މުހައްމަދު ރާއިފް އަންވަރު ރަހީނުކޮށް މަރާލުމަށް ފަހު ކާފިއު ގަޑީގައި މޫދަށް އެއްލާލި އިރު ފުލުހުންގެ ޒިންމާ އަދާ ނުކުރެވުނު ސަބަބާމެދު މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު ސުވާލު އުފައްދަވައިފި އެވެ.
ރާއިފް ފެނުނީ އަންގާރަ ދުވަހުގެ މެންދަމު 2:30 އެހާކަންހާއިރު ދެވަނަ ފިޔަވަހީގެ ސަރަހައްދަކުންނެވެ. ގދ. މަޑަވެއްޔަށް ނިސްބާތްވާ ރާއިފް މަރާލާފައި އޮއްވާ ފެނުމުގެ ކުރިން އޭނާ ރަހީނު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހަށް ވެސް އޮތީ ހުށަހަޅައިފަ އެވެ. ފުލުހުން އައީ އެ މައްސަލަ ބަލަމުންނެވެ.
ރާއިފް އަންވަރަށް އިންސާފު ހޯދައި ދިނުމަށް އެދި މަޑަވެލީ ދާއިރާގެ މެމްބަރު މުހައްމަދު ފިރުޝާން މިއަދު މަޖިލީހަށް ހުށަހެޅުއްވި ކުއްލި މައްސަލައަށް ކުރި ބަހުސްގައި ސައީދު ވިދާޅުވީ އެ ހާދިސާއިން ދައުލަތުގެ ބަލިކަށިކަން ވަރަށް ރީއްޗަށް އެނގިގެން ގޮސްފައިވާ ކަމަށެވެ.
"ރައްޔިތުން އުފައްދާ އެންމެ މުހިންމު ސުވާލުތަކުގެ ތެރޭގައި ރައްޔިތުން އެބަ ބުނޭ ކޮން ގާނޫނެއް ނެތިގެންތޯ މިފަދަ ކަންތައްތައް ނުހުއްޓުވިގެން މިއުޅެނީ. ކުޑަކުއްޖަކު ރަހީނު ކޮށްގެން އެ ގެންދިޔައީ މި މާލެ ސަރަހައްދުގައި ކާފިއުގެ ވަގުތުގައި. ގައިމު މަގުތައް އާންމު ހާލަތެއްހާ ބިޒީއެއް ވެސް ނުވާނެ. ފުލުހުން މަގުމަތި ބަލަހައްޓާ މީހުންނަށް ކީއްވެގެންތޯއޭ މިކަންކަން ފާހަގަ ނުކުރެވިގެން މި އުޅެނީ. މިއީ އާންމު ރައްޔިތުން ކުރާ ސުވާލެއް" ސައީދު ވިދާޅުވި އެވެ.
ރާއިފްގެ މަރުގެ މައްސަލައިގައި ޖެންޑާ މިނިސްޓްރީން ބުނީ އޭނާއަކީ އެ މިނިސްޓްރީން އިޖުތިމާއީ އެހީތެރިކަން ފޯރުކޮށްދެމުން އައި ކުއްޖެއް ކަމަށެވެ. އެކަމަށް އިޝާރާތް ކުރައްވައި ސައީދު ވަނީ ޖެންޑާ މިނިސްޓްރީއަށް ވެސް ވަރަށް ބޮޑަށް ފާޑުވިދާޅުވެފަ އެވެ.
ސައީދު ވިދާޅުވީ ދައުލަތަށް މިއަށް ވުރެ ބޮޑަށް ބިރުވެރިކަމެއް އައިސް ފައިވާ ދުވަހެއް އައިކަމަށް ގަބޫލު ނުކުރައްވާ ކަމަށާއި އަދި އިޖުތިމާއީ ރައްކާތެރިކަން ފޯރު ކޮށްދިނުމަށް ދައުލަތް މިހާރު ނުކުޅެދިފައިވާ ކަމަށެވެ.
ރާއިފްގެ މަރާ ގުޅިގެން ތުހުމަތަށް 17 އަހަރާއި 27 އަހަރުގެ ދެ ފިރިހެނަކު ވަނީ ހައްޔަރު ކޮށްފަ އެވެ. އެއީ ދެ ދިވެހީންނެވެ.