ރަހީނުކޮށް މަރާލައިފައިވާ 13 އަހަރުގެ ކުއްޖާގެ ޕޯސްޓްމޯޓަމް ހަދަން ހަށިގަނޑު އަދިވެސް ރާއްޖެއިން ބޭރަށް ފޮނުވާފައި ނުވާ ކަމަށް ފުލުހުން ބުނެފި އެވެ.
އަވަސް އިން މިއަދު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ފުލުހުންގެ މީޑިއާ އޮފިސަރު ވިދާޅުވީ މަރާލާފައި އޮއްވާ ފެނުނު ކުއްޖާގެ ޕޯސްޓްމޯޓަމް ހެދުމަށް ހަށިގަނޑު ރާއްޖެއިން ބޭރަށް ފޮނުވުމަށް ކުރަންޖެހޭ މަސައްކަތްތައް ކަމާ ގުޅުންހުރި އިދާރާތަކާ ގުޅިގެން ކުރިއަށްދާ ކަމަށެވެ.
އޮފިސަރު ވިދާޅުވީ ޕޯސްޓްމޯޓަމް ހެދުމަކީ ރާއްޖެއިން ބޭރުން ކުރަންޖެހޭ ކަމަކަށްވެފައި އެކަމުގައި ފުރިހަމަ ކުރަންޖެހޭ ކަންކަން ފުރިހަމަކުރުމަށް ވަގުތު ނަގާ ކަމަށެވެ.
"އަދި ކޮވިޑްގެ ހާލަތާއި ގުޅިގެން ވެސް އުދަނގޫ ތަކެއް އެބަހުރި. އެހެންނަމަވެސް ވީހާވެސް އަވަހަށް ޕޯސްޓްމޯޓަމް ހެދުމަށް މިދަނީ މަސައްކަތް ކުރަމުން،" އޮފިސަރު ވިދާޅުވި އެވެ.
ކުޑަކުއްޖާ ރަހީނު ކޮށްގެން ގެންގުޅުމަށް ފަހު އޭނާ މަރާލާފައި އެއްލާލާފައި އޮއްވާ ފެނުނީ މިމަހުގެ 22 ވަނަ ދުވަހުގެ ރޭ މެންދަމު ހުޅުމާލެ ދެވަނަ ފިޔަވަހީގެ މޫދުންނެވެ. މޫދުތެރޭ އޭނާ އޮތީ ފޮށިގަނޑެއްގެ ތެރޭގަ އެވެ.
ކުއްޖާގެ މަރާ ގުޅިގެން 17 އަހަރުގެ ދިވެހި ފިރިހެން ކުއްޖަކާއި 27 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ހައްޔަރުކޮށްފަ އެވެ. ހަތާވީސް އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާނެވެ. ހައްޔަރުކޮށްފައިވާ ދެ މީހުންނަކީ ވެސް ކުއްޖާގެ ދެ އެކުވެރިން ކަމަށްވެ އެވެ. މި ދެ މީހުންގެ ތެރެއިން 17 އަހަރުގެ ކުއްޖާގެ ބަންދަށް 15 ދުވަސް ކޯޓުން ވަނީ ޖަހައިދީފަ އެވެ. އަދި 27 އަހަރުގެ މީހާ ޝަރީއަތް ނިމެންދެން ބަންދުގައި ބެހެއްޓުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފަ އެވެ.
މި މައްސަލަ ފުލުހާއި ހިއުމަން ރައިޓްސް ކޮމިޝަންގެ އިތުރުން މަޖިލީހުން ވެސް ދަނީ ބަލަމުންނެވެ.