ފޭރުން

މަގުފޭރުމުގެ ސައިޒު ބޮޑުވެ އިންތިހާއަށް!

ދުރާލާ ރާވައިގެން ހިންގާ ބޮޑެތި ޖަޒީމާތައް ރާއްޖޭގައި މިހާރު މަދެއް ނޫނެވެ. މަގުފޭރޭ މީހުންގެ ބިރުވެރިކަން އެންމެނާ ހަމައަށް ފޯރާފައިވާއިރު ދުރާލާ ރާވައިގެން ފައިސާގެ ބޮޑެތި އަދަދުތައް ފޭރުން ދަނީ ދުވަހެއް ދުވަހަކަށް މާލެ އާއި އަތޮޅުތަކުގައި އިތުރުވަމުނެވެ. އެހެންވެ ބޭންކަށް ފައިސާ ޖަމާކުރަން ދިއުމަކީ ރަނގަޅަށް ފިޔަވަޅު އަޅައި ތައްޔާރު ނުވެ އެކަން ކުރާނަމަ ބިރުވެރި ކަމަށް ވެފައި ވެއެވެ. ފައިސާއާއެކު ފިހާރައިގެ ވައްގަނޑު ހުޅުވައިގެން އިނުން ވެސް އެއީ ރައްކާތެރި ކަމަކަށް މިހާރު ނުވެއެވެ.

ޖަމާ ކުރަން ބޮޑެތި އަދަދުން ގަނޑުކޮށް ފައިސާ ހިފައިގެން ދިއުމުގައި އަމަލު ކުރާނެ ގޮތްތަކެއް ފުލުހުން ހަމަޖައްސައިފައި އޮތަސް އާންމު ގޮތެއްގައި ބޭންކަށް ދަނީ އާންމުކޮށް ބިދޭސީ މުވައްޒަފެކެވެ. ނޫނީ ފުލުހުން ގާއިމްކޮށްދީފައިވާ ފިޔަވަޅުތައް ނާޅައި ކޮންމެވެސް މުވައްޒަފެކެވެ. އެހެންވެ ބޭންކާ ހިސާބަށް އެ މުވައްޒަފަކަށް ދެވުމުގެ ކުރިން ބިރު ދައްކައި ފައިސާ ފޭރުމުން ދެން ހަދާނެ ގޮތެއް ނޯވެ އެވެ.

ރާއްޖޭގައި ފަހަކަށް އައިސް ބޮޑެތި ކޮމްޕެނީތަކުން ވައްކަންކޮށް އެތައް ބައިވަރު ފައިސާތައް ވަނީ ވަގަށް ގެންގޮސްފަ އެވެ. އަދި ބޭންކުތަކަށް ޖަމާ ކުރަން ގެންދާ އެތައް ބައިވަރު ފައިސާއެއް ވެސް މަގުމަތިން ފޭރިގެންފައި ވެއެވެ. އޭގެ ތެރެއިން އަނބުރާ ލިބެނީ މަދު ފައިސާއެކެވެ.

ފަހަކަށް އައިސް މާލޭގައި އައި ފޭރުމުގެ ކޭސްތަކުގެ ތެރެއަށް ވަން ބޮޑު އެއް ފޭރުމަކީ ފުޅާ ދާއިރާއެއްގައި ދުންފަތުގެ ބާވަތްތައް ވިއްކާ "ރޫޓު" ފިހާރައިގެ ފަސް މިލިއަނަށްވުރެ ގިނަ ރުފިޔާ ބަޔަކު މަގުމަތީން ފޭރެން އުޅުނު ބޮޑު އަދި ނުރައްކާތެރި ހާދިސާ އެވެ. އެ ހާދިސާ ކާމިޔާބުވި ނަމަވެެސް އެ ހާދިސާގެ މަންޒަރުން ލިބެނީ އެއަށްވުރެ ބޮޑެތި ފޭރުންތައް އައުމުގެ ސިގުނަލެކެވެ.

ރޫޓުގެ ފައިސާތައް ފޭރެން މަސައްކަތް ކޮށްފައިވަނީ ބޭންކް އޮފް ސިލޯނަށް ފައިސާ ޖަމާ ކުރަން ރޫޓުގެ ވެހިކަލެއްގައި ގޮސް ބޭންކު ދޮރު މަތީގައި މަޑު ކުރުމުން ސައިކަލުގައި ދިޔަ ބައެކެވެ.

ފުލުހުންގެ ތަފާސް ހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ފުރަތަމަ ކްއާޓަރުގައި އެކި ބާވަތުގެ ޖުމުލަ 3،380 މައްސަލަ ފުލުހަށް ހުށަހަޅާފައި ވެއެވެ. އެކަމަކު ދެވަނަ ކުއާޓަރުގައި ރިޕޯޓު ކޮށްފައި އޮތީ 1،331 މައްސަލަ އެވެ. ތިންވަނަ ކްއާޓަރުގައި ފުލުހުންނަށް ހުށަހެޅި މަައްސަލަތަކުގެ އަދަދު އަނެއްކާ ވެސް އިތުރެވެ. އެއީ 2،171 އެވެ. އެ ހިސާބުތައް ދައްކާ ގޮތުން ތިން ކްއާޓަރުގައި ވެސް އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ.

މި އަހަރުގެ މިހާތަނަށް ހިނގާފައިވާ ފޭރުމުގެ ހާދިސާތަކަށް ބަލާއިރު މަގުމަތިން ހިނގާފައި ދިޔަ މީހަކަށް ތޫނު އެއްޗަކުން ހަމަލާދިނުމަށް ފަހު ގިނަ އަދަދެއްގެ ފައިސާ ފޭރިފައި ވެއެވެ. އުމުރުން ދުވަސްވީ މީހަކު ގެސްޓްހައުސްއަކަށް ވައްދައި ބިރުދައްކައި އޭނާގެ އަތުން ފައިސާ ފޭރުނެވެ. މިދިޔަ މަހާއި މި މަހު ވެސް މިފަދަ ހާދިސާތައް ހިނގާފައި ވެއެވެ.

އަދި މާލޭގައި ވިޔަފާރިއެއް ކުރަމުން ދިޔަ އަންހެނަކު ރަހީނު ކުރުމަށް ފަހު އޭނާގެ އަތުން ވަނީ 25،000 ރުފިޔާ ފޭރުނެވެ. އެ ހާދިސާ ހިނގީ ރޫޓުގެ ފައިސާ ފޭރެން މަސައްކަތް ކުރިތާ ހަފުތާއެއް ވެސް ނުވަނީހެވެ.

މިދިޔަ އަހަރު ޖެނުއަރީ މަހުން ފެށިގެން މާޗު މަހުގެ ނިޔަލަށް ބޮޑެތި އަދަދުތަކުން ފޭރުމުގެ ބޮޑެތި ހަ ހާދިސާއެއް ހިނގާފައިވެ އެވެ. މީގެ ތެރެއިން ދެ ހާދިސާއެއް ފިޔަވައި އެހެން ހުރިހާ ފޭރުމެއް އައީ މާލޭގަ އެވެ. ދެ ހާދިސާއެއް ހިނގާފައި ވަނީ ހުޅުމާލޭގަ އެވެ.

މިދިޔަ އަހަރު ހިނގާފައިވާ ފޭރުމުގެ ބޮޑެތި ހާދިސާތަކުގެ ތެރެއިން، ޖެނުއަރީ މަހު ހުޅުމާލޭ، އެފްއެސްއެމްގެ 250،000 ރުފިޔާ ފޭރިގެންފައި ވެއެވެ. ހަމަ އެ މަހު ހުޅުމާލޭގެ ރޫޓް ފިހާރައިގެ 300،000 ރުފިޔާ ގިނަ ރުފިޔާ ފޭރުނެވެ. އަދި މާލެ، ހޮރިޒޮން ފިޝަރީސްގެ ދޮޅު ލައްކަ ރުފިޔާ އާއި 160000 ރުފިޔާ ގެ ޗެކެއް ފޭރިގަތެވެ. މާލޭ، އެކްސްޕާޓް މޮޓޯސް ފިހާރައަކަށް ވަދެ ވަޅިން ބިރު ދައްކައިގެން 560،000 ގިނަ ރުފިޔާ ފޭރިގެންފައިވެ އެވެ. ބީއެޗްއެމް ފިހާރައިން ބޭންކް އަށް ޖަމާކުރަން ދިޔަ 2.3 މިލިއަން ރުފިޔާ ފޭރިގެންފައިވެ އެވެ. އަދި މިދިޔަ އަހަރުގެ މާޗު މަހު މިފްކޯ އިން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ ފޭރިގެންފައިވެ އެވެ.

މި ހުރިހާ ހާދިސާ ތަކަށް ބަލާއިރު އެއްކަމެއް ފާހަގަ ވެ އެވެ. ގިނަ ހާދިސާތައް ހިނގާފައިވަނީ ދާދި އެއް ގޮތަކަށެވެ. އެހެންވެ، މި މައްސަލަތަކުގައި "އިންސައިޑް ޖޮބެއް" ނުވަތަ މި ކަމުގައި އެހީތެރިވުމުގައި އެތެރޭގެ އަތެއްވާ ކަމަށް ބުނުމުގެ ފުރުސަތު އެބަތޮވެ.

އާންމު މީހެެއްގެ އަތުން ފޭރުމާއި ބޮޑެތި ކުންފުނިތަކުގެ ފައިސާ ބެންކަށް ޖަމާ ކުރަން ދާއިރު ފޭރުމާއި ތަފާތެވެ. ބޮޑެތި ކުންފުނިތަކުގެ ފައިސާ ގިނަ ފަހަރު ފޭރެނީ ދުރާލާ ރާވައިގެނެވެ.

ކުންފުނިތަކުގެ ފައިސާ ޖަމާ ކުރަން ދާ ދުވަހާއި ފައިސާ އުފުލާ ވެހިކަލް ފޭރޭ މީހުންނަށް އެނގެނީ ކިހިނެއް ހެއްޔެވެ؟ ރޫޓުގެ ހާދިސާއަށް ދާއިރު ރޫޓުގެ ފައިސާ ހިފައިގެން އެ ވެހިކަލް އެ ދުވަހު ބޭންކުގެ ސަރަހައްދަށް އެ ގަޑިއަށް ދާކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އޭގައި ފައިސާ ހުރިކަން އެނގުނީ މީހަކު ބުނެގެން ހެއްޔެވެ؟

މީގެ ކުރިން ހިނގާފައިވާ ބޮޑެތި ހާދިސާތަކަށް ބަލާއިރު ގިނަ ފަހަރު ފޭރެނީ ކުންފުނީގެ "އެތެރެ" އިން ބަޔަކު މައުލޫމާތު ދީގެންނެވެ. މިހާތަނަށް މިފަދަ ބޮޑެތި މައްސަލަތަކުގައި ކުންފުނިތަކުގެ ގިނަ ބަޔަކު ވެސް ވަނީ ހައްޔަރުކޮށް ދައުވާ ކޮށްފައި ވެސް ވެއެވެ.

ރާއްޖޭގެ ކުޑަ ކުޑަ އާބާދީއަކަށް ބަލާއިރު ފޭރުން މިހާރު ވެސް ވަނީ އިންތިހާއަށް އިތުރުވެފަ އެވެ. ފައިސާ އެއްތަނުން އަނެއް ތަނަށް ގެންދިއުމުގައި ފުލުހުންގެ އެހީ އާއި ޕްރައިވެޓް ސެކިއުރިޓީންގެ އެހީ ލިބެން ހުންނައިރު ފައިސާ އުފުލުމުގައި ވިޔަފާރިވެރިން ފަރުވާ ކުޑަ އެވެ. މިއީ ސަމާލުކަން އިތުރު ކުރަންޖެހިގައިވާ ބޮޑު މައްސަލައެކެވެ.