ރާއްޖެ ފަދަ އާބާދީ ކުޑަ ގައުމެއްގައި ކުށުގެ މައްސަލަ އަހަރަކަށްވުރެ އަހަރެއް އިތުރުވުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ހުށަހެޅޭ ކުށުގެ ބާވަތްތަކުގެ ތެރޭގައި ވައްކަން، މަސްތުވާތަކެތި އަދި މާރާމާރީގެ މައްސަލަތައް އެންމެ ގިނަވުމަކީ މުޖްތަމައުގެ އާއްމު ހާލަތު ދައްކުވައިދޭ ތަސްވީރެކެވެ. ކުށް މަދު މުޖްތަމައުއެއް ބިނާކުރުމަށް ގައުމީ ފެންވަރުގައި ދުރުރާސްތާ އަދި ކުރުރާސްތާގެ ލަނޑުގަނޑި ތަކެއް ކަނޑައެޅި މުޖްތަމައުގެ ބައިވެރިވުން ހިމެނޭގޮތަށް ގުޅިފައިވާ ސިޔާސަތު ތަކަކާއެކު މަސައްކަތް ކުރަންޖެހެ އެވެ.
ކުށް ގިނަވާ ސަބަބުތައް ދެނެގަނެވިއްޖެނަމަ ކުށްމަދު އަމާން މާހައުލެއް ގާއިމް ކުރުމަށް އެހީތެރިކަން ފޯރުކޮށް ދެވޭނެ އެވެ. ރާއްޖޭގައި ލިބެން ހުރި ކުށުގެ ތަފާސް ހިސާބު ބޭނުންކޮށްގެން ރާއްޖޭގެ ކުށުގެ ހާލަތު އިތުރަށް ދެނެގަނެވިއްޖެނަމަ އެ މައުލޫމާތު ބޭނުންކޮށްގެން ރައްޔިތުން ހޭލުންތެރިކޮށް، ރާއްޖޭގައި ކުށްކުރާ އަދަދު މަދުކުރެވިދާނެ އެވެ.
މި ލިޔުމުގައި ބޭނުންކުރެވިފައިވާ ތަފާސް ހިސާބަކީ މޯލްޑިވްސް ޕޮލިސް ސާވިސްގެ ވެބްސައިޓްގައި އާއްމުކޮށްފައިވާ ތަފާސް ހިސާބާއި މޯލްޑިވްސް ޕޮލިސް ސާވިސް އިން ލިޔުމުން އެދިގެން ލިބިފައިވާ ތަފާސްހިސާބެވެ. އަދި މިލިޔުމުގައި ބޭނުންކޮށްފައިވާނީ 2008 ވަނަ އަހަރުން 2019 އަހަރަށް 12 އަހަރުގެ ތަފާސް ހިސާބެވެ.
ދެހާސް އަށްވަނަ ވަނަ އަހަރުން 2019 ވަނަ އަހަރާއި ހަމައަށް ފާއިތުވި 12 އަހަރު ފުލުހަށް އެވްރެޖްކޮށް 17،432 މައްސަލަ ހުށަހެޅުނެވެ. މި މުއްދަތުގައި އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނީ 2013 ވަނަ އަހަރު އެވެ. އެ އަހަރު 21،885 މައްސަލަ ހުށަހެޅިފައިވެ އެވެ. މި މުއްދަތުގައި އެންމެ މަދުން މައްސަލަ ހުށަހެޅިފައިވަނީ 14،811 މައްސަލަ ހުށަހެޅުނު 2018 ވަނަ އަހަރު އެވެ. މައްސަލަ ހުށަހެޅުނު އަދަދު އެއް އަހަރަށް ވުރެ އަނެއް އަހަރު ގިނަވެ އަދި މަދު ވެސް ވެފައިވެ އެވެ.
ނިސްބަތުން އެއް އަހަރުން އަނެއް އަހަރަށް މައްސަލަ އެންމެ ގިނަވެފައިވަނީ 2011 އިން 2012 ވަނަ އަހަރަށް އިތުރިވި 13 ޕަސެންޓެވެ. ނިސްބަތުން އެއް އަހަރުން އަނެއް އަހަރަށް މައްސަލަ އެންމެ މަދުވެފައިވަނީ 2013 އިން 2014 ވަނަ އަހަރަށް މަދުވި 20 ޕަސެންޓެވެ.
ހުށަހެޅުނު މައްސަލަ ވިދިވިދިގެން އިތުރުވެފައިވަނީ 2010 އިން 2013 އަށް ދިޔަ ތިން އަހަރު އެވެ. އަދި ހުށަހެޅުނު މައްސަލަ 2014 އިން 2018 އާއި ހަމަ އަށް ވިދިވިދިގެން ފަސް އަހަރު ދަށްވެފައިވެ ވެސް އެވެ.
ހުށަހެޅި މައްސަލައިގެ 70 ޕަސެންޓް މާލެ ސިޓީގައި!
ދެހާސް އަށް ވަނަ އަހަރުން 2019 ވަނަ އަހަރާއި ހަމައަށް ފުލުހުންނަށް ހުށަހެޅުނު މައްސަލަތަކުގެ 70 ޕަސެންޓް މައްސަލައަކީ މާލެ ސިޓީއަށް ހުށަހެޅިފައިވާ މައްސަލަތަކެވެ. މާލެ ސިޓީގެ ހުށަހެޅުނު މައްސަލަތައް ހުށަހެޅުނު އަވަށްތަކަށް ބަލާއިރު 31 ޕަސެންޓް މައްސަލަ ހުށަހެޅިފައިވަނީ ހެންވޭރަށެވެ. މާފަންނަށް ހުށަހެޅިފައިވަނީ 27 ޕަސެންޓް މައްސަލަ އެވެ. ގަލޮޅު 18 ޕަސެންޓް އަދި މައްޗަންގޮޅި އަށް 14 ޕަސެންޓް މައްސަލަ ހުށަހެޅި އެވެ. އަދި އެންމެ މަދުން މައްސަލަ ހުށަހެޅި އެންމެ ކުށްމަދު ކަމަށް ފާހަކަ ކުރެވިފައިވަނީ ދެ ޕަސެންޓް މައްސަލަ ހުށަހެޅޭ ވިލިމާލެ އާއި ފަސް ޕަސެންޓް މައްސަލަ ހުށަހެޅުނު ހުޅުމާލެ އެވެ.
އަތޮޅުތެރޭގެ މައްސަލައިގެ 18 ޕަސެންޓް އައްޑޫ ސިޓީއަށް
ހުށަހެޅުނު މައްސަލަތަކުގެ 30 ޕަސެންޓް މައްސަލަ ނިސްބަތްވަނީ އަތޮޅުތަކަށެވެ. ނުވަތަ ރަށް ރަށަށެވެ. އަތޮޅުތަކަށް ހުށަހެޅުނު މައްސަލަތަކުގެ 18 ޕަސެންޓް މައްސަލަ ހުށަހެޅިފައިވަނީ އައްޑޫ ސިޓީ އަށެވެ. އަދި 12 ޕަސެންޓް މައްސަލަ ހުށަހެޅިފައިވަނީ މާލެ އަތޮޅަށެވެ. އަދި ހަތް މައްސަލަ ކުޅުދުއްފުށި ސިޓީ، ހައްދުންމަތި އަދި ހުވަދު އަތޮޅު ދެކުނުބުރި އަށް ހުށަހެޅިފައިވެ އެވެ.
ފުވައްމުލައް ސިޓީ އަދި ހުވަދު އަތޮޅު އުތުރުބުރި އަށް ހުށަހެޅިފައިވަނީ ހަ ޕަސެންޓް މައްސަލައެވެ. އަތޮޅުތަކުގެ ތެރެއިން އެންމެ ކުށްމަދު ތިން އަތޮޅަކީ އަތޮޅުތަކަށް ހުށަހެޅޭ މައްސަލަތަކުގެ 0.7 ޕަސެންޓް މައްސަލަ ހުށަހެޅުނު ވ. އަތޮޅަށް 1.4 ޕަސެންޓް މައްސަލަ ހުށަހެޅުނު ފ. އަތޮޅަށް 1.5 ޕަސެންޓް މައްސަލަ ހުށަހެޅުނު މުލަކު އަތޮޅެވެ. މިއީ ރާއްޖޭގެ އެންމެ އާބާދީ މަދު ތިން އަތޮޅުތަކަން ފާހަގަ ކުރެވެ އެވެ.
އެއްހާސް މީހަކަށް 44 މައްސަލަ
ދެހާސް އަށް ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރާއި ފުލުހުން އާއްމުކޮށްފައިވާ ކުށުގެ ތަފާސް ހިސާބުތައް ދައްކާގޮތުން އެންމެ ގިނަ މައްސަލަ ހުށެހެޅިފައިވަނީ 2013 ވަނަ އަހަރު އެވެ. އަދި އެންމެ މަދުން މައްސަލަ ހުށަހެޅިފައިވަނީ 2018 ވަނަ އަހަރު އެވެ. އާބާދީގެ 1،000 މީހަކަށް ހުށަހެޅުނު މައްސަލައިގެ އަދަދު އެންމެ ގިނަވެފައިވަނީ 2009 ވަނަ އަހަރު އެވެ. ދެހާސް ނުވަ ވަނަ އަހަރު ހުށަހެޅުނު 19.259 މައްސަލަ އިން އާބާދީގެ 1،000 މީހަކަށް އެ އަހަރު 61.23 މައްސަލަ ހުށަހެޅިފައިވެ އެވެ.
އަދި އާބާދީގެ 1،000 މީހަކަށް ހުށަހެޅުނު މައްސަލައިގެ އަދަދު އެންމެ މަދުވަފައިވަނީ 2018 ވަނަ އަހަރު އެވެ. އާބާދީގެ 1،000 މީހަކަށް އެ އަހަރު 28.72 މައްސަލަ ހުށަހެޅިފައިވެ އެވެ. މި މުއްދަތުގެ އެވްރެޖް އަހަރަކަށް އާބާދީގެ 1،000 މީހަކަށް 44 މައްސަލަ ހުށަހެޅިފައިވެ އެވެ.
12 ކުށް: އެންމެ ގިނައީ ކޮން ކުށެއް؟
ފުލުހަށް ހުށަހެޅުނު މައްސަލަތައް ބެހިގެން ގޮސްފައިވަނީ މައިގަނޑު 12 ބާވަތެއްގެ ކުށުގެ މައްޗަށެވެ. އެއީ ވައްކަން، މަސްތުވާތަކެތި ޓްރެފިކް އެކްސިޑެންޓާއި ގެއްލޭތަކެތީގެ މައްސަލަ އަދި މާރާމާރީ އާއި ފޭރުން އަދި މުދަލަށްގެއްލުން ދިނުމާއި މަކަރާހީލަތް ހެދުން އަދި ޖިންސީ މައްސަލަތަކުގެ އިތުރުން ޗެކް ބައުންސިންގެ މައްސަލަތަކާއި ގެވެށިއަނިޔާ އަދި ކައުންޓަފިޓް ފޯޖަރީ އެވެ.
އަހަރެއްގެ މައްޗައް ހުށަހެޅޭ މައްސަލަތައް ކުށުގެ ބާވަތުން ޕަސެންޓޭޖަކީ ވައްކަން 25 ޕަސެންޓް، މަސްތުވާތަކެތި 14 ޕަސެންޓް ޓްރެފިކް އެކްސިޑެންޓަށް 12 ޕަސެންޓް ގެއްލޭތަކެތީގެ މައްސަލަ 10 ޕަސެންޓް މާރާމާރީ ހަތް ޕަސެންޓް ފޭރުން ހަތަރު ޕަސެންޓް މުދަލަށްގެއްލުން ދިނުން ހަތަރު ޕަސެންޓް މަކަރާހީލަތް ހެދުން ތިން ޕަސެންޓް ޖިންސީ މައްސަލަތައް ތިން ޕަސެންޓް ޗެކް ބައުންސް ދެ ޕަސެންޓް ގެވެށިއަނިޔާ އެއް ޕަސެންޓް އަދި ކައުންޓަފީޓް ފޯޖަރީ އެއް ޕަސެންޓެވެ.
އަހަރެއްގެ މައްޗައް ހުށަހެޅޭ މައްސަލަތައް ކުށުގެ ބާވަތުން ޕަސެންޓޭޖަކީ ވައްކަން 25 ޕަސެންޓް، މަސްތުވާތަކެތި 14 ޕަސެންޓް ޓްރެފިކް އެކްސިޑެންޓަށް 12 ޕަސެންޓް ގެއްލޭތަކެތީގެ މައްސަލަ 10 ޕަސެންޓް މާރާމާރީ ހަތް ޕަސެންޓް ފޭރުން ހަތަރު ޕަސެންޓް މުދަލަށްގެއްލުން ދިނުން ހަތަރު ޕަސެންޓް މަކަރާޙީލަތް ހެދުން ތިން ޕަސެންޓް ޖިންސީ މައްސަލަތައް ތިން ޕަސެންޓް ޗެކް ބައުންސް ދެ ޕަސެންޓް ގެވެށިއަނިޔާ އެއް ޕަސެންޓް އަދި ކައުންޓަފީޓް ފޯޖަރީ އެއް ޕަސެންޓެވެ.
2008 ގެ އިންތިހާބު އޮތް އަހަރު ގިނަ މައްސަލަތަކެއް!
ފާއިތުވި 12 އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތަފާސް ހިސާބަށް ބަލާއިރު ކުށުގެ ބާވަތުން ހަަތަރު ކުށެއްގެ އެންމެ ގިނައިން ހުށަހެޅިފައިވަނީ 2008 ވަނަ އަހަރު އެވެ. ދެހާސް އަށް ވަނަ އަހަރު މާރާމަރީގެ 1،898 މައްސަލަ، މުދަލައްގެއްލުން ދިނުމުގެ 902 މައްސަލަ، ގެއްލޭތަކެތީގެ 2،139 މައްސަލަ އަދި ޓްރެފިކް އެކްސިޑެންޓްގެ 2،563 މައްސަލަ ހުށަހެޅިފައިވެ އެވެ.
ދެހާސް އަށް ވަނަ އަހަރަކީ ރާއްޖޭގައި ޕާޓީ ތަކުން ވާދަކޮށްގެން ބޭއްވުނު ފުރަތަމަ ރިޔާސީ އިންތިހާބު ވެސް ބޭއްވުނު އަހަރެވެ. މި އަހަރު ވެގެންގޮސްފައިވަނީ ހަލަބޮލި އަހަރެއްގެ ގޮތުގަ އެވެ. މި އަހަރު މާރާމާރީ އާއި މުދަލަށް ގެއްލުން ދިނުމުގެ މައްސަލަ އިތުރުވެފައިވަނީ އިންތިޙާބުގެ ވާދަވެރިކަމުގައި ހިނގާގައިވާ ބައެއް ކަންތައްތަކުގެ ސަބަބުން ކަމަށް ބެލެވެ އެވެ.
އިތުރު ކުށްތަކުގެ ތެރެއިން ޗެކް ބައުންސް ވުމުގެ 601 މައްސަލަ ހުށަހެޅިފައިވަނީ 2009 ވަނަ އަހަރުއެވެ. ދެހާސް ދިހަ ވަނަ އަހަރު ކައުންޓަފިޓް އަދި ފޯޖަރީގެ 166 މައްސަލަ، 2011 ވަނަ އަހަރު ޖިންސީ ކުށުގެ 642 މައްސަލަ އަދި 2012 ވަނަ އަހަރު ފޭރުމުގެ 974 މައްސަލަ ހިމެނެ އެވެ. ފާއިތުވި 12 އަހަރު ހުށަހެޅުނު މައްސަލަތަކުގެ އަދަދު އެންމެ ގިނަ އަހަރުގެ ގޮތުގައި 2013 ވަނަ އަހަރު ވެފައިވަނީ އެ އަހަރަކީ އެ މުއްދަތުގައި އެންމެ ގިނަ ވައްކަމާއި މަސްތުވާތަކެތީގެ މައްސަލަ ހުށަހެޅުނު އަހަރުކަމުގައި ވެފައިވާތީ އެވެ.
ދެހާސް ތޭރަ ވަނަ އަހަރު ވައްކަމުގެ 6،688 މައްސަލަ އަދި މަސްތުވާތަކެތީގެ 3،967 މައްސަލަ ހުށަހެޅިފައިވެ އެވެ. ދެހާސް ފަނަރަ ވަނަ އަހަރަކީ ވެސް ކުށުގެ ބާވަތުން ދެކުށެއް އެންމެ ގިނައިން ހުށަހެޅުނު އަހަރެކެވެ. މި އަހަރު މަކަރާހީލަތް ހެދުމުގެ 744 މައްސަލަ އަދި ގެވެށިއަނިޔާގެ 349 މައްސަލަ ހުށަހެޅިފައިވެ އެވެ.
ދުވާލަކު 60 މައްސަލަ ހުށަހެޅޭ
ފާއިތުވި 12 އަހަރުގެ ތަފާސްހިސާބަށް ބަލާއިރު 2008 ވަނަ އަހަރުން ފެށިގެން 2019 ވަނަ އަހަރު ހުށަހެޅިފައިވާ މައްސަލަތަކުން ދުވާލަކަށް އެންމެ ގިނަ މައްސަލަ ހުށަހެޅިފައިވަނީ 2013 ވަނަ އަހަރު އެވެ. އެ އަހަރު އެވްރެޖްކޮށް ދުވާލަކަށް 60 މައްސަލަ ހުށަހެޅިފައިވެ އެވެ. އަދި އެންމެ މަދުން ދުވާލަކަށް މައްސަލަ ހުށަހެޅިފައިވަނީ 2018 ވަނަ އަހަރުއެވެ. މިއަހަރު އެވްރެޖްކޮށް ދުވާލަކަށް 41 މައްސަލަ ހުށަހެޅިފައިވެ އެވެ. މި މުއްދަތުގައި ދުވާލަކު ގަޑިއެއްގެ އިރަށް އެންމެ ގިނަ މައްސަލް ހުށަހެޅިފައިވަނީ ކޮންމެ ގަޑިއަކަށް ތިން މައްސަލަ ހުށަހެޅުނު 2013 ވަނަ އަހަރުއެވެ. އެހެން ހުރިހާ އަހަރަކު ވެސް އެވްރެޖްކޮށް ގަޑިއަކަށް ދެ މައްސަލަ ހުށަހެޅިފައިވެ އެވެ.
އެޑިޓަރުގެ ނޯޓް: މި ލިޔުން ލިޔެފައިވާ އާދަމް އިބްރާހިމްއަކީ ހިއުމަން ރިސޯސާސްގެ ދާއިރާއިން މާސްޓާސް ހާސިލްކޮށް، ސިންގަޕޫރުގެ ޕޮލިސް އެކަޑަމީން ސީނިއާ ޕޮލިސް އޮފިސާސް ތަމްރީން ފުރިހަމަކޮށް ތަފާސް ހިސާބު ބޭނުން ކޮށްގެން ދިރާސާކުރުމަށް ސިކްސް ސިގުމާ މެނޭޖްމަންޓް އިންސްޓިއުޓުން ބްލެކް ބެލްޓް ފުރިހަމަކޮށްފައިވާ ދިވެއްސެކެވެ.