ރާއިފް މަރާލުން

އެ ގަތުލުގެ ސިއްރަކީ ކޮބާ؟

ގދ . މަޑަވެއްޔަށް އުފަން އުމުރުން 13 އަހަރުގެ ކުޑަ ފިރިހެން ކުއްޖާ، މުހައްމަދު ރާއިފް މަރާލާފައި އޮއްވާ ހޯމަ ދުވަހުގެ ރޭ މެންދަމު ފެނުނު ފަހުން ޖެހިގެން އައި އަންގާރަ ދުވަހު މެންދުރެއްހާއިރު ޖެންޑާ މިނިސްޓަރު އައިޝަތު މުހައްމަދު ދީދީ ނޫން ގޮތަކަށް މާ ދުރުދުރުން ޓްވީޓެއް ކުރެއްވި އެވެ. އެ ޓްވީޓްގައި "ކުޑަކުއްޖެއްގެ ފުރާނަ ގަސްދުގައި ދުއްވާލުމަކީ މުޅި ގައުމު ކަރުނަ އަޅަން ޖެހޭވަރު ކަމެއް" ކަމަށް ވިދާޅުވެފައި ވެއެވެ. ޓްވީޓަކުން އެކަމަނާ އެހެން ވިދާޅުވި ނުވިޔަސް އެއީ އެންމެނަށް އެނގޭވަރުގެ ކަމެކެވެ.

އިއްޔެ މެންދުރު ފަހު ޖެންޑާ މިނިސްޓްރީގެ ނައިބު ފާތުމަތު ޔުމްނާ ދެއްކެވީ އަދި މާ އާދަޔާ ހިލާފު ވާހައެކެވެ. އޭނާ ވިދާޅުވި ގޮތުގައި ރާއިފަށް ބޭނުންވާ އެހީތެރިކަން ހޯދަން އާއިލާއިން އެ މިނިސްޓްރީއާ ވަރަށް ގާތުން މަސައްކަތް ކުރެ އެވެ. އެ މިނިސްޓްރީން ބެލި ބެލުމުން ރާއިފަކީ ގާބިލް ކުއްޖެކެވެ. -- ވަޒީރު އުޅުއްވީ ދުރުދުރުންނެވެ. ނައިބު ޔުމްނާގެ ވާހަކައިން ޖެންޑާއިން އެއްވެސް އެހީތެރި ކަމެއް ކުއްޖާއަށް ދީފައިވާ ކަމެއް ސާފެއް ނުވެއެވެ. އެވާހަކަ ބާއްވާށެވެ. އެއީ ރާއްޖޭގެ ޖެންޑާ މިނިސްޓްރީއަށް ޖެހިފައި "ބައްޔެ" ކެވެ.

ރާއިފް ގެއްލިގެން މިދިއަ އާދީއްތަ ދުވަހު ފުލުހަށް ރިޕޯޓް ކޮށްފައި ވެއެވެ. އަދި ހުޅުމާލޭގެ ސަރަހައްދެއްގައި ކުއްޖަކު ރަހީނުކޮށް އަނިޔާ ކުރާ ކަމަށް އަޑުތައް ވެސް ފެތުރިފައި އޮއްވާ ކުއްލި ގޮތަކަށް ރާއިފް މަރާލި ހަބާރާއެކު މެންދަމެއްގެ ހިމޭންކަން ފޫދުއްވާލި އެވެ. އެންމެން ސިހުނު ގަތުލެއް އައީ އެކަމުގައި ފުލުހަށް ހަމަ އެއްކަމެއް ނުކުރެވި އުޅެނިކޮށެވެ. މިވަރު ކަމެއްގައި އާއިލާގެ އިހުމާލު ވަކި ކުޑަވާނެ ކަމަކަށް ނުބެލެވެ އެވެ. އެހެނެއް ކަމަކު އެކަކުވެސް ރޯނެ ކަމެއް ނެތެވެ. މާނައެއް ނެތެވެ.

މިވަގުތަށް މުހިންމީ ކިޔަވަން ތާޖުއްދީނަށް ދިޔަ ކަމަށް ބުނާ ކުޑަކުޑަ ރާއިފްގެ ގަތުލުގެ ސިއްރަކީ ކޮބައިތޯ ބެލުމެވެ. ޝައުގުވެރި އޭންގަލަކީ އެއީ ކަމަށް ފެނެ އެވެ. އަދި އެ މަރަށް އިންސާފު ހޯދައިދޭން ޖެހޭނެ އެވެ. ކުށްވެރިންނަށް އަދަބު ލިބެން ޖެހޭނެ އެވެ.

ރާއިފްގެ ބައްޕަ އާއި މަންމަ އަކީ މަޑަވެލީ މީހުނެވެ. ރާއިފްގެ މަންމަ ވަރަށް ކުޑައިރު މައިންބަފައިންނާ އެކު މާލެ ބަދަލުވި ގޮތަށް މާލެއިން ގޯއްޗެއް ލިބި ދިރި އުޅެނީ މާލޭ ރަށްވެހިންގެ ގޮތު މާލޭގަ އެވެ. ރާއިފްގެ މަންމަ އާއި ބައްޕަގެ ކައިވެނި އޮތީ ރޫޅިފަ އެވެ. މަންމަ މާލޭގަ އެވެ. ބައްޕަ މަޑަވެލީން އެހެން މީހަކާ ކައިވެނި ކޮށްގެން އެރަށުގަ އެވެ. އެންމެ ފަހުން އާއިލާގެ މެންބަރުންނަށް ރާއިފް ފެނިފައި ވަނީ މިދިޔަ ހޮނިހިރު ދުވަހު އެވެ. އާންމު ގޮތެއްގައި ވެސް އާއިލާއާ ވަކީން އޭނާގެ "ގޭންގާ" އެކު އުޅެ އެވެ.

ރާއިފްގެ ގަތުލާ ހަމައަށް ފެންނަ އޮތް ކަމަށް ރަސްމީވެފައިވާ އަދި އިއްޔެ ހަތަރު ދަމު އެކި ދިމާގައި ދެކެވިފައިވާ ވާހަކަތަކުން އުފެދޭ "ޓައިމްލައިން" ބުނެދޭ ގޮތުން އާދީއްތަ ދުވަހު ފުރަތަމަ ރާއިފު ގެއްލުނީއެއް ނޫނެވެ. މަޖުބޫރެއް ކުރުވައިގެން ކާރެއްގައި އޭނާ ހުޅުމާލެއަށް ގެންދިޔައީ އެވެ. އެކަމަކު ކުރީން ވެސް ރާއިފަކީ މީހުންގެ ތެރެއިން ގެއްލި "އޯފް" ވެފައިވާ ކުއްޖެކެވެ. ޕޮލިސް ރިކޯޑުން އެކަން ދައްކާ ކަމަށް ވެއެވެ. އަދި އިއްޔެ ޖެންޑާއިން ދެއްކި ވާހަކަ އިން ވެސް ރާއިފް ދިރިއުޅުން އެއީ ކުށުގެ ވެށީގައި އޮތް ދިރިއުޅުމެއްކަން ސިފަވެ އެވެ. 

ޖެންޑާ މިނިސްޓްރީގެ ނައިބު އިއްޔެ ވިދާޅުވެފައި ގޮތުންނަމަ ރާއިފަކީ ޖެންޑާ މިނިސްޓްރީގެ އިޖްތިމާއީ އެހީތެރިކަން ހޯދަން ކުއްޖާގެ އާއިލާއިން މަސައްކަތް ކޮށްފައިވާ ކުއްޖެކެވެ. އަދި ރަށުތެރޭގެ އިއްޔެ އަޑުތައް ހުރި ގޮތުންނަމަ ރާއިފަކީ "ބޯޓެ" ކެވެ. ބޯޓަކީ ޑުރަގެ ނެޓްވޯކްތަކުގައި ޑުރަގު އުފުލައިދޭ، އަދި އަދި ޕެކޭޖް ރައްކާ ކޮށްދޭ މީހުނަށް ކިޔާ އުޅޭ ކޯޑް ނަމެކެވެ. "ފީނު" މަކީ ޑުރަގު ޑެލިވަރީ އެވެ.

ސްކޫލަށް ދިއުން ހުއްޓާލާފައިވާ އެކަަމަކު ރަނގަޅު ސްކޫލް ކްރިކެޓާ ކަމަށް ބުނާ މި ކުއްޖާއަކީ ޑުރްގުގެ ނެޓްވޯކެއްގައި ހިމެނޭ އަދި އެފަދަ ނެޓްވޯތަކާ ގުޅުން އޮތް ކުއްޖެއް ކަމަށް އޭނާގެ ގަތުލަށް ފަހު ގިނަ ބައިވަރު މީހުން އެބަ ބުނެ އެވެ.

ރާއިފުގެ ގަތުލަށް ފަހު ފުރަތަމަ ހައްޔަރު ކުރީ ފުވައްމުލަކަށް ނިސްބަވަތް 17 އަހަރުގެ އީވާން ސައީދެވެ. ދެން ނ. ލަންދޫ / ބަގީޗާގޭ ޒިހާން 27، އެވެ. އެ ދެމީހުންނަކީ ރާއިފްގެ ވަރަށް ގާތް ދެ އެކުވެރިންނަށް ވެފައި ޒިހާނަކީ އޭނާގެ ޓްރެކް ރެކޯޑްގައި ކުށުގެ ވެށީގައި އުޅޭ ކުށްވެރިޔެއް އަދި މަސްތުވާތަކެތީގެ ހުކުމެއް ތަންފީޒުކޮށް ދޫކޮށްލި ފަހުން ހަތަރު މަސް ނުވާ މީހަކެވެ. ބައެއް އަންޑަގްރައުން ޑްރަގް ނެޓްވޯކްތަކާ ހަވަލާދީ ބައެއް މީހުން ބުނާ ގޮތުން ރާއިފަކީ ޒިހާންގެ "ބޯޓެ" ކެވެ. 

ރާއްޖޭގެ ކުށުގެ ވެއްޓަށް އާ ކުށްތައް އިތުރުވެ ކުށުގެ ބާވަތާއި ގޮތްތައް ބަދަލުވެފައިވާއިރު ޑުރަގު މައްސަލަތަކުގައި މީހުން ހޮސްޓެޖް ހާލަތުގައި ގޭންގެއްކަން އެބަ އެނގެ އެވެ. ރަހީނު ހާލަތުގައި މީހުނަށް އަނިޔާ ކުރާކަން ވެސް އެނގެ އެވެ. މީގެ ދުވަސްކޮޅެއް ކުރިން ޒުވާން އަންހެނަކު ރަހީނުކޮށް އަނިޔާކޮށްފައި ވެއެވެ. އަދި ދެ ހަފުތާ ކުރިން ވެސް މީހަކު ރަހީނު ކޮށްގެން ބިރު ދައްކާ އަނިޔާކޮށް އޭނާގެ އަތަށް މޮހަރު ޖަހައި ހެދި ކަމަށް ބުނާ މައްސަލައެއްގެ މައުލޫމާތު މާލެ ތެރޭގައި އެބައޮތެވެ. އެއީ ވެސް ޑުރަގު މައްސަލައެކެވެ އަދި މިހާރު ވެސް ޑްރަގު މައްސަލައެއްގައި ދިވެއްސަކު ޕާކިސްތާނުގައި ރަހީނު ކޮށްފައި އެބަހުއްޓެވެ. މިއީ ރާއްޖޭގެ ކުށުގެ ވެށި ބަދަލުވެފައިވާ މިންވަރެވެ.

މެދު މިނުގެ ޑުރަގު ނެޓްވޯތައް މަސައްކަތް ކުރާ ގޮތުގެ ޕެޓާން ބަދަލުވެފައިވާ ގޮތުން ޕެކޭޖް ޑެލިވަރީ ކުރުމަށާއި ބައެއް މަރުހަލާތަކުގައި ރައްކާ ކުރުމަށް ފަހަކަށް އައިސް ރާއްޖޭގައި ކުޑަކުދީން ބޭނުން ކުރެ އެވެ. އެއީ "ބަސްޓެއް" އައި ނަމަވެސް ގާނޫނީ ލޯވަޅުތަކުން ދެމިގަތުމުގެ ފަސޭހަ އާއި ޝައްކު ކުރަން އޮންނަ ޖާގަ ކުޑަ ކުރުމުގެ އުކުޅެކެވެ. އެހެންކަމުން ރާއިފުގެ ކުއްލި ގަތުލަކީ ޑުރަގާއި އެ ސަޕްލައި ކުރުމުގެ ތެރޭގައި އުފެދުނު އަރައިރުމެއްގެ ތެރެއިން އައި ގަތުލަކަށް ވުމުގެ ފުރުސަތު އެބައޮތެވެ.

މި ގަތުލާ ގުޅިގެން އިއްޔެ ފުލުހުން ދީފައި ވަނީ ސްޓޭޓްމެންޓެކެވެ، ފުލުހުން ބުނި ގޮތުގައި އެ މައްސަލާގައި ތަހުގީގަށް ބޮޑެތި ކުރިއެރުން ލިބިފައި ވެއެވެ. އެހެން ބުނުމާއެކު "އެއްވެސް މައުލޫމާތެއް އެނގޭނަމަ ހިއްސާކޮށް ދޭން" ވެސް އެދިފައި ވެއެވެ. އެއާ ގުޅުވައި ޖެންޑާއިން ދެއްކި ވާހަކަތަކުން ރާއިފުގެ ގަތުލާ ގުޅިގެން ތުހުމަތު އޮތް އަދި އޭނާގެ "ސާކަލް" ގައި ހިމެނޭ ދެ އެކުވެރިން ހައްޔަރު ކުރުން ފިޔަވައި މާ ބޮޑު ކުރިއެރުމެއް އޮތް ކަމަކަށް ނުފެނެ އެވެ. 

މާލެ ތެރޭގައި އިއްޔެ އަޑުތައް ފެތުރި ވާހަކަ ބަދަލުވަމުން އައި ގޮތަށް ބަލާއިރު މައިގަނޑު ހުލާސާއަކަށް އެކައްޗެއް އެނގޭ ދެ ވާހަކައެއް އެބަ ދައުރުވެ އެވެ. އޭގެ ތެރެއިން އެއް ވާހަކައަކީ ރާއިފް ގެއްލުނު ފަހުން ހޯމަ ދުވަހުގެ ހަވީރުގެ ވަގުތެއްގައި ހުޅުމާލެ ދެވަނަ ފޭސްގައި ކުއްޖަކަށް އަނިޔާ ދީފައިވާ ކަމުގެ މައުލޫމާތު އާންމުންގެ މީހަކު އެ ދުވަހު 5:30 ގައި ފުލުހަށް ރިޕޯޓް ކުރި ކަމަށް ބުނާ ވާހަކަ އެވެ. އަދި އެ ބުނާ ސަރަހައްދަކީ އާންމުންނަށް ނުވަދެވޭނެހެން އެޗްޑީސީން ބަންދު ކޮށްފައި އޮތް ސަރަހައްދެކެވެ.

އެއްގޮތަކަށް ގިނަ ބަޔަކު ދައްކާ އަނެއް ވާހައަކީ ރާއިފުގެ މަރާ ގުޅިގެން ތުހުމަތަށް ހައްޔަރު ކުރި ދެ އެކުވެރިންނަކީ އޭނާ ރަހީނު ކުރި ދެ މީހުންނެވެ. އެމީހުން "ބޯޓް" ރަހީނު ކުރީ "ބޯޓާ" ހަވާލު ކުރި ޑެލިވެރީއެއްގެ ތެރޭގައި ހިމެނޭ ޕެކޭޖަކަށް ވީނުވީއެއް ނޭނގިގެން އުފެދުނު އަރައިރުމެއްގެ ތެރޭގަ އެވެ. އެ އަރައިރުމުގައި ބިރުދައްކައި އަނިޔާ ކުރުމުގެ ތެރޭގައި އޭނާ މަރުވީ އެވެ. މައިގަނޑު ހުލާސާ އެއްވާހަކައެއް އެކަމަކު މި ވާހަތަ ދެތިން ގޮތަކަށް އެބައޮތެވެ.

އަވަސް އިން ހޯދި މައުލޫމާތުން އެނގިފައިވާ ގޮތުގައި ރާއިފުގެ ހަށިގަނޑާއި އޭނާ ލާފައި އޮތް ދަބަސް ފޮށިގަނޑު ހުޅުމާލޭ މޫދުން ފެނުނީ މިހާރު އެ މައްސަލާގައި ހައްޔަރު ކޮށްފައިވާ މީހުން ދިން މައުލޫމާތަކުންނެވެ. އެހެން ކަމުން އެ މީހުން ރާއިފް މަރާލާފައި / އެމީހުންގެ އަތުން ރާއިފް މަރުވެފައި ވަނީ އެ ދުވަހު ހަވީރު އެވެ. އެކުވެރިޔާ މަރާލުމަށް ފަހު އެ މީހުން ""އެކްސްޓްރާ ހެވަން" ގެ 202 ނަމްބަރަށް ވަދެ ތަޅުލީ އެ ހިސާބުންނެވެ. ބައެއް މީހުން ބުނާ ގޮތުގައި އެ މީހުން ތިބީ ބިރުގެންފަ އެވެ. އަދި ރާއިފް ހުޅުމާލޭގެ އެ ސަރަހައްދުގެ މޫދުގައި އޮތް ކަމަށް ބުނެދިނީ ވެސް އެމީހުންނެވެ، 

އިއްޔެ އާއި ރޭގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން ފުލުހުން ވަނީ އެ މީހުންނާއެކު ރާއިފުގެ ހަށިގަނޑު އޮތް ސަރަހައްދަށް ގޮސް އެ މީހުން އެއްބަސް ކުރުވުމާއެކު ހާދިސާ ޑްރާމާ ކޮށްފައެވެ. އެހެން ކަމުން ރާއިފުގެ ގަތުލަކީ ޑުރަގު ޑެލީވަރީއެއް ހަމަޖެއްސުމުގައި ދޮގެއް ހަދައިގެން، ޕެކޭޖެއް މަދުވެގެން އެހެންނާ ހިޔާނާތް ވެގެން، އަދި ވީތަން ނުބުނެގެން އަނިޔާ ކުރަމުން ދަނިކޮށް އައި ހާދިސާއަކަށް ވެދާނެ އެވެ.

ބައެއް ގޭންގްތަކަށް ނިސްބަތްވާ މީހުން ބުނާ ކަމަށް ފެތުރިފައިވާ ވާހަކަތަކަށް ބަލާއިރު ހެޔޮވަރުގެ ޕެކޭޖެއް ގެއްލުވާލާފައިފިނަމަ، އެކުވެރިންނެއް ކަމަކު، ކުޑަކުއްޖެއް ކަމަކު މިހާރު މި މާލޭގައި އެކްޓިވްވާ ނެޓްވޯކްތަކާއި އެމީހުންގެ ގޮތް ފާޑަށް ބަލާއިރު "މަރާކަށް ފަހެއް ނުޖެހޭނެ" އެވެ.

ފުލުހުން މިހާރު ވަނީ ޕޯސްޓްމޯޓަމް އެގްޒަމިނޭޝަނަކަށް ދާން ނިންމާފަ އެވެ. އެގްޒަމިނޭޝަންގެ އޮޓަޕްސީ ރިޕޯޓުން ރާއިފްގެ "ކޯޒް އޮފް ޑެތު" ދެނެގެނެވެންދެން އަދި ތަހުގީގަށް ކުރިއެރުން ލިބި ސާފު ހެކި ހޯދެންދެން ތަފާތު ތުހުމަތުތައް އޮންނާނެ އެވެ. މިއީ އެކަން އޮންނަ ގޮތެވެ.

ބުނެވޭ ގޮތުގައި މީގެ ކުރީން ވެސް ޑެލިވަރީއެއްގެ މައްސަލާގައި ރާއިފްގެ ދެ އެކުވެރިން ރާއިފަށް އަނިޔާ ކޮށްފައި ވެއެވެ. ބައެއް ވާހަކަތަކުގައި އޭނާ މަރާލި ރޭ އައިޖީއެމްއެޗްގެ ކައިރިން ކާރަކަށް އަރުވައިގެން ދިޔަތަން ބަޔަކަށް ފެނިފައި ވެއެވެ. އެ ކާރުގައި ރާއިފާއެކު ތިބި ދެ މީހުންނަކީ އޭނާ މަރާލި މީހުނެވެ. ރާއިފުގެ މަރާ ގުޅިގެން ހައްޔަރު ކުރީ އެ ދެ މީހުންނެވެ. ގަތުލެއް ކުރުމަށް ފަހު އެ މީހުން ފިލަން ވަދެ ތިބީ މާލޭގެ ހެންވޭރުގައި ހިންގާ "އެކްސްޓްރާ ހެވަން" އަށެވެ. ކޮންމެ ތާކަކަށް ވަދެ ތިއްބަސް ކޮންމެ ގޮތެއް ވިޔަސް މި ގަތުލުގެ ސިއްރަކީ ކޮބައިތޯ ސުވާލު ކުރާން ޖެހެ އެވެ. ސިއްރު ހޯދަން ޖެހެ އެވެ.