ހަބަރު

ހިޝާންގެ މައްސަލާގައި މުއައްސަސާތައް ކޮމިޓީއަށް ހާޒިރު ކުރަނީ

ޖިންސީ ގޯނާގެ ތުހުމަތަކާ ގުޅިގެން ޑިސްއެބިލިޓީ އެމްބެސެޑާ ކަމުން ދާދި ފަހުން ވަކިކުރި އަހުމަދު ހިޝާންގެ މައްސަލާގައި ޖެންޑާ މިނިސްޓްރީ އާއި ކަމާ ބެހޭ މުއައްސަސާތަކުގެ ވެރިން ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފި އެވެ.

ހާއްސަ އެހީއަށް ބޭނުންވާ ފިރިހެން ކުއްޖެއްގެ ބެލެނިވެރިކަން ކުރީގެ އަހުމަދު ހިޝާންއާ ހަވާލު ނުކުރަން ފެމެލީ ކޯޓުން ހުކުމް ކޮށްފައިވީ ނަމަވެސް އޭނާގެ ގޭގައި އެ ކުއްޖާ ގެންގުޅޭ ކަމަށް ދާދި ފަހުން އެ މައްސަލައިގެ އިސްތިއުނާފު މަރުހަލާގައި ދާދި ފަހުން ބޭއްވި އަޑުއެހުމެއްގައި ވަނީ ހާމަވެފަ އެވެ.

މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހިޝާންގެ މައްސަލައާ ގުޅިގެން އެ މައްސަލަ މީގެ ކުރިން ފުލުހުންގެ އިންޓެލިޖެންސްގެ ފަރާތުން ޖެންޑާއަށް ހުށަހެޅިފައިވޭތޯ ޔަގީން ކުރުމަށާއި މައްސަލައިގެ އިތުރު ތަފުސީލުތައް ހޯދަން ޖެންޑާ އާއި ފުލުހަށް ލިޔުމަކުން އަންގަން މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހުމީ (އިންތި) ހުށަހެޅުއްވި އެވެ.

އިންތިގެ ހުށަހެޅުއްވުމަށް ފަހުގައި، މަކުނުދޫ ދާއިރާގެ މެންބަރު މުހައްމަދު ރާއީ ވަނީ މި މައްސަލަ ބެލުމުގައި ކޮމިޓީން މަރުހަލާތައް ދިގު ކުރުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ އިތުރުން ކަމާ ބެހޭ މުއައްސަސާތައް ކޮމިޓީއަށް ހާޒިރުކޮށް މައުލޫމާތު ހޯދަން ހުށަހަޅުއްވައިފަ އެވެ.

އިންތި އާއި ރާއީގެ ހުށަހެޅުއްވުމަށް ވެސް ކޮމިޓީގެ މެންބަރުން ތާއީދު ކުރެއްވި އެވެ. ކޮމިޓީގައި މަޝްވަރާ ކުރެއްވުމަށް ފަހު، މެންބަރުން ނިންމެވީ މާދަމާގެ ވަކި ވަގުތެއްގައި ލިޔުމުން ޖެންޑާ އާއި ފުލުހުންގެ ޖަވާބު ހޯދުމަށެވެ. އަދި ގަވާއިދުގައިވާ ގޮތުގެ މަތިން ކޮމިޓީއަށް ހާޒިރުވާން ނޯޓިސް ދިނުމަށެވެ.

މަޖިލީހުގެ ގަވާއިދުގައި ބުނާ ގޮތުން، މަޖިލީހުގެ ކޮމިޓީއަކަށް މުއައްސަސާއެއްގެ ވެރިއަކު ހާޒިރު ކުރަން އަންގާއިރު ފަސް ދުވަހުގެ ނޯޓިސްއެއް ދޭން ޖެހެ އެވެ. އަދި އެ ފަސް ދުވަހުގެ ތެރޭގައި ހާޒިރުވާން އަންގާ ފަރާތްތަކަށް ކޮމިޓީއަށް ހާޒިރުވެވޭނެ އެވެ.

ހިޝާންގެ މައްސަލައިގެ އިތުރުން ދެކުނުގެ ރަށެއްގައި ކުޑަ ފިރިހެން ކުއްޖެއްގެ މަންމަ އެ ކުއްޖާއަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރާ މައްސަލައާ ގުޅިގެން ވެސް ޖެންޑާ އާއި ކަމާ ބެހޭ އެހެން މުއައްސަސާތައް ހާޒިރުކޮށް މައްސަލައިގެ މައުލޫމާތު ސާފު ކުރަން މިއަދުގެ ކޮމިޓީގެ ބައްދަލުވުމުގައި ނިންމި އެވެ.

ހިޝާން ބެލެނިވެރިކަން ހޯދަން މަސައްކަތް ކުރަނީ ނަފްސާނީ މައްސަލަތަކެއް ހުންނަ ކުއްޖެއްގެ އެވެ. އޭނާއާ ގުޅޭ ރިޕޯޓްތަކުން އެކަން ދައްކަ އެވެ. އެ ކުއްޖާއަށް މިހާރު ވަނީ 18 އަހަރުވެފަ އެވެ. އެ ކުއްޖާގެ މަންމަ ދުނިޔޭގައި އެބަ ހުއްޓެވެ. ހިޝާން އާއި ކުއްޖާގެ މަންމައާ ދެމެދު ބެލެނިވެރިކަން ހަވާލު ކުރުމުގައި ދެބަސްވުމެއް ނެތެވެ.

ނަމަވެސް 2017 ވަނަ އަހަރު ފެމިލީ ކޯޓުން ހުކުމް ކޮށްފައި ވަނީ ހިޝާނަށް އެ ކުއްޖާ ހަވާލު ނުކުރުމަށެވެ. ފެމިލި ކޯޓުން ކުރި ހުކުމުގައި އޭގެ ސަބަބެއް ބަޔާން ކޮށްފައެއް ނުވެ އެވެ. ހުކުމުގައި ބުނެފައި ވަނީ އެ ގޮތަށް ނިންމީ ދައުލަތުން ހިޝާން އާ ގުޅޭ ގޮތުން ހުށަހެޅި އެސެސްމެންޓް ރިޕޯޓަކަށް ބެލުމަށް ފަހު ކަމަށެވެ.

ބެލެނިވެރިކަން ހަވާލު ކުރާ މީހާއާ ގުޅޭ ކުޑަ ވެސް ޝަކުވާއެއް އުޅޭނަމަ، ބެލެނިވެރިކަމުގެ ގާނޫނު ބުނާ ގޮތުން ހަވާލެއް ނުކުރެވޭނެ އެވެ. ފެމިލީ ކޯޓުގެ ހުކުމް 2018 ވަނަ އަހަރު ހިޝާން ހައިކޯޓުގައި އިސްތިއުނާފު ކުރީ ފެމެލީ ކޯޓުގެ ހުކުމްގައި ބެލެނިވެރިކަން ހަވާލު ނުކުރަން ނިންމި ސަބަބު ނެތުމުން ކަމަށް ބުނެ އެވެ.