މި ރޯދަމަހު ގިނަ ބަޔަކު އަޅުކަމާއި ކައިރިއަށް ޖެހޭއިރު މަދު ބަޔަކު ވަންނަނީ ކުށުގެ ވެއްޓަށެވެ. އެ މީހުން އަރައިގަންނަނީ ކޮންމެވެސް ކުށަށެވެ. ވައްކަމާއި ފޭރުމާއި ޓެކުމަށް ލިބޭ ފުރުސަތަކަށް އެ ފަދަ މީހުން ތިބެނީ ބަލަބަލަ އެވެ. އާދަވެ މީހުން އުޅެމުން އައި ޝެޑިއުލް ނޫން އެހެން ޝެޑިއުލްއެއްގައި ދިރިއުޅޭ މި މަަހުގެ ތެރޭގައި ވަގުންވެސް ތިބެނީ ރާވައި ފާރައަށެވެ. ރޯދަމަހުގެ ރޭގަނޑު ރޭ އަޅުކަން ކުރުމަށްފަހު ފަތިސް ނަމާދު ކޮށްގެން ގިނަބަޔަކު ނިދުމަށް ތިބެނީ އާދެވެފަ އެވެ. އެހެންވެ ވަގުން ވައްކަން ކުރުން ވަރަށް ގިނަ ފަހަރަށް ޝެޑިއުލްކޮށްފައި އޮންނަނީ ފަތިސް ކޮށްގެން މީހުން ނިދާފައި ތިބޭ ގަޑިއަށެވެ.
މާލޭގެ ގެއަކުން މައުލޫމާތު ދިން މީހަކު ބުނިގޮތުގައި މި ރޯދަ މަހު ފަތިސް ވެގެން އަލި ގޭތެރެއަށް ވަނުމުގެ ކުރިން އެގެއަށް ވަގުން ވަދެފައިވެއެވެ. އޭނާ އުޅޭ ގެއަށް ވެސް ވަގުން ކިތަންމެ ފަހަރަކު ވަދެއްޖެ އެވެ. ވަގުން ގެންގޮސްފައި ވަނީ ދެ މޮބައިލް ފޯނާއި ޓެބްލެޓެކެވެ. ފޯނާއި ޓެބްލެޓާއި ފައިސާއި އާއި ގަހަނާއިން ވައްކަން ކުރުން ވަނީ ވަރަށް ބޮޑަށް އިތުރުވެފަ އެވެ.
"ފަތިސް ނަމާދު ކޮށްގެން ނިދާފައި ތިއްބާ ގޭތެރެއަށް ފުންމާލީ ފެންލައިޓުން. ގެންދިޔައީ ދަރިފުޅުގެ ޓެބްލެޓާއި އަދި އިތުރު ދެފޯނު. ހެނދުނުގެ އެ ގަޑީގައި ގިނަ މީހުން ނިދާނީ ދޯ ރޯދަމަހު. މައްސަލަ ފުލުހުންއަށް ރިޕޯޓް ކޮށްގެން އެއީ ކާކު ކަން ހޯދިއްޖެ. ޓެބްލެޓް ލިބިއްޖެ. ފޯނު އޭނާ ވިއްކާލީ. ބިދޭސީ މީހެއް ފޯނު ނަގާ. އަނެއް ފޯނު އޮންނަނީ ކަނޑާލާފައި" އޭނާ ބުންޏެވެ.
ފުލުސް އިދާރާ އިން އަވަސް އޮންލައިން ހިއްސާ ކުރި މައުލޫމާތުތަކެއްގައިވާ ގޮތުން މި ރޯދަ މަހުގެ ފުރަތަމަ ހަފުތާގައި އެންމެ ގިނައިން ހުށަހަޅާފައި ވަނީ ވައްކަމުގެ މައްސަލަތަކެވެ. މިގޮތުން ރޯދަ މަހުގެ ފުރަތަމަ ހަފްތާ ނިމިގެން ދިޔައިރު ޖުމުލަ 1000 މައްސަލަ ހުށަހަޅާފައިވެ އެވެ. އެއީ މާލެ ސަަރަހައްދުން 386 މައްސަލަ އަކާއި އަތޮޅުތަކުން 614 މައްސަލަ އެވެ. ކުށުގެ ތަފާސް ހިސާބު ރޯދަމަހުގެ ފުރަތަމަ ހަފުތާއަށް ފުލުހުން ނެރުނު އިރު އޭގައި އޮތީ ވައްކަން އިތުުރުވެފައިވާ ވާހަކަ އެވެ.
ގޭގެއިން ވައްކަން ކޮށްގެން ގެންދާ ބައެއް ތަކެތި ފުލުހުންގެ އެހީތެރި ކަމާއެކު އަލުން އަނބުރާ ލިބޭ ނަމަވެސް ބައެއްގެ ގެއަށް ވަދެ ޒާތީ ހުއްދަ ނުހޯދާ ތަކެތި ގެންދިއުމުން ނަފްސާނީ ގޮތުން އަސަރުތަކެއް މީހާއަށް ކުރެއެވެ. ކުޑަކުދިންގެ ސިހުމާއި ބިރުގަތުމާއި ނިދަން އުނދަގޫވުމަކީ މިކަމަމުގެ ސަބަބުން މާލީ ގެއްލުމުގެ އިތުރުން ލިބޭ ގެއްލުމެވެ.
ވަގުން ވަދެ ވަގަށް ނަގައިގެން ގެންނަ ތަކެތި ފައިސާގެ ބޭނުމުގައި ވިއްކާލަން މައްސައްކަތް ކުރެއެވެ. ބައެއް އިލެކްޓްރޯނިކް ސާމާނާއި ގަހަނާ ފަދަ ތަކެތި އެއާއި ނުބައްދަލު އަގެއްގައި ގަންނަ ނަމަ މި މީހުން މި ކުރާ ނުބައި ކަމަށް އިތުރަށް ދަރު އެޅެނީ އެވެ.
އެހެން މީހަކު ސޯޝަލް މީޑިއާގައި ލިޔެފައިވާ ގޮތުގައި އެޗްޕީ ރަތް ލެޕްޓޮޕަކާއި އައިޕެޑް ޕްރޯ އެއް ނުއަގުގައި ވިއްކަން އުޅޭނަމަ އޭނާއަށް އަށް ގުޅާށެވެ. އޭނާގެ އެތަކެތި ވަނީ ވަގަށް ނަގާފަ އެވެ.
"ދަރިފުޅުގެ 13 ވަނަ އުފަން ދުވަހަށް ގަނެދިން އައިޕެޑެއް އެއީ. އެ ގެންދިއުމުން ވަރަށް ދެރަވި. އެންމެ ތިން މަސްވަރު ބޭނުން ކުރެވުނީ." އޭނާ ބުނިގޮތުގައި ފުލުހުންނަށް ރިޕޯޓްކޮށްގެ ންވެސް ހޯދޭ ގޮތެެއް ނުވިއެވެ.
ފޯނުކޮށްގެން ވެސް ވައްކަން!
ގޭގެއަށާއި ފިހާރަތަކާއި އޮފީސްތަކަށް ވަދެ ވައްކަން ކުރުމުގެ އިތުރުން ފޯނުން ގުޅައިގެން އެކި ކަހަލަ ސްކޭމް ތަކުގައި މީހުން ޖައްސާ އެމީހުންގެ ފައިސާ ހޯދުން ވެސް މި ރޯދަ މަހު ވަނީ އާއްމުވެފަ އެވެ. އެންމެ ގިނައިން ބޭންކް ނަމުގައި ގުޅާ އެކައުންޓް ގަ ހުރި ފައިސާ ފޭރިގަންނަނީ އެވެ.
މިގޮތަށް ވައްކަން ކުރަން މީހަކު އުޅުމުން ފުލުހަށް ރިޕޯޓް ކުރި މީހަކު އޭނާގެ ތަޖުރިބާ ހިއްސާ ކުރިއެވެ.
"ފޯނުކޮށްފައި ބުނަނީ ގެސް ކުރާށޯ މިއީ ކާކުކަން؟ އަހަންނަށް އެއީ މިގޮތަށް ފައިސާ ހޯދަން އުޅޭ މީހެއްކަން އެނގުމުން އޭނާ ފޯނު ކަނޑާލީ. ފުލުހަށް ރިޕޯޓް ކުރުމުން ބުނަނީ ބަޔާނެއް ދީ ފިންގާ ޕްރިންޓް ދޭށޯ. މި ޒަމާނުގައި މިވެނި ނަމްބަރެއްގެ ސިމް އަކުން ގުޅީ ކާކުކަން ހޯދައި ނުލެވޭ ފުލުހަކަށް. އެކައުންޓަކަށް ލާރި ޓްރާންސްފާ ކުރަން ބުނާ އިރު އޮންލައިން ޓްރާންސެކްޝަނެއް ހަދަން މި ބުނަނީ. އެއީ ކާކު އެކައުންޓެއްތޯ ބޭންކުން ބެލެންޖެހޭނެ،"
ވަގުން ވަައްކަން ކުރާ ގޮތާއި ގެންގުޅޭ އުކުޅުތައް ކުރިއާއި ބަލާ އެތަށް ގުނައެއް ކުރިއަށް ޖައްސާލި ކަމުގައި ވިޔަސް ފުލުހުންގެ ފަރާތުން ތަހުގީގު ކުރުމުގައި ވަގު ހޯދުމަށް މާ ބޮޑު ކަމެއް ނުކުުރާ ކަމަށް މީހުން ބުނެ އެވެ.
ސޯޝަލް މީޑީއާގެ ތެރެއިން ފައްކާވެގެން އައި އިންސްޓަގްރާމް ޝޮޕްސް އަކީ ޒުވާނުންއަށް ވިޔަފާރިއަށް ފެންބޮވައިގެން ތިއްބާ ވިޔަފާރި ކުރުމަށް ހުޅުވުނު އެއް މަގެވެ. އިންސްޓަގްރާމް ފިހާރަތަކާއި ބްރޭންޑްތައް ވިޔަފާރި ރަނގަޅުވެ އަސްލު ހަގީގީ ކެފޭތަަކަށާއި ފިހާރަ ހުޅުވިފައި ވެސް އެބަހުއްޓެވެ.
ގިނަ ބަޔަކު ފޮލޯ ކުރާ އެކައުންޓްތަކުގެ ދެވަނަ ފޭކް އެކައުންޓްތައް ވައްކަން ކުރުމާއި އޮޅުވާލުމުގެ ބޭނުމުގައި ހަދަން ފަށާފައިވުމަކީ އަލަށް ފެށިގެން އައި ޓްރެންޑެކެވެ. ކަސްޓަމަރުން އަތުން ފައިސާ އަތުލާ އޮޅުވާލުމަށް އިންސްޓަގްރާމްގައި މަޝްހޫރު އެތަށް ފިހާރައެއްގެ ދެވަނަ ޕޭޖެއް އެއް ޒާތަކަށް ނަން ލިޔެ ފޮޓޯތައް އަޅާލައެވެ.