މުހައްމަދު ރާއިފް އަންވަރު

މަރާލި ކުއްޖާގެ މައްސަލައިގެ ކޮމެޓީ ސިއްރު

މަރާލުމަށް ފަހު ހުޅުމާލޭގެ ސަރަހައްދެއްގެ މޫދަށް އެއްލާލާފައި އޮއްވާ މިދިޔަ އަންގާރަ ދުވަހުގެ މެންދަމު ފެނުނު އުމުރުން 13 އަހަރުގެ މުހައްމަދު ރާއިފް އަންވަރުގެ މަރާ ގުޅިގެން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމެޓީން މިއަދު ކުރިއަށް ގެންދިޔަ ބައްދަލުވުން ސިއްރުކޮށްފި އެވެ.

ރާއިފްއަށް ދައުލަތުގެ މުއައްސަސާތަކުން ފޯރުކޮށްދޭން ޖެހޭ އިޖުތިމާއީ ރައްކާތެރިކަން ފޯރުކޮށްދީފައި ވޭތޯ ބަލަން މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމެޓީން މުއައްސަސާތަަކަށް އެންގީ މިދިޔަ ބުދަ ދުވަހު އެވެ. އެގޮތުން މުވައްސަސާތަކުން އެޅި ފިޔަވަޅުތައް ދެނެގަތުމަށް ފުލުހާއި ޖެންޑާ މިނިސްޓްރީ އާއި ހޯމް މިނިސްޓްރީގެ ދަށުން ހިންގާ ޖުވަނައިލް ޖަސްޓިސްއަށް ސިޓީ އޮތީ ފޮނުވައިފަ އެވެ. އެއަށްފަހު އެ މުވައްސަސާތަކުގެ އިސް ބޭފުޅުންނާ އެކު މިއަދު ވަނީ އޮންލައިންކޮށް ބައްދަލުވުމެއް ކުރިއަށް ގެންގޮސްފަ އެވެ.

އެ ކޮމެޓީގައި ހިމެނިލައްވާ އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ އާދަމް އަވަސްއަށް މިއަދު ވިދާޅުވީ ކޮމެޓީ ސިއްރުކުރީ ޖެންޑާ މިނިސްޓްރީން އެގޮތަށް އެދުމުން ކަމަަށެވެ. ނަމަވެސް ރާއިފްގެ މަރާ ގުޅޭ ގޮތުން ދެން ބާއްވާ ބައްދަލުވުންތައް ސިއްރުކުރުމާ މެދު އަދި ގޮތެއް ނުނިންމާ ކަމަށެވެ.

މީޑިއާގައި ކުޑަކުއްޖާއާ ގުޅުވައި ސާބިތު ނުހިފޭ ވާހަކަތައް ޝާއިއު ކުރި މައްސަލަ މަޖިލީހުގެ މިނިވަން މުވައްސަސާތަކާ ބެހޭ ކޮމެޓީންނާ މީޑިއާ ކައުންސިލްއިން ވެސް މިހާރު ދަނީ ބަލަމުން ނެވެ.

ރާއިފްގެ މަރާ ގުޅިގެން ދެ ދިވެހި ފިރިހެނުން މިހާތަނަށް ވަނީ ހައްޔަރުކޮށްފަ އެވެ. އެއީ 27 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުޑަކުއްޖެ ކެވެ.

އެ މައްސަލަ ފުލުހުން ބަލަމުންދާ އިރު ބޮޑު ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް ފުލުހުން ބުނެ އެވެ.