ކުށްކުރުން

ކިނބިދޫގައި ކުށުގެ ވެއްޓެއް އުފެދެނީ!

މިދިއަ އަންގާރަ ވަނަ ދުވަހެވެ؛ ތ. ކިނބިދޫގައި ހުންނަ "ޗަމްޕާމާ ސްޓޯރު" ފިހާރައިގެ ވެރި މީހާ އެރޭ އިޝާ ނަމާދަަށް ދިޔައީ ފިހާރައިގެ ހިސާބު ހެދުމަށް ފަހު ލިބުނު ފައިސާތައް ގުނައި ކުޑަ ދަބަހަކަށް އަޅާފަަ އެވެ. ބަންގި ގޮވުމުން ނަމާދަށް ދިއުމަށް އަވަސްވެ، އެ ދަބަސް ފިހާރަައިގައި ބާއްވާފައި ދިޔައީ އެވެ. ނަމާދުން އަައި އިރު އެ ފިހާރައަށް މިދިޔަ ހޮނިހިރު ދުވަހުން ފެށިގެން ލިބުނު ހުރިހާ ފައިސާ އެއް ހުރީ ވަގުންގެ އަތުގަ އެވެ. އަދަދު 45،000 އަށް އަރާނެ ކަމަށް ބުންޏެވެެ.

ތާރީހީ ބައެއް ސަރަހައްދުތައް އޮންނަ ތ. އަތޮޅުގެ ކިނބިދޫގެ އާބާދީގައި ގާތްގަނޑަކަށް 900 އެއްހާ މިހުން އުޅެ އެވެ. ރަޖިސްޓްރީގައި 1400 އެބަ އޮތެވެ. ކުޑަ އާބާދީއެއް އޮތް އެ ރަށުގެ ހާލަތު މިއަދު ގޯހެވެ. މައްސަލަ އަކީ ވައްކަމާއި ފޭރުމާއި މަސްތުވާތަކެއްޗެވެ. ދުވަހުން ދުވަހަށް މި މައްސަލަ ބޮޑުވެ ރަށުގެ ރައްޔިތުންނަށް ހިތްހަމަ ޖެހުމެއް ނެތެވެ.

ކިނބިދޫގައި މި ހަފުތާ ތެރޭ ހިނގީ އަދި އެ ރަށުގައި ހިނގި އެންމެ ބޮޑު ވައްކަން ކަމަށް އެ ރަށު މީހުން ބުނެ އެވެ. ވައްކަން ކުރީ ދުރާލާ ރޭވިގެން ކުރި ކަމެއް ކަމަށް ތުހުމަތު ކުރެ އެވެ.

ކިނބިދޫގައި އުޅޭ، ވަޒީފާގެ ގޮތުން ނަން ހާމަ ކުރެވެން ނެތް މީހަކު ކިޔައިދިން ގޮތުގައި އަންގާރަ ދުވަހުގެ ރޭ އެ ރަށު ޗަަމްޕާ ސްޓޯރުން ކޮށްލީ ބޮޑު ވައްކަމެކެވެ. އެ ފިހާރައިގެ ޓިނު ފުރާޅު ނައްޓާލާ ސީލިންގު ފަޅާލައި ފިހާރަތެރެއަށް ވަނީ ގްރޫޕެކެވެ. އޭނާ ބުނާ ގޮތުގައި އެ ވައްކަމުގައި 15 ވަރަކަށް މީހުން އުޅޭނެ އެވެ.

ފިހާރަ ފަޅާލާ ފައިސާތައް ނެގުމުން ރޭ ދަންވަންދެން ރަށު ރައްޔިތުން އުޅުނީ އެމީހުން ހޯދަން ނުކުމެ އެވެ. ރަށުގެ ހުރިހާ ތަނެއް ހޯދާ ބެލުމުގައި ގިނަ ބަޔެއް އުޅުނެވެ. ފަތިސް ވަނިކޮށް ހަބަރު ލިބުނީ އެ އަތޮޅު ވޭމަންޑޫ ޕޮލިސް ސްޓޭޝަނަށް އަމިއްލަ އަށް ހާޒިރުވި ހަބަރެވެ. އެހެންނަމަވެސް، ވޭމަންޑޫ އަށް ދިޔައީ އޭގެ ތެރެއިން ދެ މީހުނެވެ.

"އެރޭ ދަން ވަންދެން އާއްމުން އެ ގްރޫޕް ހޯދި. އެކަކުވެސް ނުފެނުން. ފަހުން ހަބަރު ލިބުނީ ވޭމަންޑޫއަަށް ގޮސް އަމިއްލަ އަށް ކިޔައިދިނީކަން ހުރިހާ ވާހަކަ އެއް. މީގެންވެސް އެނގެނީ އެކަން ކުރާ އިރު ތިބެނީ ހަމަ ހޭގައި ނޫންކަން. ގްރޫޕްގެ މައި މީހާ އަތުގައި ދެން ތިބި މީހުންގެ ހުރިހާ ފައިސާ އެއްވެސް ހުންނާނީ. ކޭޝް ކާޑުތައްވެސް. އެއީ ލީޑަރަކީ އަސްލު. އޭނަގެ މައްސަލަތައް ކޯޓުގައި ފައިލްކޮށްފައި ހުންނާނެ މަތިމައްޗަށް" ވަޒީފާގެ ގޮތުން ނަން ހާމަ ނުކުރުމަށް ޝަރުތުކޮށް އެދި ވާހަކަ ދެއްކި މީހަކު ބުންޏެވެ.

އެ ވައްކަމަކީ، އެ ރަށުގައި މި މަހު ހިނގި ތިންވަނަ ވައްކަމެވެ. ފުލުހުންގެ ތަފާސް ހިސާބެއް ނެތް ނަމަވެސް، އެ ރަށު މީހުން ޔަގީންކަންދޭ ކަމެއް އޮވެ އެވެ. ވައްކަމެއް ނުކުރާ ހަފުތާ އެއް ނުދެ އެވެ. އާއްމުންގެ ގޭގެއިން ނަގާ މޯޓަރާއި ފިހާރަތައް ފަޅާލައިގެން ނަގާ ބޮޑު އަދަދުގެ ފައިސާ ވެސް މެއެވެ.

ރަށުން ވާހަކަ ދެއްކި ޒުވާނެއް ބުނި ގޮތުގައި، ޑީލް ކުރާ މީހާ ހައްޔަރު ކުރުމުން ދެން އެކަން ހުއްޓުވިދާނެ އެވެ. އެކަމަކު އެކަންވެސް ނުވެ މިހާރު ރަށުން މީހުން ފައިބާ ހިސާބަށް ގޮސްފި އެވެ.

މިދިއަ އަހަރުވެސް 10 އާއި 20 އާއިލާ އެ ރަށް ދޫކޮށް މާލެ ބަދަލުވި އެވެ. މައްސަލައަކީ ކުޑަކުދިންތަކެއް ބޮޑުވަމުން އަންނަނީ ކުށުގެ ވެއްޓަކަށް ވެފައި އެމީހުން ވެސް ގޯސްވެގެން ދާނީ ކޮން ދުވަހަކުން ކަން ނޭނގި އެކަމުގެ ބިރު އޮންނާތީ އެވެ.

"މީހުން ނޫޅޭ ހިސާބުތަކުގައި ބަނގުރާ ކެއްކުމާއި، ކޯލާވަޓަރު ކަހަލަ އަމަލުވާ އެއްޗެހި ބޭނުން ކުރުން އެއީ ހަމަ އާއްމު ކަންކަން. އަހަރުމެންގެ ކުރިމަތީ ހަޅޭއްލަވާފައި ދަނީ އެއްކަމެއް ވެސް ނުވާނޭ ބުނެފައި. އެންމެން ތިބެނީ ބިރުވެރި ކަމެއްގެ ތެރޭ އަސްލު. 20 އަހަރާއި 25 އަަހަރުގެ ޒުވާނުން މިކަމުގައި މިއުޅެނީ ގިނައިން ހަމަ. ސްކޫލު ކުދިން ވެސް އެންމެ ފަަސޭހައިން ހައްދާލެވޭ އުމުރުގެ ކުދިން އަތުލައިގަންނާނީ. ދެން އެހިސާބުން ދިޔައީ އެ،"

މިހަފްތާގައި ކުރި ވައްކަމާ ގުޅިގެން އެ ރަށުގައި ކުރި މުޒާހަރާގައި އަންހެނުންނާއި ފިރިހެނުން އަދި ދުވަސްވީ މީހުންވެސް ބޯޑުތައް ހިފައިގެން ތިއްބެވެ. ގިނަ އާއިލާތަކެއްގެ އިސް މީހުން ނިކުމެ ތިބީ އެމީހުންގެ އާއިލާތަކުގެ ހިމާޔަތުގަ އެވެ. ހިފައިގެން ހުރި ބޯޑުތަކުގައި ލިޔެފައި ހުރި އެއްޗެހި ގަބޫލު ކުރަންވެސް ދަތިވެ އެވެ. އެކަމަކު އެ ހުރިހާ ކަމަކަށް ރަށުގެ ގިނަ ބަޔަކު އެއްބަސްވެ އެވެ.

ބޯޑުތަކުގައި ލިޔެފައި ހުއްޓެވެ: "ޖަމާއަތަށް ނަމާދަށް އެރެން ނެތް" "ރައްޔިތުންނަށް އިންޒާރު ދެނީ، އަމާންކަމެއް ނެތް!"

މި މައްސަލާގައި އެރަށު ގިނަ މީހުން ވާހަކަ ދައްކަން ޖެހިލުންވިކަން ފާހަގަވި އެވެ. އެއްބަސް ނުވުމުގެ އިތުރުން، ވަޒީފާގެ ބިރަށާއި ނަން ހާމަ ކުރަންވެސް ބޭނުން ނުވެ އެވެ.

ރަށު ކައުންސިލުން މައުލޫމާތު ހޯދި އިރު، އެ ރަށު ބައެއް ޒުވާނުން އިސްވެ ފައިސާ އެއްކޮށްގެން އެ ރަށުގެ އެކި ސަރަހައްދުތަކުގައި ސީސީޓީވީ ކެމެރާތަކެއްވެސް ހަރުކޮށްފި އެވެ. އެކި ކަންމަތިތަކުގައި ހަރުކުރި 13 ވަރަކަށް ކެމެރާތަކުގެ އަގު 40،000 އާ ގާތް ކުރާނެ ކަމަށް ވެ އެވެ. އަމިއްލަ ހަރަދުގައި މި ކަން ކުރި ނަމަވެސް، މިއިން އެއްވެސް ކަމަކަށް ފަރުވާލެއް ބިރެއް ނެތް ކަމަށް ވެ އެވެ.

މީހުން މަދު ރަށެއްގެ ކޮންމެ ގޯޅި އެއްގެ ކަންމަތީގައި ކަހަލަ ގޮތަކަށް ކެމެރާ ހަރުކޮށްފައި ހުރުން މިއީ ރަށްފުށުން އާއްމުކޮށް ފެންނަ ކަމެއް ނޫނެވެ. ރާއްޖޭގެ ބޮޑެތި ސިޓީތަކުގައި މިކަހަލަ ކެމެރާތައް މަގުތަކުގައި ހުރެ އެވެ. މިކަމުންވެސް ރަށުގެ ހާލަތު އޮތް ގޮތް ސިފަ ކުރެވެ އެވެ.

ކިނބިދޫ މައްސަލަތައް ހައްލު ނުވާތީ އެރަށު މީހުންގެ ކަންބޮޑުވުން އޮވެ އެވެ. ހުކުމް ތަންފީޒު ނުކުރެވޭތީ އެވެ. މި ހަފްތާގައި ހިނގި ވައްކަމުގެ މައްސަލައިގައި އެ ރަށު ރައްޔިތުން ވަނީ މެޖިސްޓްރޭޓް ކޯޓުގެ ބޭރުގައި ޓޭޕުވެސް އަަޅާފަ އެވެ. އެނގިފައިވާ ގޮތުގައި ކޯޓުގައި ގާޒީ އެއް ނުހުންނަތާ 12 އަހަރުވެދާނެ އެވެ. މައްސަލަތައް ފުނި ޖެހި ލާމަރުކަޒީ ކުރުމުގެ ގޮތުން ހަދާފައި އޮތް މެޖިސްޓްރޭޓް ކޯޓުގެ ބޭނުންވެސް ނެތީ އެވެ.

މި ރަށުގެ ވާހަކަތަކުން އިވެނީ ނުރައްކާތެރި ރަނގަބީލެކެވެ. ޒުވާނުންގެ ގިނަ ކުދި ބަޔަކު ޑްރަަގުގެ ވަބާގައި ޖެހެމުންދާ މަންޒަރެވެ. އަދި ޅަ ކުދިންނަށް އޮތް ބިރެވެ.