ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް އެ މަގާމްގައި ހުންނަން ނުފެންނަ ކަމަށް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ފާސްކޮށްފި އެވެ.
އެމްޑީޕީ ސެކެޓްރިއޭޓް އިން މިއަދު ކުރި ޓުވީޓެއްގައި ބުނީ ޖެންޑާ މިނިސްޓަރުގެ މަގާމްގައި ޝިދާތާ ހުންނަވަން ފެނިވަޑައި ނުގަންނވާކަމަށް އެމްޑީޕީގެ ޕީޖީ ގްރޫޕުން މިއަދު ބޭއްވި ބައްދަލުވުމަށް ހާޒިރުވެވަޑައިގަތް 45 މެންބަރުންގެ އިއްްތިފާގުން ނިންމާފައިވާ ކަމަށެވެ.
ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލިވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި މިއަދު އެމްޑީޕީގެ ގިނަ މެންބަރުން ވަނީ ޝިދާތާ އިސްތިއުފާ ދެއްވުމަށް ގޮވާ ވެސް ލައިފަ އެވެ. އެ ނޫން ނަމަ މަޖިލީހުން ވަކި ކުރާނެ ކަމަށް އެ މެންބަރުން ވިދާޅުވި އެވެ.
ޖިންސީ ގޯނާގެ މައްސަލަތަކާއި ދައުލަތުގެ ބެލުމުގެ ދަށުގައި ކުޑަ ކުދިން ގެންގުޅޭ ގޮތާ މެދު ކަންބޮޑުވުން ފާޅުކޮށް ޝިދާތާއަށް ވަރަށް ގިނައިން ފާޑު ކިޔަ އެވެ. ނަމަވެސް މިއަދު އެ މައްސަލަ މަޖިލީހުގައި ހޫނުވީ ޑިސްއެބިލިޓީ އެމްބެސެޑާ ކަމުން ދާދި ފަހުން ވަކިކުރި އަހުމަދު ހިޝާނަށް ބޮޑެތި ތުހުމަތުތަކެއް ކުރެވޭކަން އެނގިހުރި އޭނާ ޖިންސީ ގޯނާ ކުރާ ކަމަށް ތުހުމަތު ކުރާ ކުއްޖާ ދައުލަތުގެ ބެލުމުގެ ދަށަށް ނުނެގި މައްސަލަ އެވެ.
އެމްޑީޕީން ޝިދާތާ މަގާމްގައި ބަހައްޓަން ނުފެންނަ ކަމަށް ނިންމިއިރު ރައްޔިތުން މަޖިލީހުގެ 65 މެންބަރުންނާއެކު ސުޕަ މެޖޯރިޓީ އޮތީ އެ ޕާޓީގަ އެވެ.