ހަފުތާ ބަންދަކަށްފަހު ހުޅުވުމުން ބޭންކްތައް ކައިރީ ކިއޫއެއް ހެދީ ފައިސާ ޖަމާ ކުރަން ވިޔަފާރިވެރިން ފޮނުވި މީހުންނެވެ. ހަފުތާގެ ފަހު ތިން ދުވަހުގެ ފައިސާ ގަނޑުކޮށް ޖަމާ ކުރަން ބަންގްލަދޭޝްގެ ޔޫސުފު އެރީ ކުންފުނީގެ ފައިސާ އުފުލާ ވެހިކަލަށެވެ. މިލިއަނުން ފައިސާ ހުންނަ ދަބަސް އޮތީ ޔޫސުފުގެ އަތުގަ އެވެ. ބޭންކު ކުރިމައްޗަށް ފައިބަން ޔޫސުފު ވޭނުގެ ދޮރު ހުޅުވައިލި ވަގުތަކީ އޭނާ ރާއްޖޭގައި މަސައްކަތް ކުރާތާ މިވީ 10 އަހަރު ތެރޭގައި އައި އެންމެ ބިރުވެރި ސިކުންތުކޮޅެވެ. މޫނު ނިވާކޮށްގެން ތިބި ދެ މީހަކު އެ އައިގޮތަށް އައިސް އެކަކު ހިފީ ފައިސާ ދަބަހުގަ އެވެ. އަނެކަކު އަތުގައި އޮތް ވަޅި ޖެއްސީ ކަރުގަ އެވެ. ހިނދުކޮޅެއްގެ ތެރޭގައި ފައިސާ ދަބަސް ޖަހައި ގަނެގެން ސައިކަލު އޮބާލީ އެވެ. މި ހާދިސާ އިން ސުވާލުތަކެއް ނުއުފެދޭ ހެއްޔެވެ؟
މި ވެހިކަލް އެ ދުވަހު ބޭންކުގެ ސަރަހައްދަށް އެ ގަޑިއަށް ދާކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އޭގައި ފައިސާ ހުރިކަން އެނގުނީ މީހަކު ބުނެގެން ހެއްޔެވެ؟ ފައިސާ ހިފައިގެން ދިޔައީ ހަމައެކަނި އެ ވޭން ހެއްޔެވެ؟ މިދިއަ ދެ މަހެއްހާ ދުވަހަށް ބަލާއިރު ބޮޑެތި އަދަދުތަކުން ފައިސާ ފޭރިގަތުން ވަނީ ވަރަށް ބޮޑަށް އާންމު ވެފައެވެ. ހަމަ އެ މުއްދަތަށް ބަލާއިރު މަގު ފޭރުމުގެ ބިރު ވިޔަފާރިވެރިންނަށް ވެސް މިއޮތީ ވަރަށް ބޮޑު ނުރައްކަލަކަށް ވެފައެވެ. މި ހާދިސާތަކުގައި ސުވާލު އުފެދޭ ކަންކަން އެބަ އުޅެ އެވެ.
މި އަހަރު ފެށިގެން މިހާތަނަށް އާއިރު "އޯގަނައިޒް ކްރައިމް" ގެ އެތައް ފޭރުމެއް ހިނގައިފި އެވެ. ރިޔާސީ އިންތިހާބެއް ނިމި ސިޔާސީ ހޫނުގަނޑު ފިނިވާންދިޔައިރު ވެސް ރާއްޖޭގެ މާހައުލުގައި އޮތް ކުށްކުރުުމުގެ ބިރުވެރިކަން ނިނުމުން އައިސްފައެއް ނުވެ އެވެ.
ދުރާލާ ރާވައިގެން ހިންގާ ބޮޑެތި ޖަޒީމާތަކުގެ އާ ބާބެއް ވަނީ ފަށާފަ އެވެ. ހާއްސަކޮށް ދުރާލާ ރާވައިގެން ފައިސާގެ ބޮޑެތި އަދަދުތައް ފޭރުން ކުއްލިއަކަށް އިތުރުވެފައިވާއިރު މަގު ފޭރޭ މީހުންގެ ބިރުވެރިކަން ފައިސާ ވެރިންގެ ޖީބާ ހަމައަށްވެސް ފޯރަފައި ވެއެވެ. ބޭންކަށް ފައިސާ ޖަމާކުރަން ދިއުމަކީ ބިރުވެރި ކަމަށް ވެއްޖެ އެވެ. ބޮޑެތި އަދަދުތަކުގެ ފައިސާއާއެކު ފިހާރައިގެ ވައްގަނޑު ހުޅުވައިގެން އިނުން ވެސް އެހާ ބިރުވެރި އެވެ.
މި އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ބޮޑެތި އަދަދުތަކުން ފޭރުމުގެ ބޮޑެތި ހަ ހާދިސާއެއް ހިނގާފައިވެ އެވެ. މީގެތެރެއިން ދެ ހާދިސާއެއް ފިޔަވައި އެހެން ހުރިހާ ފޭރުމެއް އައީ މާލޭގަ އެވެ. ދެ ހާދިސާއެއް ހިނގާފައިވަނީ ހުޅުމާލޭގަ އެވެ. މި ހުރިހާ ހާދިސާ ތަކަށް ބަލާއިރު އެއްކަމެއް ފާހަގަ ވެ އެވެ. ގިނަ ހާދިސާތައް ހިނގާފައިވަނީ ދާދި އެއް ގޮތަކަށެވެ. އެހެންވެ، މި މައްސަލަތަކުގައި "އިންސައިޑް ޖޮބެއް" ނުވަތަ މި ކަމުގައި އެހީތެރިވުމުގައި އެތެރޭގެ އަތެއްވާ ކަމަށް ބުނުމުގެ ފުރުސަތު އެބަތޮވެ.
ސަރުކާރުގެ މަސް ކުންފުނި، މިފްކޯއިން ފެލިވަރު ކާރުހާނާއަށް ގެންދަން ނެގި ދެ މިލިއަން ރުފިޔާ ވަނީ މަގު މަތިން ފޭރިގެންފަ އެވެ. ރޯމާ ދުވާލު މިކަން ކުރީ މާލޭގައި އޮތް އެންމެ ޒަމާނީ ތަނަވަސް ބޮޑުތަކުރުފާނު މަގުގަ އެވެ.
މި ބޮޑު ފޭރުން ހިންގުމުގެ އެއް ދުވަސް ކުރިން މީޑިއާގައި ދައުރުވި ހަބަރަކީ މަސްވެރިކަން ރަނގަޅުވުމުން މިފްކޯއިން މަސްވެރިންނަށް ފައިސާ ފޮނުވުމުގެ މަސައްކަތް ކުރާ ވާހަކަ އެވެ. މި ބޮޑު ފޭރުން ހިނގީ މި ހަބަރުތައް ފެތުރުނު ދުވަހުގެ އަނެއް ދުވަހު މެންދުރު ފަހުގެ ވަގުތެއްގަ އެވެ. ހާދިސާ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
މި ފޭރުމުގައި ފައިސާ އުފުލި ވޭނަކީ ހަމައެކަނި ފައިސާ އުފާ އުޅަނދެއް ނޫނެވެ. އެ ވެހިކަލްގައި ގިނައިން އުފުލާނީ މަސް ދަޅެވެ. ވީއިރު، އެ ދުވަހު އެ ގަޑީގައި ފައިސާ އުފުލާކަން އެނގުނީ ކިހިނެއް ހެއްޔެވެ؟ އެހާ ތައްޔާރުވެ ހެލްމެޓް އަޅައި ކޯރާޑިއާއެކު ނުކުމެ، ދުވެ ދުވެ އޮންނަ ވޭނެއްގެ ކުރިމައްޗަށް އަރައި ކޯރާޑިން ޖަހާ ތަޅާލަަން ތައްޔާރުވަނީ ކޮން ގޮތަކުން ހެއްޔެވެ؟
މި ފަދަ މައްސަލަތަކުގައި ފުލުހުންގެ ފަރާތުން އަންނާނެ ޖަވާބު ފުލުހުން ނުދިނަސް އެނގެ އެވެ. އެއީ "ތަހުގީގު ކުރަމުން އަންނަ ވާހަކަ" އެވެ. އެ ވާހަކަ މިހާރުވެސް އޮތީ ބުނެފަ އެވެ. އެކަމަކު މި ފޭރުންތަކާއި ތަފާތު ހާލަތްތައް އެކި ފަރާތްތަކުން ގުޅުވައި ސުވާލު އުފައްދަ އެވެ. ޖަވާބުތައް ނެރެ އެވެ.
މިފްކޯއިން މާ ބޮޑު ވާހަކައެއް ތިލަކޮށް ނުދިނަސް އެކި އެކި ދިމަ ދިމާއިން އެނގޭ ގޮތުގައި މިފްކޯގެ ދެމިލިއަނަށްވުރެ ގިނަ ރުފިޔާ ފޭރިގަތް އިރު ވެހިކަލްގައި ތިން މީހުން ތިއްބެވެ. މީގެ ތެރޭގައި ފައިސާ އުފުލާއިރު ދާ "ސެކިއުރިޓީ" މުވައްޒަފެއްގެ އިތުރުން ތިން މީހުން ތިއްބެވެ.
ވެހިކަލް ފައިސާއާއެކު ނައްޓާލީ މިފްކޯ މައި އޮފީސް ހުންނަ ސްޓޭޑިއަމް ކައިރިންނެވެ. ފޭރިފައި ވަނީ އޭގެ ތިން މިނެޓެއްހާއިރު ފަހުންނެވެ. ދެ ސައިކަލްގައި ދިޔަ ހަަތަރު މީހުން އުޅަނދަށް ހަމަލާ ދިނީ ރޭވުންތެރި ކަމާއެކުގައި ފަހަތުން ގޮހެވެ. އެމީހުން ތިބީ ހެލްމެޓާއި ކަކުލު ހުޅުގައި އަޅާ ގާޑު އަދި ޖެކެޓް ވެސް ލައިގެންނެވެ. އެކަމަށް ފުރިހަމައަށް ތައްޔާރު ވެގެންނެވެ.
ފައިސާ އުފުލި ވެހިކަލަށް ގާތްގަނޑަކަށް ވިލާ ކޮލެޖާއި ހަމަ އިން ހަމަލާ ދިނީ ވެހިކަލް ދުއްވަމުން ދަނިކޮށެވެ. ދެ ސައިކަލްގެ ތެރެއިން އެއް ސައިކަލުގެ ފަހަތުގައި އިންނަ މީހާގެ ކޯރާޑިން ޑްރައިވަރު އިންނަ ދޮރުގައި ކުއްލިއަކަށް ނިކަން ބާރު ބޮނޑިއެއް އެޅީ އެވެ. ޑްރައިވަރަށް ޝޮކް ލިބުނު ގަޑީގައި އުޅަނދުގެ ކުރީގެ ވިންޑް ސްކްރީންގައި ވެސް ކޯރާޑިން ޖެހި އެވެ.
މި ޖެހުމުގެ ބާރު ކަމުން ޑްރައިވަރާ ދިމާލުގައި އިންނަ ދޮރު ކުދިކުދި ވެގެން ފޭބި އެވެ. އޭގެ ފަހުން ފައިސާ އުފުލި ވޭންގެ ދޮރުފަތް ހުޅުވާފައި ވަނީ މަތާލައިގެން ފޭރޭ މީހުނެވެ.
އެ މީހުން މިހާ ފުރިހަމަ އަށް ތައްޔާރުވެ މި ފައިސާ އަރުވާ ގަޑި އަށް ފޮލޯކުރަން އެނގެނީ ކިހިނެއް ހެއްޔެވެ؟ އެ މައުލޫމާތު ދުރާލާ އެނގިފައި ނެތޭ ބުނާނެ އެއްވެސް ޗާންސެއް މިތާކު ނެތެވެ. މިއީ ފޮރުވިފައިވާ ބާރަކުން ރާވައިގެން ހިނގާފައިވާ ފޭރުމެކެވެ.
މިދިއަ ޖެނުއަރީ މަހުން ފެށިގެން ހިނގާފައިވާ ފޭރުމުގެ ބޮޑެތި ހާދިސާތަކުގެ ތެރެއިން، ޖެނުއަރީ މަހު ހުޅުމާލޭ، އެފްއެސްއެމްގެ 250،000ރ. ފޭރިގެންފައިވެ އެވެ. ހަމަ އެ މަހު ހުޅުމާލޭގެ ރޫޓް ފިހާރައިގެ 300،000ރ. ގިނަ ރުފިޔާ ފޭރިގަތެވެ. އަދި މާލެ، ހޮރިޒޮން ފިޝަރީސްގެ ދޮޅު ލައްކަ ރުފިޔާ އާއި 160000ރ. ގެ ޗެކެއް ފޭރިގަތެވެ. މާލޭ، އެކްސްޕާޓް މޮޓޯސް ފިހާރައަކަށް ވަދެ ވަޅިން ބިރު ދައްކައިގެން 560،000 ގިނަ ރުފިޔާ ފޭރިގެންފައިވެ އެވެ.
ބީއެޗްއެމް ފިހާރައިން ބޭންކް އަށް ޖަމާކުރަން ދިޔަ 2.3 މިލިއަން ރުފިޔާ ފޭރިގެންފައިވެ އެވެ. އަދި މިމަހު މިފްކޯ އިން ދެ މިލިއަނަށްވުރެ ގިނަ ރުފިޔާގެ ފޭރިގެންފައިވެ އެވެ. މި ހާދިސާތަކުން ވިޔަފާރިތަކަށް ލިބުނު ގެއްލުން ކުޑަ ހިސާބެއް ޖަހާލާނަމަ ފަސް ހަ މިލިއަން ރުފިޔާއިން މައްޗަށް އަރަ އެވެ.
ފޭރުމުގެ މި ހާދިސާތަކަށް ބަލާއިރު، މިހާރު ހެލްމެޓް އަޅައިގެން ފޭރޭކަން ފާހަގަވެ އެވެ. އަދި މި ފޭރުންތަކުގައި ޝައްކު އުފެދޭ ކަންކަން އެބަހުއްޓެވެ.
މިވަރަށް ފޭރުން އަދި ބޮޑެތި ފޭރުން އިތުރުވާއިރު ފައިސާ އުފުލުމުގައި ވިޔަފާރިވެރިން ފަރުވާ ކުޑަވަނީ ކީއްވެގެން ހެއްޔެވެ؟ ފައިސާ ގެންދިއުމުގައި ފުލުހުންގެ އެހީ އާއި ޕްރައިވެޓް ސެކިއުރިޓީންގެ އެހީ ވެސް ރާއްޖޭގައި ލިބެން އެބަހުއްޓެވެ. އެމީހުންގެ އަތުގައި ޓެކްނޮލޮޖީގެ ވަސީލަތްތައް ވެސް މިހާރު އެބަހުއްޓެވެ. ވީއިރު، ބޮޑެތި އަދަދުން ފޭރުން އިތުރުވެފައިވާއިރު މި ފަރާތްތަކުގެ އެހީ ހޯދާކަށް ނުވޭ ހެއްޔެވެ؟ ބޮޑެތި އަދަދުން ފޭރުމުގައި އަޑި ނޭނގޭ ރޭވުން ތަކެއްވާ ކަމަށް ގަބޫލު ނުކުރެވޭ ހެއްޔެވެ؟ އަދި އެކަން ކަން ބަލާނެ ކޮމިޝަނެއް ނުއުފެއްދޭނެ ހެއްޔެވެ؟