ކުށްކުރުން

ފޭރުމާއި ރަހީނު ކުރުމާހެދި އެންމެން ބިރުން!

ފަތިސް ނަމާދު ކޮށްލައިގެން އަހުމަދު (އަސްލު ނަމެއް ނޫން) ނިކުތީ އާދައިގެ މަތިން ދުވެލާ ކަސްރަތު ކޮށްލާށެވެ. އޭރު ރަނގަޅަށް އިރު ނާރަ އެވެ. ދުވަމުން ދުވަމުން އައިސް އިންޑަސްޓްރިއަލް ޒޯނުގައި މަޑުކޮށްލީ ކުޑަކޮށް ވަރުބަލި ފިލުވާލައި ކަސްރަތު ކޮށްލާށެވެ. ވާނީ ދެ މިނެޓެވެ. ފަހަތުން މޫނުގައި މާސްކް އަޅައިގެން ތިބި ތިން މީހަކު އައިސް ވަޅި ޖައްސައިފި އެވެ. ފޯނުގެ ޕާސްވޯޑު ޖަހަން އެދި އަތުގައި އޮތް ގަޑިއާއި އިނގިލީގައި އޮތް ރިހި އަނގޮޓި ދިނުމަށް އަމުރު ކުރި އެވެ. ނޫނީ ވަޅިން ހަމަލާ ދޭނެ ކަމުގެ އިންޒާރު ދިނެވެ. ވަށައިގެން މީހަކު ފެންނަން ނެތުމުން ބިރުން ގޮސް އެދުނު ހުރިހާ އެއްޗެއް ދީފައި ގެއަށް އައީ އެވެ. ހެދޭނެ ގޮތެއް ނެތީ އެވެ. ފުލުހުންނަށް ރިޕޯޓު ކޮށްގެން ވާނެ ކަމެއް ނެތެވެ. ސީސީޓީވީ ކެމެރާއެއް ނެތް އެ ސަރަހައްދުގައި ހިނގާދިޔަ މި ހާދިސާގެ އެއްވެސް ހެއްކެއް ދެއްކޭކަށް ނެތެވެ. ގެއްލުނު އެއްޗެހި ހޯދޭނެ އެއްވެސް މަގެއް ނެތެވެ.

މިފަދަ އެހެން މިސާލަކީ އައިލެންޑް އޭވިއޭޝަން ސާވިސްގެ މޯލްޑިވިއަންގެ ދެ މުވައްޒަފަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލި ހާދިސާއެވެ. އެ މާރާމާރީ ހިންގީ ފައިސާ ހޯދުމަށެވެ. ފުވައްމުލަކު އެއާޕޯޓްގައި މަސައްކަތް ކުރާ ދެ މުވައްޒަފުން ސޭލްސް ނިންމުމަށް ފަހު އެރޭ ފައިސާ ހިފައިގެން ދަނިކޮށް ތޫނު އެއްޗަކުން ހަމަލާ ދިނީ އެވެ. ހަމަލާ ދިނުމަށްފަހު ހުރިހާ ފައިސާއެއް ވެސް ފޭރިގަތެވެ. އެ މީހުންގެ އަތުން 93850ރ. އާއި 448 އެމެރިކާ ޑޮލަރު ފޭރިގަތެވެ. މިއީ ލޯހުޅުވައިގެން ހިނގަ ހިނގާ ތިއްބާ ހިނގި ކަންކަމެވެ. ނިދާފައި އޮއްވައި ވަގަށް ނެގީއެއް ނޫނެވެ.

މަކަރާ ހީލަތުން ފައިސާ ހޯދުން އިތުރެވެ. މަކަރުވެރި ރޭވުންތަކާ އެކު މީހުންނަށް ފޯނު ކޯލުތައް ކޮށްގެން މީހުންގެ ސިކުނޑި "ކައިލަނީ" އެވެ. ޕްރޮމޯޝަންތަކުގެ ނަމުގަ އެވެ. ސޯޝަލް މީޑިއާގައި މީހުންގެ އައިޑީތައް ހެކް ކޮށްގެންނެވެ. ތަންތަން ކުއްޔަށް ދިނުމުގެ ނަމުގަ އެވެ. ދައުލަތުގެ އިދާރާތަކުގެ ނަމުގަ އެވެ. ކޭޝް ކާޑު ވަގަށް ނަގައިގެންނެވެ. އޮންލައިން ވިޔަފާރިތަކުގެ ނަމުގަ އެވެ. ބޮޑެތި އަދަދުތަކުން މަކަރާ ހީލަތުން ފައިސާ ހޯދައި މީހުންނަށް މާލީ ގޮތުން ބޮޑެތި ގެއްލުންވެ އެވެ.

މިސްކިތްތަކުގައި ނިދުމާއި މިސްކިތުގެ ހުރުމަތް ކެނޑުން އާންމުވެއްޖެ އެވެ. މަގުމަތިވެފައިވާ ޒުވާނުންނާއި ސަލާންޖަހާ ޒުވާނުން ގިނަވެއްޖެ އެވެ. ގްރޫޕް ގްރޫޕަށް ކަންމަތިތަކުގައި ޖަމާވެ ތިބެ މީހުންނާ ފޮށެ، ޑްރަގް ޑީލުތައް ހަދަނީ އެންމެންގެ ކުރިމަތީ އެވެ. ޑްރަގް ބޭނުންކުރުމާއި ވިއްކުން އަދި ޑެލިވަރީ ކުރަނީ ފާޅުގަ އެވެ. އާންމުން ވަނީ ބޮޑު ބިރުވެރިކަމެއްގެ ތެރެއަށް ވެއްޓިފަ އެވެ. މިކަންކަން ހުއްޓުވޭނެ އެއްވެސް ގޮތެއް ނެތެވެ. ހުއްޓުވައި ދެތިން ދުވަހަށް ގޮޅިއަށް ލައިފާނެ އެވެ. އެކަމަކު ކޮންމެވެސް ގޮތަކުން ބޭރަށް ނިކުނާނެ އެވެ.

"މިހާރު ރޭގަނޑު އަށެއްގެ ފަހުން ކަންމައްޗެއްގައި މަޑުކޮށްލިޔަސް ހަށިވިއްކާ އަންހެނުން ފުރައްސާރަކުރުން ވެސް އިންތިހާޔަށް ބޮޑުވެއްޖެ. ފިރިހެނުންނަށް ވެސް ރައްކާތެރިކަމެއް ނެތް،" ޓްވިޓާގައި މީހަކު ކޮށްފައިވާ ކޮމެންޓެއްގައި ބުންޏެވެ.

މަގުމަތިން ހިނގާފައި ދިޔަ އަންހެނަކަށް ޖިންސީ ފުރައްސާރަކޮށް ގައިގައި އަތްލި މީހެކެވެ. ބަޔެއްގެ އެހީތެރިކަމާ އެކު އެ މީހާ އަތުލައިގަނެ ފުލުހުންނާ ހަވާލުކުރި އެވެ. އަންހެން މީހާ ސޯޝަލް މީޑިއާގައި އެވާހަކަ ހިއްސާކުރަމުން އެމީހާ ދޫކޮށްލާނެ ކަމަށް ފުލުސް އޮފިސަރު ކައިރީ ބުނި ކަމަށް ލިޔެފައި އޮތެވެ. ޖަވާބުގައި ފުލުސް މީހާ ބުނީ މިހެންނެވެ.

"އަޅުގަނޑުމެންނެއް ނޫން. ކޯޓުން ދޫކޮށްލަނީ،"

ކަން ވީވެސް އެހެންނެވެ. ހުކުރު ދުވަހު ހައްޔަރުކޮށް އިއްޔެ އެމީހާ ބަންދުން ދޫކޮށްލައިފި އެވެ. އެކަށީގެންވާ ހެއްކާ ގަރީނާ ނެތީ އެވެ. އަނެއްކާ ވެސް މިއޮތީ ގޮތް ހުސްވެފަ އެވެ.

މިދިޔަ ހަފްތާ ތެރޭ ސިފައިންގެ މީހަކު ރަހީނު ކުރީ އެވެ. ރަހީނު ކުރީ ފައިސާގެ ދަހިވެތިކަމުގަ އެވެ. ރަހީނުކޮށް އަނިޔާކުރުމަށްފަހު ގެންގޮސް އެއްލައިލީ އެވެ. އޭގެ ކުރިން ކުޅުދުއްފުށީގައި ފިރިހެނަކު ރަހީނުކޮށްގެން ކާރަކަށް އަރުވައިގެން ގެންގޮސް އަނިޔާކުރި އެވެ. މިފަދަ އެތައް މައްސަލައެކެވެ. މިއީ އިންޑިއާއެއް ނޫނެވެ. އިންޑިއާއަކީ މިފަދަ ޖަރީމާތައް ހިންގާކަމަށް މަޝްހޫރުވެފައި އޮންނަ ގައުމެކެވެ. ބައެއް މީހުން ރާއްޖެ ސިފަކުރަނީ އިންޑިއާގެ "ކްރައިމް ޕެޓްރޯލް" ފަދައިންނެވެ. އެއީ މިފަދަ އެކި ޖަރީމާތައް ހިންގައި، އެފަދަ މައްސަލަތައް ތަހުގީގުކޮށް ކުށްވެރިން ހޯދަން އިންޑިއާ ފުލުހުން ކުރާ މަސައްކަތް ދައްކުވައިދޭ ޓީވީ ސީރީސް އެކެވެ. މިއީ އަމާން މަންޒިލެއްގެ ގޮތުގައި ދުނިޔެއަށް މަޝްހޫރުވެފައިވާ ރާއްޖޭގެ އަދުގެ ހާލަތެވެ.

މިއީ ރާއްޖޭގައި އަދި ހާއްސަކޮށް މާލެ ތެރެ ރައްކާތެރިނޫން ކަމުގެ ހަމަ ކުޑަކުޑަ މިސާލެކެވެ. މިފަދަ އެތައް މައްސަލައެވެ. މިފަދަ މައްސަލަތަކުގެ ސަބަބުން އެކަނި ނިކުމެ އުޅުން ރައްކާތެރިއެއް ނޫނެވެ. ހާއްސަކޮށް އަންހެންނާއި ކުޑަކުދިންނަށް ރައްކާތެރިއެއް ނޫނެވެ. މިފަދަ މައްސަލަތައް ހުއްޓުވޭނެ ގޮތެއް ވެސް ނެތީ އެވެ. ފުލުހުންނާއި ކޯޓުތައް އޮތީ އަތް އުރާލައިގެންނެވެ.

"މިހާރު މީހުން ރަހީނުކުރުމާއި ބިރުދައްކާ ވާހަކަތައް އިވުނީމާ ސިފަވަނީ އިންޑިއާ އިން ގެނެސްދޭ ކްރައިމް ޕެޓްރޯލް ހެން. އެހާ ވެސް ބިރުވެރި. އެކަނި ނިކުމެ އުޅެން ވަރަށް ބިރުގަނޭ ރޭގަނޑަކަސް ދުވާލަކަސް،" ފޭސްބުކް ޕޯސްޓަކަށް މީހަކު ކުރި ކޮމެންޓެއްގައި ބުންޏެވެ.

މިފަދަ ކަންކަން ހުއްޓުވުމަށް ފުލުހުން އޮޕަރޭޝަންތައް ހިންގަ އެވެ. ގިނަ ފަހަރަށް ހައްޔަރު ވެސް ކުރެ އެވެ. އެކަމަކު އެކަށީގެންވާ ހެއްކާ ގަރީނާ ނެތެގެން ކޯޓުން ދޫކޮށްލަނީ އެވެ. ދައުވާކޮށްފި ނަމަ މައްސަލަ ސާބިތުކުރެވެނީ ވެސް މަދު ފަހަރެއްގަ އެވެ. އެއީ އެކި ސަބަބުތަކާ ގުޅިގެންނެވެ. ފުލުހުން އެމީހާ ހައްޔަރުކުރި ގޮތުން ކަމަށް ވެދާނެ އެވެ. ފުލުހުން ތަހުގީގު ހިންގި ގޮތް ނުބައި ވެދާނެ އެވެ. ފުލުހުން ފުރިހަމަކުރަން ޖެހޭ ޕްރޮސެސް ނުބައިކޮށް ގެންގޮސްފައި އޮވެދާނެ އެވެ. މިފަދަ އެތައް ކަންތައްތަކެއްގެ ސަބަބުން ކޯޓުން ދޫވަނީ އެވެ. ކޯޓުން މައްސަލަ ނިންމުމުގައި ރިއާޔަތްކުރާނީ ގާނޫނީ މިންގަނޑުތަކަށެވެ. ފުލުހުންނަށް ހެދޭ ކުޑަކުޑަ އިޖުރާއީ ގޯހަކުން ބޮޑެތި ކުށްވެރިން ދޫވެފައި އެބަ ހުއްޓެވެ. އޭގެ ތެރޭގައި ޑްރަގް ނެޓްވޯކްތަކާ ގުޅުން އޮންނަ ބޮޑެތި ކުށްވެރިން ހިމެނެ އެވެ. އެހެންކަމުން ގިޔަބަޔަކު ދެ ގޮތަކަށް ގަބޫލުކުރެ އެވެ. އެއްގޮތަކީ ފުލުހުން ގަސްދުގައި އެމީހުން އަމަލުކުރަން ޖެހޭ ގޮތަށް އަމަލު ނުކުރުމެވެ. ނުވަތަ ގަސްދުގައި އިހުމާލުވުމެވެ. އަނެއް ގޮތަކީ ފުލުހުންނަށް ގާނޫނީ އިމުގެ ތެރެއިން ކަން ކުރަން ނޭންގުމެވެ.

"އަހަރެންގެ ބައްޕަ ފަތިސް ނަމާދުން ފައިބައިގެން ރަށްދެބައިމަގުން އަންނަނިކޮށް ހުއްޓުވައި ބިރުދައްކާ އަތުގައި އޮތް ފޯނާއި ވޮލެޓާ ގަޑިވެސް އަތުލި. އެވަގުތު އެމީހާގެ އަތުގައި އޮތް ވަޅި ފެނުނީމަ ބިރުން ދިނީކަމަށް ބައްޕަ ބުނީ. ވޮލެޓުގައި 2000ރ. ހުންނާނެ. އެފައިސާ އަކީ އަހަރެންގެ ކޮއްކޮގެ ޓިއުޝަން ފީ ދައްކަން ހުރި ފައިސާކޮޅު. ޕޮލިހުންނަށް ރިޕޯޓުކުރިން އެކަމަކު އެއްވެސް ކަމެއް ނުވޭ މިހާރު ދެ ހަފްތާ ވެއްޖެ އޭގެފަހުން،" މީހަކު ޓްވިޓާގައި ލިޔެފައި އޮތެވެ.

އަދި ހަމަ ވަރަށް ނުރައްކާތެރި ކަމެކެވެ. ދުއްވާ މީހުންނަށް ވެސް ވަރަށް ނުރައްކަލެވެ. ބާރު ސްޕީޑުގައި މަގުތައް މަތީގައި ސައިކަލު ދުއްވުމަކީ ވެސް ވަރަށް އާންމުވެފައިވާ ކަމެކެވެ. ކުއްލި ކުއްލިއަށް މަގުތަކުން ބާރު ސްޕީޑްގައި ނިކުންނަނީ ތިމާގެ ފުރާނައިގެ އިތުރުން ވަށައިގެން އުޅޭ މީހުންގެ ފުރާނައަށް ވެސް ބެލުމެއް ނެތި އެވެ. ހަމަ ބިރު ކުޑައީ އެވެ. ނޫނީ ތިމާގެ މޮޅުކަން ދައްކަން ބޭނުންވަނީ އެވެ. ދުއްވަން ތިބޭ އެހެން މީހުންނަށް ވެސް ސިހުން ލިބޭހާ ބާރު ސްޕީޑްގައި ދުއްވަނީ އެވެ. އޭގެ ސަބަބުން އެކްސިޑެންޓްތައް ހިނގައި ބޮޑެތި އަނިޔާތައް ލިބި، ބައެއް މީހުންގެ ފުރާނަ ވެސް ގޮސްފައި އެބަހުއްޓެވެ.

"ދިވެހި ޒުވާނުންނަށް މިތިބެނީ ކިހިނެއް ވެފައި؟" މީހަކު ސުވާލުކޮށްލި އެވެ.

ކޮންމެއަކަސް މިހުރިހާ ކަމަކުން ސާބިތުވާ އެއް ކަމެއް އެބަ އޮތެވެ. މިއަދު އަހަރެމެން ދިރިއުޅެމުންދާ މުޖުތަމައުއަކީ ރައްކާތެރި މުޖުތަމައެއް ނޫން ކަމެވެ. ކުރިން ވަރަށް ސިއްރުން މީހަކަށް ނޭންގޭ ގޮތަށް ކުރާ ކުށްތައް މިއަދު ކުރަމުން އަންނަނީ ފާޅުގަ އެވެ. މަގުމަތީގައި ދިވެހި ޒުވާނުންނަކީ މީގެ 15 ވަރަކަށް އަހަރު ފަހަތަށް ބަލާއިރު ލަަދުރަކި އަދި ރަގަޅު އަހުލާގުގެ ޒުވާނުންނެވެ. ސިއްރުން ކިތަންމެ ނުބައި ކަމެއް ކުރިޔަސް ހެވެވެ. މަގުމަތީގައި އެފަދަ ކަންކަން ކުރުން އޭރު މަދެވެ. އެކަމަކު މިހާރު މަންޒަރު މުޅިން ތަފާތެވެ. ޖިންސީ ފުރައްސާރަކޮށް، ފޭރުމާއި ވައްކަން ކުރުން އަދި މީހުން ރަހީނުކުރުން މިވަނީ އާންމުވެފަ އެވެ. ތޫނު އެއްޗެހިން ހަމަލާދީ ފޭރުމާއި ޖިންސީ ފުރައްސާރައާއި ގޯނާ ކުރުން ވެސް އާންމުވެއްޖެ އެވެ. ކުޑަކުދިންނާއި އަންހެނުންނަށް ޖިންސީ ގުނަވަން ދެއްކުން ވެސް އާންމުވެއްޖެ އެވެ. ހަށިވިއްކުމުގެ ވިޔަފާރިތައް ފުޅާކޮށް ސޯޝަލް މީޑިއާގައި ބަރަހަނާވުން ވެސް އާންމުވެއްޖެ އެވެ. މިކަންކަން ހުއްޓުވޭނެ ހަމަ އެއްވެސް މަގެއް ނެތީ ހެއްޔެވެ؟