ފޭރުން

ފޭރުމާއި ޓެކުންވެސް ނުހުއްޓުވި އިންތިހާގައި!

މަކަރާއި ހީލަތުން މީހުންގެ އަތުން ފައިސާ ހޯދުން ރާއްޖޭގައި މިހާރު އާންމުވެފައި ވެއެވެ. އެފަދަ އަމަލުތަކުގެ ސަބަބުން އެތައް ބަޔަކަށް މާލީ ބޮޑެތި ގެއްލުންތައް ދަނީ ލިބެމުންނެވެ. މަކަރާއި ހީލަތް ހަދާ މީހުންގެ ރޭވުންތެރިކަން މޮޅު ކަމުން ނޭގި ހުއްޓާ އެތައް ބަޔަކު ކުށްވެރިންނަށް ވެސް ވެއްޖެ އެވެ. މަކަރާއި ހީލަތުން ހޯދި ފައިސާގެ އަދަދުތައް އުޅެނީ ފިއްކަޑައިގެންދާހާ މަތީގަ އެވެ. މިގޮތަށް ހޯދާ ފައިސާ އަނބުރާ އޭގެ ހައްގުވެރިންނަށް ހޯދައި ދިނުމުގައި ވެސް ބޮޑެތި ގޮންޖެހުންތައް ހުރެވެ. ކުށްކުރާ މީހުންގެ ހުޝިޔާރުކަން އޮއްވައި އިދާރާތަކުން ދޭ އިރުޝާދުތަކަށް ބައެއް މީހުން އަމަލު ކުރަމުން ނުދާތީ މަކަރާއި ހީލަތުން ފައިސާ ހޯދުން ހުއްޓުވަން އިދާރާތައް ވެސް ވަނީ ނުކުޅެދިފަ އެވެ.

ފައިސާ ހޯދަނީ ކޮން ގޮތަކުން

މާލެ ސަރަހައްދުގައި ތަންތަން ކުއްޔަށް ދޫކުރުމުގެ ވިޔަފާރިއަކީ ޑިމާންޑް އޮތް ވިޔަފާރި އެކެވެ. އެހެންކަމުން ތަންތަން ކުއްޔަށް ދޭނެ ކަމަށް ބުނެ އެޑްވާންސްގެ ގޮތުގައި ބޮޑެތި އަދަދުތަކުން މީހުންގެ އަތުން ފައިސާ ނަގާ، ފިލައިގެން އުޅުމަކީ ވަރަށް އާންމު ކަމެކެވެ. ރާއްޖޭގައި އޮންލައިންކޮށް ވިޔަފާރި ކުރުން ވަރަށް ބޮޑަށް ފުޅާވެފައިވާއިރު ޑެލިވަރީ ކޮށްދޭނެ ކަމަށް ބުނެ ފައިސާ ނެގުމަށް ފަހު ތަކެތި ޑެލިވަރީ ނުކުރާ މައްސަލަ ވެސް ގިނަ އެވެ.

"ރާސްޓަސް" އަދި "ރީލޯޑް" ކުރުމުގެ ނަމުގައި މީހުނަށް ދޭ ގެއްލުންތައް ގިނަ އެވެ. އޮންލައިންކޮށް ވިޔަފާރިކުރުމަށް ފަހު ސައްހަ ނޫން ޓްރާންސްފާ ސްލިޕް ފޮނުވުމަށް ފަހު ފިހާރަތަކުން މުދާ ނެގުން މިއީ މިވަގުތު އާންމުކޮށް ހިނގަމުންދާ ކަމެކެވެ. ރާއްޖެއިން ބޭރުން މުދާ އެތެރެ ކޮށްދޭނެ ކަމަށް ބުނެ މީހުންގެ އަތުން ލައްކައިން ފައިސާ ނެގުމަށް ފަހު މުދާ ގެނެސްދީފައި ނުވާތީ އެތައް ބަޔަކު ބަނގުރޫޓް ވެއްޖެ އެވެ. އެކި ތަންތަނުން ހިންގާ ތަފާތު ޕްރޮމޯޝަންތަކުގެ ނަމުގައި ފައިސާ ހޯދުން ވެސް މިއީ އޮޅުވާލައިގެން ފައިސާ ހޯދާ ގޮތެކެވެ. އަދި ނުދަންނަ ނަންބަރުތަކުން ގުޅައި އެއީ އާއިލާ މީހެއް ކަމަށް ބުނެ ރަހުމަތްތެރި ގޮތަކަށް ވާހަކަ ދައްކައި މީހާގެ ވިސްނުމާ ކުޅެލައިގެން ފައިސާ ހޯދުމަކީ ވެސް ހިނގަމުންދާ ކަމެކެވެ.

ފުލުހުން ބުނާ ގޮތުގައި ކޮވިޑްގެ ހާލަތު ގޯސްވެ އިގްތިސޯދީ ބޮޑެތި ގެއްލުންތަކެއް އެތައް ބަޔަކަށް ލިބިފައިވާ މި ދުވަސްވަރު މަކަރާއި ހީލަތް ހެދުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. އެފަދަ މައްސަލަތަކުގެ ތެރެއިން މިވަގުތު އެންމެ ގިނަ އިން ހުށަހަޅަނީ ފޭކް ސްލިޕް ފޮނުވައިގެން ވިޔަފާރި ކުރާ މައްސަލަތަކެވެ.

"[އެމީހުން] އެންމެ ފުރަތަމަ ފިހާރަ އަށް ގޮސް ގަންނަން ބޭނުންވާ ތަކެތީގެ އަގުތައް ހޯދަނީ. އެގޮތަށް ނަގާ ތަކެއްޗަށް އަރާނެ ޖުމްލަ އަދަދު ބަލާފައި އޭގެ ފަހުން ސްލިޕް ތައްޔާރު ކޮށްގެން އަނބުރާ އެ މީހުން ދަނީ ފިހާރައަށް. އެމީހުން ސްލިޕްގައި އެބަޖަހާ [ވިޔަފާރިކޮށް ނިންމޭނެ ކަމަށް] ލަފާކުރާ ވަގުތު. އޭގެ ފަހުން ވިޔާފަރިކުރާ ތަނަކަށް ސްލިޕް ކޮޅު ފޮނުވުމަށް ފަހު އިރުކޮޅެއް ފަހުން އެ ސްލިޕް ޑިލީޓް ކޮށްލަނީ،" ފޭކް ސްލިޕް ފޮނުވާ މީހުން އަމަލުކުރާ ގޮތް ފުލުހުންގެ ސްޕްރިންޓެންޑެންޓް އޮފް ޕޮލިސް އަލީ ފާއިޒު ވިދާޅުވި އެވެ.

ގެއްލުންތައް، ތަފާސްހިސާބުން

ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު މާލެ އާއި އަތޮޅުތަކުން ވެސް މަކަރާއި ހީލަތުގެ މައްސަލަތައް ހުށަހަޅާ މިންވަރު ވަނީ އިތުރުވެފަ އެވެ. އެގޮތުން އަތޮޅު ތަކުން މަކަރާއި ހީލަތުގެ 127 މައްސަލައެއް މިދިޔަ އަހަރު ފުލުހަށް ހުށަހެޅި އެވެ. އޭގެ ކުރީ އަހަރު އަތޮޅު ތަކުން ހުށަހަޅާފައިވަނީ އެފަދަ 101 މައްސަލަ އެވެ. މާލެ ސަރަހައްދަށް ބަލާއިރު މަކަރާއި ހީލަތުން ފައިސާ ހޯދި ކަމަށް ބުނާ 482 މައްސަލައެއް މިދިޔަ އަހަރު ހުށަހަޅާފައިވެ އެވެ. އޭގެ ކުރީ އަހަރު މާލެއިން ހުށަހަޅާފައި ވަނީ މި ބާވަތުގެ 397 މައްސަލަ އެވެ. އަދި މިއަހަރުގެ މިހާތަނަށް ވަނީ މަކަރާއި ހީލަތުން ފައިސާ ހޯދުމުގެ 259 މައްސަލައެއް ފުލުހުންނަށް ހުށަހަޅާފަ އެވެ.

މަކަރާއި ހީލަތް ހަދައިގެން ފައިސާ ހޯދާފައިވާ ކަމަށް ބުނެ މިދިޔަ އަހަރު ފުލުހުންނަށް ހުށަހަޅާފައިވާ މައްސަލަތަކުގައި 3.5 މިލިއަން ރުފިޔާ އޮޅުވާލައިގެން އަތުލާފައި ވެއެވެ. އަދި މިއަހަރުގެ މިހާތަނަށް ހުށަހެޅި މައްސަލަ ތަކުގައި 3.9 މިލިއަން ރުފިޔާ އޮޅުވާލައިގެން ވަނީ އަތުލާފަ އެވެ. މިދިޔަ އަހަރުން ފެށިގެން މިދިއަ ޖޫން މަހުގެ 16 ވަނަ ދުވަހުގެ ނިޔަލަށް މިބާވަތުގެ މައްސަލަ ތަކުގައި ޖުމްލަ 7.4 މިލިއަން ރުފިޔާ ފޭރިގެންފައި ވެއެވެ.

އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސް ޔުނިޓް (އެފްއައިޔޫ) ގެ 2018 ވަނަ އަހަރުގެ އަހަރީ ރިޕޯޓަށް ބަލާއިރު ފައިސާ ހޯދަން ވެގެން ރާއްޖެއިން ބޭރުގެ ހީލަތްތެރިން އޮޅުވާލައިގެން ފޮނުވާފައިވާ އީމެއިލްތައް މެދުވެރިކޮށް 2017 ވަނަ އަހަރު ދިވެހި ކުންފުނިތަކުން 303،290 ޑޮލަރު ހޯދަން މަސައްކަތް ކޮށްފައިވެ އެވެ. ހީލަތްތެރިންގެ އަވާގައި ޖެހިގެން ދިވެހި ބައެއް ކުންފުނިތަކުން 72،070 ޑޮލަރު ނުވަތަ 1.1 މިލިއަަން ރުފިޔާގެ މުއާމަލާތް 2017 ވަނަ އަހަރު ކުރި އެވެ.

މަކަރާއި ހީލަތް ހެދުމުގައި އުޅެނީ ކުށްވެރިން

ފުލުހުންގެ ތަހުގީގުތަކަށް ލިބިފައިވާ މައުލޫމާތަށް ބަލާއިރު މަކަރާއި ހީލަތް ހަދައިގެން ފައިސާ ހޯދުމުގެ އަޑީގައި ތިބެނީ ކުށްވެރިންނެވެ. އެންމެ ފުޅާކޮށް ހިންގަނީ މާފުށި ޖަލުގައި ތިބޭ ގައިދީންގެ ބަޔަކާއި ކުރިން ޖަލުގައި ތިބުމަށް ފަހު މުޖުތަމައަށް ދޫވެފައި ތިބި ބަޔަކާ ގުޅިގެނެވެ. އޭގެ ތެރޭގައި ބިދޭސީން ވެސް ކޮންމެވެސް ވަރަކަށް ބައިވެރިކުރެ އެވެ.

ފާއިޒު ވިދާޅުވި ގޮތުގައި އޮޅުވާލައިގެން ފައިސާ ހޯދަން ކުރާ ކޯލް ތަކުގެ 90 ޕަސަންޓް ކޯލް ކޮށްފައިވަނީ ޖަލުންނެވެ. މުޖުތަމައުގެ ތެރެއިން މިފަދަ ކޯލްތައް ކުރާ ދެ ސަރަހައްދެއްގެ ގޮތުގައި ޅ. އަތޮޅާއި ލ. އަތޮޅު ފުލުހުން ވަނީ ފާހަގަކޮށްފަ އެވެ. އަދި އައްޑޫ ސިޓީން ވެސް މިފަދަ ކޯލްތައް އައުން ވަނީ އިތުުރުވެފަ އެވެ.

ޖަލުން ކުރާ ކޯލަކުން ހޯދާ ފައިސާ އަތުލައިގަތުމުގަ އާއި އެކި ދިމަދިމާލަށް ފައިސާ ފޮނުވުމުގައި ހަރަކާތްތެރި ވަނީ ޖަލުން ދޫވެ ރަށު ތެރޭގައި ކުށުގެ ވެށީގައި އުޅޭ މީހުނެވެ.

ފާއިޒު ވިދާޅުވި ގޮތުގައި އޮޅުވާލައިގެން މީހުންނަށް ފޯނުކޮށްގެން ފައިސާ ހޯދުމަށްޓަކައި އެންމެ ބިދޭސީއެއްގެ ނަމުގައި 800 ނަންބަރު ނަގާފައި ވެސް ވެއެވެ. އަދި ނަންބަރު ނަގާފައިވާ މީހާގެ ސައްހަ މައުލޫމާތު ވެސް އިދާރާތަކުގައި ނުހުރެ އެވެ.

"އެކެއްގެ ނަމުގައި 800 ނަންބަރު ދޫކުރުމަކީ ވެސް ހަގީގަތުގައި ކޮށްގެން ވާނެ ކަމެއް ވެސް ނޫން،" ފާއިޒު ވިދާޅުވި އެވެ.

އޮޅުވާލައިގެން ފައިސާ ހޯދުމަށް އެކި މީހުންނަށް ގުޅާ ކަމަށް ބެލެވޭ 1،305 ނަންބަރެއް މިހާތަނަށް ބްލޮކްކޮށް 374 ނަންބަރެއް ފުލުހުން ވަނީ ބްލެކް ލިސްޓް ކޮށްފަ އެވެ.

މަކަރުވެރިންގެ އަމާޒަކީ ކޮން ބައެއް

މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުން ކުރިން އެކަން ކުރަމުން ދިޔައީ ވަކި މީހަކު ބެލުމެއް ނެތި ރެންޑަމްކޮށް އެކި މީހުންނަށް ގުޅައިގެންނެވެ. ނަމަވެސް މިހާރު އެކަން ކުރަނީ ފައިސާ ހުރި މީހުން ހޯދައި ބަލައިގެނެވެ. ނުވަތަ ފަސޭހައިން އެ ބައެއްގެ ވިސްނުމާ ކުޅެލެވިދާނެހެން ހީވާ މީހުންނަށެވެ.

ވަރަށް ބޮޑަށް ރާވައިގެން އަދި ހާއްސަ އިންތިޒާމު ތަކެއްގެ ދަށުން މީހުންނަށް ގުޅަނީ އެކި މީހުންގެ ނަމުގަ އާއި ތަފާތު ކުންފުނިތަކާއި ފިހާރަތަކާއި އަދި ހަރަކާތްތެރި ބައެއް ޖަމިއްޔާތަކުގެ ނަމުގަ އެވެ. އެކިއެކި ލިޔުންތަކާއި އެއްބަސްވުންތަކާއި އިންވޮއިސްތައް ނަކަލް ކޮށްގެން ތަފާތު ކުންފުނިތަކުގެ ނަމުގައި ފައިސާ ހޯދުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ. މީގެ އިތުރުން ބޭރު ފައިސާ ގަނެ ވިއްކުމުގެ މުއާމަލާތްތަކުގަ އާއި ރިސޯޓުތަކާއި ފިހާރަތަކަށް މުދާ ފޮނުވަން އެއްބަސްވެ ފައިސާ ނެގުމަށްފަހު މުދާ ނުފޮނުވާ މަކަރު ހަދާ މައްސަލަތައް ވެސް ދަނީ އިތުރުވަމުންނެވެ.

ފުލުހުންގެ ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް ނާހިދު ހުސައިން ވިދާޅުވި ގޮތުގައި މަކަރާއި ހީލަތް ހަދައިގެން ފައިސާ ހޯދާ މީހުން ގެންދަނީ އެ ދުވަސްވަރަކާ އެންމެ ގުޅޭގޮތަކަށް އެ މީހުންގެ ވާހަކަތައް ބައްޓަންކޮށް، މީހުންގެ ސިކުނޑިތަކާ ކުޅެލައިގެން ފައިސާ ހޯދަމުންނެވެ. އެގޮތުން ރަށު ތެރޭގައި ހިންގާ ތަފާތު ޕްރޮމޯޝަން ތަކަށް އެމީހުން ވަރަށް ބޮޑަށް ފާރަވެރިވެ ޕްރޮމޯޝަންގެ ނަމުގައި މީހުންނަށް މާލީ ބޮޑެތި ގެއްލުންތައް ދީފައި އެބަހުއްޓެވެ.

"މިސާލަކަށް ބީއެމްއެލްގެ އާ މޯބައިލް އެޕް ލޯންޗުކުރުމާ ދިމާކޮށް ވެސް ބޭންކުގެ ނަމުގައި މީހުންނަށް އެހާ އަވަހަށް ގުޅައިގެން ސްކޭމްތައް އެބަ ހިންގަމުންދޭ" ދާދިފަހުން ބީއެމްއެލް އިން ލޯންޗު އާ އެޕްގެ ޕްރޮމޯޝަންގެ ބޭނުން ބަޔަކު ނަހަމަ ގޮތުގައި ކުރަމުންދާ ކަން ފާހަގަކުރައްވަމުން ނާހިދު ވިދާޅުވި އެވެ.

ހޭލުންތެރިކަން ކުޑަ، އިހްމާލު ބޮޑު

މަކަރާއި ހީލަތުން ފައިސާ ހޯދާ މީހުންގެ ނުބައި އަމަލުތަކަށް އާންމުން ހޭލުންތެރިކުރުވުމަށް ކަމާ ގުޅޭ އިދާރާތަކުން މަސައްކަތްތަކެއް ކުރެ އެވެ. މަކަރުގެ ދަލުގައި ކިޔަވައިގެން ތިބި ހަރުދަނާ މީހުން ވެސް ޖެހެ އެވެ. ބައެއް ފަހަރު އިހްމާލުގެ ސަބަބުންނެވެ. އަނެއް ބައި ފަހަރު ފައިސާއަށް އިސްކަން ދެވިގެން އަމިއްލައަށް ކުރާ ކަންކަމުގެ ސަބަބުން ދަލުގައި ޖެހި ބޮޑެތި ގެއްލުން ވަނީ އެވެ.

މިފަދަ މައްސަލަ ތަކުގައި އެންމެ ބޮޑު ކަންބޮޑުވުމަކީ ކަމާ ނުގުޅޭ މީހުން ކުށްވެރިވެ، އަދަބު ލިބޭ ހިސާބަށް ދިއުމެވެ. އެމީހުންނަށް ކުރެވޭ ކަމެއްގެ ސަބަބުން މީހާ ބަނގުރޫޓްވާ ހިސާބަށް ވެސް ގޮސްފައި އެބަހުއްޓެވެ.

ނާހިދު ވިދާޅުވި ގޮތުގައި ކާކު ކަން ނުވެސް އެނގޭ މީހުން މަގުމަތިން ހުއްޓުވުމަށްފަހު ތަފާތު ސަބަބުތަކެއް ކިޔައިދީ އެ މީހާ އޭޓީއެމަށް ގެންގޮސް ނުދަންނަ މީހަކު ފޮނުވާ ފައިސާކޮޅެއް ނަގައިދިނުމަށް އެދެ އެވެ. އެގޮތަށް ފޮނުވާ ފައިސާ އެކައުންޓުން ނަގައިދިނުމުން ނޭނގި ނަމަވެސް އެ ބައިވެރި ވެވޭނީ ހީލަތްތެރިންގެ ކުށުގަ އެވެ. މަކަރާއި ހީލަތުން ހޯދާ ފައިސާ އެކައުންޓުން އަވަހަށް ނަގައި އެ ފައިސާތައް ދައުރު ކުރުމުގައި އެކަހަލަ ރޭވުންތެރި އުކުޅުތައް ގެންގުޅެ އެވެ.

"[މަކަރާއި ހީލަތް ހަދައިގެން ކުރާ ކޯލްތަކުގައި] ޓްރާންސްފާ ކުރާ އެކައުންޓްތައް އެބަ އެނގޭ. އެކަމަކު މައްސަލަ ބަލާއިރު ގިނަ ފަހަރަށް އެކައުންޓްގެ ވެރި ފަރާތް މި ހުންނަނީ ވެސް އެ ކުށުގައި ވިކްޓިމް އަކަށް ވެފައި،" ނާހިދު ވިދާޅުވި އެވެ.

ފުލުސް މައުލޫމާތަށް ބަލާއިރު މަކަރާއި ހީލަތް ހަދައިގެން ފައިސާ ހޯދާ މައްސަލަ ހައްލު ކުރާނަމަ ޖަލުގައި ފިލައި ތިބެ ކުރާ ކޯލްތައް ހުއްޓުވަން ޖެހެ އެވެ. އަދި އެފަދަ ކޯލްތައް ކުރާ ގައިދީން ހޯދައި އެ މީހުންގެ އަމަލުތައް މޮނިޓާ ކުރުން ހަރުދަނާ ކުރަންޖެހެ އެވެ.

ޖަލު ތަކަށް ގަވައިދާ ހިލާފަށް ވައްދާ ސިމް ކާޑުތަކާއި ފޯންތައް ވެއްދުން ހުއްޓުވުމަށާއި އަދި އެފަދަ ތަކެތި ހޯދަން މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއާ ގުޅިގެން ހާއްސަ އޮޕަރޭޝަންތައް ހިންގަން ފުލުހުން ނިންމާފައިވެ އެވެ. އަދި މިފަދަ ބައެއް އޮޕަރޭޝަން ދޭތެރެއަކުން ހިންގާ، ފޯނާއި ސިމް ކާޑު ހޯދަން ވެސް ހޯދަ އެވެ. ނަމަވެސް މައްސަލައަށް އެދެވޭ ހައްލެއް މިހާތަނަށް ވެސް ފެނިފައެއް ނުވެ އެވެ.

"އަޅުގަނޑުމެންނަށް ވަރަށް ބޮޑު ޔަގީން ކަމެއް އެބައޮތް ޖަލު ތެރޭގައި ހިންގާ މިބާވަތުގެ ކުށްތައް ހުއްޓުވިއްޖެނަމަ މި ދަންނަވާ ބާވަތުގެ މައްސަލަތައް ހުށަހަޅާ މިންވަރު ވަރަށް ބޮޑަށް ދަށްވާނެ ކަން،" ނާހިދު ވިދާޅުވި އެވެ.