ރާއިފް މަރާލުން

އަނގަ ތަޅަން ތިއްބާ އަނެއް ގަތުލު

ރަހުމު ކުޑަ ހަމަލާތަކުގައި މީހުން މެރުން ރާއްޖޭގައި އޮތީ ބިރުގަންނަހާ މަތީ ދަރަޖައިގަ އެވެ. ކޮންމެ އަހަރަކު ބަޔަކު އެބަ މަރަ އެވެ. ކޮންމެ މަރެއްގައި އަނިޔާވެރި އެތައް އަމަލެކެވެ. ކޮންމެ މަރަކަށް ރާއްޖެ ސިހި ބިރުގަނެ އެވެ. އަދި ދައުލަތުގެ އިދާރާތައް ހަރަކާތްތެރިވެ ފިޔަވަޅު އެޅުމާއި އަނިޔާވެރި އަމަލުތައް ހުއްޓުވުމުގެ ނަމުގައި ހިނގައިގަނެ އެވެ. ގާނޫނުތަކަށް ބަދަލު ގެނެސް ނިޒާމުގައި ހުރި ބާގަނޑުތައް ބައްދާން ވާހަކަ ފަށަ އެވެ. މިފަހަރު ވެސް މިއީ އެވަރެވެ. މުޅި ސަރުކާރު "އަނގަ ތަޅަން ތިއްބާ އަނެއް ގަތުލު" ކުރިމަތިވީ އެވެ. މިފަހަރު މަރާލީ 13 އަހަރު މުހައްމަދު ރާއިފް އަންވަރެވެ. ރަހީނުކޮށްގެން ގެންގުޅޭތާ ދެ ދުވަހެއް ފަހުން ފެނުނީ މަރާލުމަށް ފަހު ފޮއްޓަކަށްލާ ހުޅުމާލެ އިރުއުތުުރު ފަރާތު ފަޅުތެރެއަށް އެއްލާފައި އޮއްވައެވެ. ދެ މީހަކު ހައްޔަރުކޮށް ތަހުގީގު ފަށާފައިވާއިރު ހުރިހާ އިދާރާއެއް މިހާރު އެކްޓިވް ވެފައި ވެއެެވެ. މިފަހަރުވެސް ތަކުރާރު ކުރާނީ ކުރީންވެސް ތަކުރާރު ކުރި ކަންކަމެވެ. އިހުމާލެއް އޮތްތޯ ބެލުމާއި ދެން ކުރާނެ ކަންކަމުގެ ވާހަކައެވެ. މިއީ ނިމުމެއް ނެތް ކަމެއް ހެއްޔެވެ؟ މިއީ ރާއިފްގެ މަރާއި ގުޅިގެން މިހާތަނަށް އައި މައުލޫމާތުތައް ހުލާސާކޮށް އަވަސް މަލްޓިމީޑިއާއިން އުފައްދާފައިވާ ވީޑިއޯ ރިޕޯޓެކެވެ.