މަރާލުމަށް ފަހު ހުޅުމާލޭގެ ސަރަހައްދެއްގެ މޫދަށް އެއްލާލާފައި އޮއްވާ ރޭ މެންދަމު ފެނުނު ކުޑަކުއްޖާގެ މަރާ ގުޅޭ މައްސަލާގައި މުއައްސަސާތަކުން އިހުމާލު ވެފައިވޭތޯ ބަލަން ރައްޔިތުންގެ މަޖިލީހުން ނިންމައިފި އެވެ.
މަރާލާފައިވާ ކުއްޖާ ފެނުނީ ރޭ މެންދަމު 2:30 އެހާކަންހާއިރު ދެވަނަ ފިޔަވަހީގެ ސަރަހައްދަކުންނެވެ. ގދ. މަޑަވެއްޔަށް ނިސްބާތްވާ އެ ކުއްޖާ މަރާލައިފައި އޮއްވާ ފެނުމުގެ ކުރިން އޭނާ ރަހީނު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހަށް ވެސް އޮތީ ހުށަހަޅައިފަ އެވެ. އަދި ފުލުހުން އައީ އެ މައްސަލަ ބަލަމުންނެވެ.
ކުއްޖާގެ މަރަށް ފަހު ތުހުމަތަށް 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެމީހުންނަކީ ދިވެހިންނެވެ.
މަރުގެ މި މައްސަލާގައި މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީގެ ބައްދަލުވުމެއް މިއަދު މެންދުރު ބާއްވައި ކޮމެޓީގެ މެމްބަރުން ވަނީ މަރާލި އެ ކުއްޖާއާ ގުޅޭގޮތުން މީޑިއާގައި ފެތުރެމުންދާ ވާހަކަ ތަކާމެދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ.
މީޑިއާގައި ކުޑަކުއްޖާއާ ގުޅުވައި ސާބިތު ނުހިފޭ ވާހަކަތައް އަންނާތީ މާފަންނު ދެކުނު ދާއިރާގެ މެމްބަރު އިމްތިޔާޒް ފަހުމީ އެކަން ކޮމިޓީގައި ފާހަގަ ކުރެއްވި އެވެ. އޭނާ ވިދާޅުވީ އެފަދަ ވާހަކަތަކުގެ ސަބަބުން "ވިކްޓިމް" އިތުރަށް "ވިކްޓިމައިޒް" ވާ ކަމަށެވެ. އެކަން ހުއްޓުވުމަށް އޭނާ އެދިވަޑައިގެންނެވި އެވެ.
އެ ކޮމެޓީގައި ހިމެނި ވަޑައިގަންނަވާ އެހެން މެންބަރަކު ވިދާޅުވި ގޮތުގައި މަރާލި ކުޑަކުއްޖާ ސްކޫލަށް ނުދާކަމާއި ގޭންގްތަކާއި ގުޅުން އޮތުމާއި ކުށުގެ ވެށިން އެތައް ފަހަަރަކު ފުލުހުން ހައްޔަރުކުރި ކަމަަށް ކުރާ ތުހުމަތުތަކުގެ ވާހަކަ ކޮމެޓީގައި ފާހަގަ ކުރި އެވެ. އަދި ކަށަވަރު ނުވާ އެފަދަ މައުލޫމަތު ނުފަތުރަން އެދެން އެކަން މަޖިލީހުގެ މިވަން މުއައްސަސާތަކުގެ ކޮމެޓީއަށް ފޮނުވަން ވެސް ނިންމި އެވެ.
އެއީ އިމްތިޔާޒްގެ ހުށަހެޅުމާ ގުޅިގެނެވެ. އޭނާ ހުށަހެޅުއްވެވީ މިނިވަން މުވައްސަސާތަކުގެ ކޮމެޓީއަށް އެކަން ހުށަހަޅައި ނޫސްތަކުގައި ކުޑަކުދިންނާ ގުޅޭ ގޮތުން ދައްކާ ވާހަކަތައް ރެގިއުލޭޓް ކުރެވޭނެ ގޮތެއް ހޯދާށެވެ.
މީގެ އިތުރުން އެ ކުއްޖާ މަރާލުމުގެ ކުރީން އޭނާއަށް ދޭން ޖެހޭ ރައްކާތެރިކަން މުއައްސަސާތަކަށް ފާހަގަވެފައި ވޭތޯ ބަލަން އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް މިއަދު ކޮމެޓީގައި އެދިވަޑައިގަތެވެ. އަދި އެކަން ފާހަގަވެފައިވާނަމަ މުވައްސަސާތަކުން އެޅި ފިޔަވަޅުތައް ދެނެގަތުމަށް ވެސް އޭނާ ހުށަހެޅުއްވި އެވެ.
ރޮޒައިނާގެ އެ ހުށަހެޅުމާ އެއްގޮތަށް ފުލުހާއި ޖެންޑާ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޖުވަނައިލް ޖަސްޓިސްއިން އެޅި ފިޔަވަޅުތަކުގެ ތަފްސީލްތައް ލިޔުމުން ހޯދަން އެ އިދާރާތަކަށް އަންގަން މިއަދު ކޮމެޓީގައި ނިންމާ ލިޔުމުން ޖަވާބުދާރީ ވާން ދެ ދުވަހުގެ މުއްދަތު ދޭން ވެސް އަންގަން ވެސް ނިންމި އެެވެ.
އޭގެ ފަހުން އެ ހުރިހާ މުވައްސަސާތަކާއެކު އަންނަ ހޮނިހިރު ދުވަހު ކޮމިޓީގެ ބައްދަލުވުމެއް ބާއްވާނެ އެވެ. މަޖިލީހުން މިއްސަލައިގެ ތެރެއަށަށް ވަދެފައިވާއިރު ފުލުހާއި އެޗްއާރްސީއެމުން ދަނީ މަރުގެ މި މައްސަލަ ބަލަމުންނެވެ. މަރުގެ ތަހުގީގަށް ކުއްޖާގެ ޕޯސްޓްމޯޓަމެއް ހަދަން ވެސް ފުލުހުން ވަނީ ނިންމާފަ އެވެ.