާގެ އިސްތިއުފާ ދެއްވި ކަމުގެ ސިޓީ މިއަދު ލިބިވަޑައިގެންފައިވާކަމަށެވެ.

އަދި ޝިދާތާގެ އިސްތިއުފާ ގަބޫލުކުރައްވާފައި ކަމަށާއި، މިނިސްޓަރުގެ މަގާމުގައި ހުންނެވި ދުވަސްތަކުގައި ކޮށްދެއްވި ހިދުމަތަށް ޝުކުރު އަދާކުރައްވާކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސް އިތުރަށް ވިދާޅުވި ގޮތުގައި، ޝިދާތާގެ އިސްތިއުފާއާ ގުޅިގެން، ޖެންޑާ މިނިސްޓަރުގެ މަގާމަށް މިވަގުތު އިންޑިއާގައި ހުންނަވާ ރާއްޖޭގެ ސަފީރު އައިޝަތު މުހައްމަދު ދީދީ އައްޔަނުކުރަން ނިންމަވާފައިވާ ކަމަށެވެ.

ޝިދާތާ އިސްތިއުފާ ދެއްވާފައިވަނީ ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލިވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ އެމްޑީޕީގެ ގިނަ މެންބަރުން ޝިދާތާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ވަނިކޮށެވެ. އަދި ޝިދާތާ މަގާމުގައި ހުންނަވަން ނުފެންނަކަމަށް، މަޖިލީހުގެ ސާފު މެޖޯރިޓީ އޮންނަ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އިއްތިފާގުން އިއްޔެ ފާސްކޮށްފައިވަނިކޮށެވެ.

އިސްތިއުފާ ދެއްވުމުގެ ކުރިން ޝިދާތާ ވަނީ ޖެންޑާ މިނިސްޓްރީގެ މުއައްޒަފުންނާއެކު ބައްދަލުކުރައްވައި، އެގޮތަށް ނިންމަވާފައިވާކަން ހިއްސާކުރައްވައިފަ އެވެ.

ޖިންސީ ގޯނާގެ މައްސަލަތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަ ކުދިން ގެންގުޅޭ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ޝިދާތާއަށް ވަރަށް ގިނައިން ފާޑު ކިޔަ އެވެ. ނަމަވެސް މިއަދު އެ މައްސަލަ މަޖިލީހުގައި ހޫނުވީ ޑިސްއެބިލިޓީ އެމްބެސެޑާ ކަމުން ދާދި ފަހުން ވަކިކުރި އަހުމަދު ހިޝާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭކަން އެނގިހުރި އޭނާ ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތު ކުރާ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނުނެގި މައްސަލަ އެވެ.

ހިޝާންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާގެ ބެލެނިވެރިކަމުގެ ދަށަށް ހާއްސަ އެހީއަށް ބޭނުންވާ ފިރިހެން ކުއްޖަކު ހަވާލު ނުކުރަން ފެމިލީ ކޯޓުން ވެސް 2018 ވަނަ އަހަރު ހުކުމް ކޮށްފައިވެ އެވެ. އެ ގޮތަށް ފެމިލީ ކޯޓުން ހުުމް ކޮށްފައިވީ ނަމަވެސް އޭނާގެ ގޭގައި އެ ކުއްޖާ ގެންގުޅޭ ކަމަށް ދާދި ފަހުން އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާގައި ހައި ކޯޓުގައި ދާދި ފަހުން ބޭއްވި އަޑުއެހުމެއްގައި ވަނީ ހާމަވެފަ އެވެ.