ވައްކަން

ފިހާރަތަކެއް ފަޅާލިއިރު ހިލަމެއް ވެސް ނެތް!

ކޮވިޑް-19 އިން ރައްކާތެރިވުމަށްޓަކައި އަޅާފައިވާ ރައްކާތެރި ކަމާއެކު ގިނަ ބަޔަކު މި ތިބީ ގޭގަ އެވެ. ވިޔަފާރިވެރިން ވެސް އިރު އޮއްސި 6:00 ގެ ފަހުން އުޅަނދު ދުއްވުން މަނާ ކޮށްފައިވާތީ ފިހާރަތައް ބަންދު ކޮށްފައި ވަންނަނީ ގެއަށެވެ. އެ ހިސާބުން މާލެތެރެ ބަލަހައްޓަން ހަވާލު ވަނީ ފުލުހުންނެވެ. ފިހާރަތައް ބަންދުކޮށް ވިޔަފާރިވެރިން ގެއަށް ދަނީ ފުލުހުންނަށް ބެލެހެއްޓޭނެ ކަމުގެ ޔަގީންކަމާއެކު އެވެ. ނަމަވެސް މިއަދު ހެނދުނު "މާލެ ހޭލުމުން" ބެލި އިރު ބާޒާރުގެ ގިނަ އަދަދެއްގެ ފިހާރަ ހުރީ ފަޅާލާފަ އެވެ. މިހާރު ބެލެވޭ ގޮތުގައި މައި ބާޒާރުގައި އަތޮޅު ފިހާރަފަތި ހުންނަ ސަރަހައްދުގައި ހުރި ހަތަރެއް ނުވަތަ ފަސް ފިހާރައެއް ރޭ މެންދަމު ވަނީ ފަޅާލާފަ އެވެ. ނަމަވެސް މިހާ ގިނަ ފިހާރަ އެއް ރެއްގައި ފަޅާއިރު ހިލަމެއްވެސް ވެފައި ނެތުމަކީ ގިނަ ބަޔަކު ސުވާލު އުފައްދާ ކަމެކެވެ.

"ވަރަށް ދެރަކަމެއް މިއީ. އަޅުގަނޑުމެން [ވިޔަފާރިވެރިން] ގެއަށް ވަދެފަ މަގުމަތި ބަލަހައްޓަން މި ހަވާލު ކުރަނީ ފުލުހުންނަށް އެ މީހުންނަށް އެކަމެއް ނުވޭ. މިއަދު މި ފެނުނީ އެކަން،" ރޭ ފަޅާލި ފިހާރައެއްގެ ވެރިއަކު މިއަދު ވިދާޅުވި އެވެ.

މާލޭގެ ބާޒާރުމަތީން ގިނަ އަދަދެއްގެ ފިހާރަ ރޭ ވަނީ ފަޅާލާފަ އެވެ. ފަޅާލި ފިހާރައިގެ ޖުމްލަ އަދަދު ފުލުހުން ބުނެދީފައެއް ނުވެ އެވެ. ގިނަ ބަޔަކަށް ފިހާރަ ފަޅާލާފައި ހުރިކަން އެނގުނީ މަސައްތަކަށް މިއަދު ދިއުމުންނެވެ.

"މިއަދު ވިޔަފާރި ފަށަން ފިހާރަ ހުޅުވީމަ އެނގުނީ ފަޅާލާފަ ހުރިކަން،" ބާޒާރު ރެޑްއެޕަލް ފިހާރައިން ސޭޓަކު ބުންޏެވެ.

ވަގުން ފިހާރައަށް ފޭބީ ފުރާޅު ނަގައިގެން

ރޭ ހުރިހާ ފިހާރައެއް ވެސް ފަޅާލާފައި ހުރީ އެއް ކަހަލަ ގޮތަކަށެވެ. ވައްކަން ކުރި ބަޔަކު ކޮށްފައިވަނީ ރަނގަޅަށް ވަގުތު އޮވެގެން ވަރަށް ހަމަޖެހިގެން ކަން ވެސް އެނގެ އެވެ. ފިހާރަ ތަކުން ވައްކަން ކުރަން ވަގުން ފިހާރައިގެ ތެރެއަށް ފައިބާފައި ހުރީ ފުރާޅު މަތިންނެވެ. ފިހާރަތެރެ އަށް ވަދެފައި ހުރީ ފުރާޅުގެ ޓިނުތައް ކަފާލައިގެންނެވެ. ފަޅާލި ބައެއް ފިހާރަތަކުގައި ސީސީޓީވީ ހުރުމުން މި ކެމެރާ ތަކަށް ވަގުންގެ ހަރަކާތްތައް އަރާފައިވާނެ ކަމަށް ބެލެވެ އެވެ.

ފަޅާލި ބައެއް ފިހާރަތަކުން ޓިނުތައް ކަފާލައިގެން ވައްކަން ކޮށްފާނެ ކަމަށް ބަލައި ހުރީ ވެލްޑިންކޮށްގެން ދަގަނޑު އޮނިގަނޑެއް ވެސް އަޅާފަ އެވެ. ވަރު ގަދަކޮށް އެތަން ހުރި ނަމަވެސް ވަގުންނަށް އެތަން ހަލާކޮށްލަން މާބޮޑު ކަމަކަށް ނުވި އެވެ. އެ ފިހާރަ އަށް ފައިބާފައި ހުރީ ދަގަނޑު ފްރޭމް ވެސް ކީހާލައިގެންނެވެ.

ދޯނި ފަހަރުގައި ތިބި މީހުނަކަށް ނޭނގޭ

މި ވަރުގެ ކަމެއް ހިނގައިގެން ދިޔައިރު އެއްވެސް އަޑެއް ނުއިވުނީ ހެއްޔެވެ؟ މި ފިހާރަތަކާ ގާތްގަނޑަކަށް 70 ވަރަކަށް ފޫޓު ދުރުގައި އަޅާފައިވާ ފަޅުއޮޑި ފަހަރުގައި ތިބި މީހުނަށް ވެސް މިކަން ކުރިކަމެއް ނޭނގެ އެވެ.

އެ ސަރަހައްދުގައި އަޅާފައި އޮތް ދޯންޏަކުން ވާހަކަ ދެއްކި މީހަކު ބުނި ގޮތުގައި އޭނާ ނިދީ ރޭ އެކެއް ވެސް ޖެހިފަހުންނެވެ. އޭނާއަށް އެފަދަ އެއްވެސް ކަމެއްގެ ހިލަމެއް ނުވެ އެވެ.

"އަނެއްހެން އެއްވެސް އަޑެއް ނުއިވެ. ލޮންޑައުންވީމަ މަގުމަތީ ވެސް ވެހިކަލް ނޫޅެ. އެހެންވީމަ ވަރަށް މަޑު މައިތިރިކޮށް އޮންނަނީ. އަޑެއް އިވޭނަމަ އެނގޭނެ،" ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަ ދެއްކި މީހާ ބުންޏެވެ.

ފިހާރަކުގައި މާގިނަ ފައިސާއެއް ނެތް

ވަގުން ކޮންމެ ފަދަ ވަގުތެއްގައި ވެސް ވައްކަން ކޮށްފާނެ ކަމަށް ގިނަ ވިޔަފާރިވެރިން މިހާރު ތިބެނީ ވިސްނައިގެން އެވެ. އެހެންވެ އެ މީހުން ކޮންމެ ދުވަހެއް ނިމުމުން އެ ދުވަހެއްގެ ވިކުރާ ގެންގޮސް ބޭންކްއަށް ޖަމާކުރެ އެވެ. އެހެންވެ ރޭ ފަޅާލި ފިހާރަތަކުގައި މާގިނަ ފައިސާ އެއް ނެތެވެ. ހަމައެކަނި ހުރީ ޕެޓީކޭޝް އަށް ބަހައްޓާފައި ހުރި ފައިސާ ކޮޅެކެވެ. އެންމެ ގިނައިން ފައިސާ ހުރި ފިހާރައިގެ ވަތްގަނޑުގައި ވެސް ހުރި ކަމަށް ލަފާ ކުރެވެނީ ގާތްގަނޑަކަށް 15،000ރ. އެވެ.

"އެނގޭ މި މީހުންނަށް [ފުލުހުންނަށް] ނުބެލެހެއްޓޭކަން. އެހެންވީމަ ކޮންމެ ދުވަހަކު ފައިސާ ގެންގޮސް ޖަމާ ކުރަނީ. ވަތްގަނޑުގައި ހުންނާނީ ހަމައެކަނި ޕެޓީ ކޭޝް. އެ ގެންދިޔައީ، ދެން ފިހާރާގައި އޮތް ފޯނެއް ގެންދިޔަ،" ނަން ނުޖެހުމަށް އެދި ވާހަކަ ދެއްކި ވިޔަފާރިވެރިޔާ ބުންޏެވެ.

ރޭފަޅާލި ރ. އަތޮޅު ފިހާރަ އިން ވާހަކަ ދެއްކި އޮފިޝަލަކު ބުނި ގޮތުގައި މީގެ ކުރިން ވެސް އެ ފިހާރަ ފަޅާލި އެވެ. އެހެންވެ، ވަތްގަނޑުގައި ފައިސާއެއް ނުބަހައްޓަ އެވެ.

"ބާޒާރުމަތީ ފިހާރަތަކުގެ ފުރާޅު ފަޅާލައިގެން ވައްކަން ކުރުމަކީ އާއްމުކަމެއް.. އެހެންވީމަ އަޅުގަނޑުމެން ބަލައިގެން އުޅެނީ. އެކަމަށް ތައްޔާރުވެ ތިބެނީ،" އޮފިޝަލް ވިދާޅުވި އެވެ.

ފިހާރަ އިން ފައިސާ ތަކެއް ނުގެއްލުނަސް ރައްޔިތެއްގެ މުދަލަށް ގެއްލުން ވުމަކީ މައްސަލަ އެކެވެ. ގެއްލުންވާ ގޮތަކަށް ފުރުސަތު އޮތުމަކީ ބިރުވެރިކަން އުފެދޭނެ ކަމެކެވެ. މިއާއެކު ގިނަ ބަޔަކު އުފައްދަނީ ސުވާލެވެ. ރައްޔިތުން ގޭގައި "ބަންދުކޮށްފަ" މާލެތެރެ ނުބެހެއްޓެނީ ކީއް ވެގެން ހެއްޔެވެ؟ ފަސް ފިހާރަ ފަޅާލިއިރު އެކަން ނޭނގުނީ ކީއް ވެގެން ހެއްޔެވެ؟