ހަބަރު

ޝިދާތާ އިސްތިއުފާ ދޭން ނިންމަވައިފި

ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އިސްތިއުފާ ދެއްވަން ނިންމަވައިފި އެވެ.

ޝިދާތާ އިސްތިއުފާ ދެއްވަން ނިންމަވާފައި ވަނީ ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލިވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އިއްޔެ އެމްޑީޕީގެ ގިނަ މެންބަރުން ޝިދާތާ އިސްތިއުފާ ދެއްވުމަށް ގޮވާލާފައި ވަނިކޮށެވެ. އަދި ޝިދާތާ މަގާމުގައި ހުންނަވަން ނުފެންނަކަމަށް، މަޖިލީހުގެ ސާފު މެޖޯރިޓީ އޮންނަ، އެމްޑީޕީގެ ޕާލިމަންޓަރީ ގުރޫޕުގެ އިއްތިފާގުން އިއްޔެ ފާސްކޮށްފައިވަނިކޮށެވެ.

އަވަސްއަށް ކަށަވަރުވެފައިވާ ގޮތުގައި ޝިދާތާ މިއަދު ވަނީ އިސްތިއުފާ ދެއްވަން ނިންމަވައިފަ އެވެ. އަދި ޖެންޑާ މިނިސްޓްރީގެ މުއައްޒަފުންނާއެކު މިއަދު ކުއްލި ބައްދަލުވުމެއް ބާއްވާ އިސްތިއުފާ ދޭން ނިންމަވާފައިވާ ކަމަށް ވިދާޅުވި އެވެ.

ޖިންސީ ގޯނާގެ މައްސަލަތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަ ކުދިން ގެންގުޅޭ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ޝިދާތާއަށް ވަރަށް ގިނައިން ފާޑު ކިޔަ އެވެ. ނަމަވެސް މިއަދު އެ މައްސަލަ މަޖިލީހުގައި ހޫނުވީ ޑިސްއެބިލިޓީ އެމްބެސެޑާ ކަމުން ދާދި ފަހުން ވަކިކުރި އަހުމަދު ހިޝާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭކަން އެނގިހުރި އޭނާ ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތު ކުރާ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނުނެގި މައްސަލަ އެވެ.

ހިޝާންގެ މައްޗަށް ކުރެވޭ ތުހުމަތުތަކާ ގުޅިގެން އޭނާގެ ބެލެނިވެރިކަމުގެ ދަށަށް ހާއްސަ އެހީއަށް ބޭނުންވާ ފިރިހެން ކުއްޖަކު ހަވާލު ނުކުރަން ފެމިލީ ކޯޓުން ވެސް 2018 ވަނަ އަހަރު ހުކުމް ކޮށްފައިވެ އެވެ. އެ ގޮތަށް ފެމިލީ ކޯޓުން ހުުމް ކޮށްފައިވީ ނަމަވެސް އޭނާގެ ގޭގައި އެ ކުއްޖާ ގެންގުޅޭ ކަމަށް ދާދި ފަހުން އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާގައި ހައި ކޯޓުގައި ދާދި ފަހުން ބޭއްވި އަޑުއެހުމެއްގައި ވަނީ ހާމަވެފަ އެވެ.