މަރާލުމަށްފަހު އެއްލާލާފައި އޮއްވާ ފެނުނު އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރުގެ މަރުގެ މައްސަލާގައި ފުލުހުން ހައްޔަރުކުރި ދެ މީހުންގެ ތެރެއިން އުމުރުން 27 އަހަރުގެ މީހާ އަކީ ނ. ލަންދޫ، ބަގީޗާގޭ، އިބްރާހިމް ޒިހާން ކަން އަވަސް އަށް އެނގިއްޖެ އެވެ.
ރޭގެ ވަގުތެއްގައި ޒިހާން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަން އަވަސް އަށް މައުލޫމާތު ދެމުން ލަންދޫގެ ބައެއް މީހުން ވަނީ ބުނެފަ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ލަންދޫ ކައުންސިލްގެ ބޭފުޅަކު ވިދާޅުވީ ޒިހާން އަކީ އަބަދުވެސް ކުށުގެ ވެށީގައި އުޅޭ ކުށްވެރިޔެއް ކަމަށެވެ. މަސްތުވާތަކެތީގެ ހުކުމެއް ތަންފީޒުކޮށް ޒިހާން ޖަލުން ދޫކޮށްލިތާ އަދިވާނީ ހަތަރު މަހެއްހާ ދުވަސް ކަމަށްވެސް ވިދާޅުވި އެވެ.
"ޒިހާން އުޅުނު މިދިޔަ ލޯކަލް ކައުންސިލް އިންތިހާބުގެ ވޯޓުލުމުގެ ދުވަސްކޮޅެއް ކުރިން ރަށުގައި. ވަރަށް ފަހުން އޭނާ މާލެ އައިސްފައި ތިހުރީ ވެސް،"
މައުލޫމާތު ދެއްވި ބޭފުޅާ ވިދާޅުވި ޒިހާން އަކީ މަސްތުވާތަކެތީގެ މައްސަލަތަކާއި މާރާމާރީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށެވެ. ނަމަވެސް ލަންދޫގައި އޭނާ ކުށެއް ކުރި ކަން އެނގިފައި ނުވާ ކަމަށްވެސް ވިދާޅުވި އެވެ.
ފުލުހުން ރޭގެ ވަގުތެއްގައި ޒިހާން އާއި އުމުރުން 17 އަހަރުގެ ކުއްޖަކު ހައްޔަރުކުރީ ހެންވޭރުގައި އެކްސްޓްރާ ހެވަންގެ ނަމުގައި ހިންގާ ގެސްޓްހައުސް އެއްގައި ފިލައިގެން އުޅެނިކޮށެވެ.
ރާއިފްގެ މަރުގެ މައްސަލާގައި ފުލުހުން ހައްޔަރުކުރި ޒިހާން ކަމަށް އަވަސް އަށް އެނގިފައިވީ ނަމަވެސް ހައްޔަރުކުރި މީހުންގެ މައުލޫމާތު އަދި ފުލުހުން ހާމައެއް ނުކުރެ އެވެ.
ރާއިފްގެ މަރުގެ މައްސަލަ ފުލުހުންނާއި މަޖިލީހުންނާއި އެޗްއާރްސީއެމުން ވެސް ގެންދަނީ ބަލަމުންނެވެ.