ޖިންސީ ގޯނާ

ގާނޫނު އަމިއްލަ އަތަށް ނެގުން ހުއްޓާލަންޖެހޭ

Aug 25, 2022
13

ތެދު ފުޅެކެވެ. ރުޅި އަންނާނެއެވެ. ރުޅި ކޮންޓްރޯލެއްވެސް ނުވާނެ އެވެ. އެކަމަކު މީހަކު ގޯހެއް ހެދުމުން އެއަށް ވުރެ ބޮޑު ގޯހެއް ތިމާ ހެދުމުގެ ބޭނުމަކީ ކޮބައި ހެއްޔެވެ.

މި ވާހަކައެއް ދައްކަން މިޖެހެނީ މިދިޔަ އަންގާރަ ދުވަހުގެ ރޭ ސޯޝަލްމީޑިއާގައި އާންމުކުރި ވީޑިއޯ އިން ފެންނަ މަންޒަރުތަަކަކާ ގުޅިގެންނެވެ. ވީޑިއޯގައި ފެންނަނީ ހުޅުމާލޭގެ ގާޒީ ސްކޫލުގެ ޓީޗަރެއް ކަމަށް ބުނާ މީހަކު ހިފަހައްޓައިގެން ބަޔަކު އޭނާ ފަލީހަތްކޮށް އަނިޔާކުރާ މަންޒަރެވެ.

ވީޑިއޯ އިން ފެންނަ މަންޒަރުތަކާއި އިވޭ އަޑުތަކަށް ބަލާއިރު ޓީޗަރު އަމިއްލައަށް އެދިގެން ދަރިވަރަށް ޓިއުޝަން ދިނުމަށް އިސްނެގީ އެވެ. ފޯނާއި ޓެބްލެޓްވެސް ލިބޭނެ ކަމަށް ބުންޏެވެ. ޓިއުޝަނަށް ދިޔަ ދަރިވަރު ޝަކުވާ ކުރި އެވެ. ޓީޗަރުގެ ފޯނުން ދަރިވަރަށް ބަދުއަހްލާގީ މަންޒަރު ދައްކައިގެންނެވެ. އަދި ނުވިތާކަށް ޓީޗަރުގެ ޖިންސީ ގުނަވަން ދެއްކި ކަމަށް ވެސް ތުހުމަތު ކުރެ އެވެ.

"ފުރަތަމަ ކޮޅު ލަދު ގަންނާނެ. އެކަމަކު ފަހުން ރަގަޅުވާނެ" ކަމަށް ޓީޗަރު އެ ދަރިވަރު ކައިރީ ބުނިކަމަށް ބެލެނެނިވެރިޔާ ތުހުމަތު ކުރެ އެވެ.

އުމުރުން އެންމެ 12 އަހަރުގެ ދަރިވަރުގެ ބެލެނިވެރިންގެ ސަމާލުކަމަށް އެކަން އައެވެ. ބެލެނިވެރިން ސްކޫލަށް ޝަކުވާ ހުށަހެޅި އެވެ. އެހިސާބުން ސުކޫލުން ޓީޗަރުގެ މައްސަލަ ބަލަން ފެށި އެވެ. އަދި ސުކޫލާއި ގުޅުން ހުރި ހުރިހާ ހަރަކާތަކުން ތުހުމަތު ކުރެވޭ ޓީޗަރު ސަސްޕެންޑް ވެސް ކުރި އެވެ.

ތެދު ފުޅެކެވެ. ރުޅި އަންނާނެއެވެ. ރުޅި ކޮންޓްރޯލެއްވެސް ނުވާނެ އެވެ. އެކަމަކު މީހަކު ގޯހެއް ހެދުމުން އެއަށް ވުރެ ބޮޑު ގޯހެއް ހެދުމުގެ ހައްގު އަހަރަމެންނަށް ލިބުނީ ހެއްޔެވެ.

ޓީޗަރަކު، އޭނާ ކިޔަވައިދޭ ތުއްތު ކުއްޖެއް ހައްލާލައިގެން ނުބައި، ނުރަގަޅު ނިޔަތެއްގައި އެއްވެސް ވިޔާ ނުދާ އަމަލެއް ހިންގުމަކީ ވަރަށް ދަށު ދަރަޖައިގެ ކަމެކެވެ. އަދި އަމުދުން ސުކޫލެއްގެ ޓީޗަރެއްގެ މިފަދަ ދަށު ދަރަޖައިގެ އަމަލެއް ސުކޫލްގެ އިދާރާއަށް ހުށަހެޅުމުން އެއާ މެދު އަވަސް ފިޔަވަޅު ތަކެއް އަޅަންވެސް ޖެހެ އެވެ. މިއީ ވަރަށް ހައްސާސް މައްސަލަ އެކެވެ. ސަބަބަކީ ޓީޗަރުގެ އަމަލުތަކުގެ ނަތީޖާ އާއީ ގުޅިފައިވަނީ ވަރަށް ގިނަ މައުސޫމް ތުއްތު ކުދިންގެ މަސްލަހަތާ ކަމަށްވާތީ އެވެ.

ކިޔަވައިދޭ މުދައްރިސަކު އޭނާގެ ދަރިވަރަކާއި ނުވަތަ ދަރިވަރުންތަކަކާއި "އެއްޖިއްސުން" ގުޅުން ހިންގާ ވާހަކަ ބެލެނިވެރިއެއްގެ ކަންފަތުގައި ޖެހިއްޖެނަމަ ފުރަތަމަ ވެސް އުފެދޭނެ ސުވާލު ވަރަށް ސާފެވެ. ތިމަންނަގެ ދަރިފުޅަށް ކިޔަވައިދެނީ ނުވަތަ ޓިއުޝަން ދެނީ އެ ޓީޗަރު ތޯއެވެ. އެ ޓީޗަރާއި، ދަރިފުޅު ގުޅުމެއް ނެތްނަމަ ހިތަށް ފިނިކަން ވެރިވެ އެވެ. ނަމަވެސް އެ ޓީޗަރާއި ދަރިފުޅުގެ ތައުލީމާއި ގުޅުމެއް އޮތްނަމަ ލޭ ކެކިގެން އުތުރި އަރައިގަނެ އެވެ. އަދި އެކަމުގެ ތެދު ދޮގު ދެނެގަތުމަށް ކޮޅުކޮޅު މައްޗަށް ދުއްވައި ގަނެވެ އެވެ.

ތެދު ފުޅެކެވެ. ދެރަވާނެ އެވެ. ހިތް ފަޅައިގެން ދާވަރުވެސް ވާނެ އެވެ. ލޭވެސް ކެކިދާނެ އެވެ. އެންމެ ފަހުން ރުޅިވެސް އިންތިހާއަށް ގަދަ ވާނެ އެވެ. އަދި ޓީޗަރު ހުރި ތަނަކުން ނެރެ އަނިޔާވެރި އަމަލުތައް ހިންގަންވެސް ގޮވާނެ އެވެ.

ޝައްކެއް ނެތެވެ. ޓީޗަރު ކުށް ކުރި ކަމުގެ ހެކި ހުރިނަމަ އޭނާ އެކުރީ ވަރަށް ބޮޑު ކުށެކެވެ. ތުއްތު މައުސޫމް ކުއްޖެއްގެ ނުވަތަ ކުދިން ތަކެއްގެ ދުވަސް ދުއްވާލީ އެވެ. އެ ޓީޗަރަށް އެކަމަށް އޮތް އަދަބެއް ލިބެން ޖެހޭނެ އެވެ. އެކަމުގައި އޭނާގެ މައްޗަށް އެއްވެސް ހަމްދަރުދީ އެއް އޮވެގެން ނުވާނެ އެވެ. އެއީ ޓީޗަރެއްގެ ގޮތުގައި ހުރި މީހެއް ނަމަވެސް "މުޖުރިމުން" ނެވެ.

ޓީޗަރުގެ އަމަލުތައް ހައްދުފަހަނަ އަޅާ ދިޔައީ ކަމަށްވެސް ނިންމިދާނެ އެވެ. އެކަމަކު ބެލެނިވެރިން ކެތްތެރިވާން ޖެހެ އެވެ. ނަމޫނާ ދައްކަން ވާނެއެވެ. މިހެން ބުނީމަ ބައެއް ބޭފުޅުން ބުނާނެ އެވެ. ތިމާގެ އުފަން ދަރިޔަކަށް މިފަދަ ނިކަމެތި ކަމެއް މީހަކު ކޮށްފިޔާ ކެއްކޮށްގެން ހުރެވޭނެ ހެއްޔެވެ. ހަމަ އަޅާ ނުލާ، އަޑެއްވެސް ލައްވާ ނުލާ ހިމޭންވެ "ހަނު" ހުންނަންވީ ހެއްޔެވެ.

އާޅާ ނުލާ، އަޑެއްނުލާ، ހިމޭންވެ "ހަނު" ހުންނަން ވީކީ ނޫނެވެ. ބެލެނިވެރިއެއްގެ ހައިސިއްޔަތުން ކުރެވެން ހުރި ހުރިހާ ކަމެއް އިންސާފު ގާއިމުކުރުމައްޓަކައި ކުރަންވީ އެވެ. ދެވެން އޮތް މީހެއްގެ ކައިރިއަށް ދާންވީ އެވެ. ދެވެން އޮތް މުއައްސަސާއަކަށް ގޮސް އެބައެއްގެ ސަމާލުކަމަށް އެކަން ގެންނަންވީ އެވެ. އަދި އެވަރުން ނުވާނަމަ މިޑީޔާ އާއި ނޫސްތަކަށް ފަތުރާ މި މައްސަލަ އާންމު ކުރަންވީ އެވެ.



ގާނޫނު އަމިއްލަ އަތްމައްޗަށް ނަގާ އެ "ނުލަފާ، ނުބައި" އަމަލު ހިންގި މީހާ ހަވަރަށް ދޭންވީކީ ނޫނެވެ. މަގުމަތީ އެމީހާ ބަނދެ އެކަމާ ނުގުޅޭ އެތައް ބަޔަކު އެއްވެ ހަޑިހުތުރު ބަހުން ހަޅޭއްލަވާ، ކޮޅުފައިން ތަޅާ އަނިޔާ ކުރަންވިކީ ނޫނެވެ. ލައިގެން ހުރި އަންނަނު ބާލުވާ، ޖަންގިޔަލަށް ހަދާ ބިންމައްޗަށް ވައްޓާލާ، ތަޅާ އަނިޔާ ކުރުމުން އޭނާ ހިންގި އެ ބޮޑު ކުށަށް އިންސާފު ލިބުނީ ކަމަށް ދެކެން ވީތޯ އެވެ. ނޫނެކެވެ. އެއީ އިންސާފެއް ނޫނެވެ.

ތެދުފުޅެކެވެ. ގާނޫނު ތަންފީޒު ކުރުމުގައި މުއައްސަސާތައް ވަނީ ބޮއްސުން ލާފަ އެވެ. އެހެންނަމަވެސް ވީވަރަކުން ގާނޫނާއި ގަވައިދު ތެރެއިން ކަންކަން ހާސިލްކުރުމުގެ ކެތްތެރިކަން އަށަގަންނަވަން އެބަޖެހެ އެވެ. މުއައްސަސާތަކުގެ ދުވެލި ހުރީ ބަރަވެލި ސްޕީޑްގަ އެވެ. އެކަމަކު އެއީ އަޅުގަޑުމެންގެ އަތްމައްޗަށް ގާނޫނު ގެނެސް ހިތު ހުރި ގޮތަކަށް "މަގު މަތީގެ ހުކުމް" ތަންފީޒު ކުރަން އޮތް ސަބަބެއް ނޫނެނެވެ.