ރާއިފް މަރާލުން

ކުއްޖާގެ މަރު އަވަހަށް ތަހުގީގުކުރަން އާކުން ގޮވާލައިފި

މަރާލުމަށް ފަހު ހުޅުމާލޭގެ ސަރަހައްދެއްގެ މޫދަށް އެއްލާލާފައި އޮއްވާ ރޭ މެންދަމު ފެނުނު ކުޑަކުއްޖާގެ މަރާ ގުޅޭ މައްސަލަ އަވަހަށް ތަހުގީގުކުރުމަށް ކުޑަކުދިންގެ ހައްގުގައި ވަކާލާތުކުރާ މަސައްކަތް ކުރާ ޖަމިއްޔާއެއް ކަމަށްވާ އެޑްވޮކޭޓިން ދަ ރައިޓްސް އޮފް ޗިލްރަން (އާކް) އިން ގޮވާލައިފި އެވެ.

މަރާލާފައިވާ ކުއްޖާ ފެނުނީ ރޭ މެންދަމު 2:30 އެހާކަންހާއިރު ދެވަނަ ފިޔަވަހީގެ ސަރަހައްދަކުންނެވެ. ގދ. މަޑަވެއްޔަށް ނިސްބާތްވާ އެ ކުއްޖާ މަރާލައިފައި އޮއްވާ ފެނުމުގެ ކުރިން އޭނާ ރަހީނު ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް މިދިޔަ އާދީއްތަ ދުވަހު ފުލުހަށް ވެސް އޮތީ ހުށަހަޅައިފަ އެވެ. ފުލުހުން އައީ އެ މައްސަލަ ބަލަމުންނެވެ.

ކުއްޖާގެ މަރުގެ ތުހުމަތަށް 17 އަހަރުގެ ފިރިހެން ކުއްޖަކާއި 27 އަހަރުގެ މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. އެ ދެމީހުންނަކީ ދިވެހިންނެވެ.

ރޭގެ ހާދިސާއާ ގުޅިގެން އާކުން ނެރުނު ބަޔާނުގައި އެ އަމަލު ވަނީ ހަރުކަށި އިބާރާތުން ކުށްވެރިކޮށްފަ އެވެ. އަދި ކަމާބެހޭ އިދާރާތްތަކުން މި މައްސަލަ އަވަހަށް އަދި ހާމަކަން ބޮޑުކޮށް ތަހުގީގު ކުރުމަށް ވަނީ ގޮވާލައިފައި ވެއެވެ.

"ކުޑަކުދިންނަށް ކުރާ އަނިޔާ ހުއްޓުވައި އަދި މިފަދަ ބޮޑެތި ކުށްތައް ކުރާ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން އަވަސްކުރަންޖެހެ. ކުޑަކުދިންނަށް ކުރާ އަނިޔާ އިތުރުވަމުންދަނީ ކުޑަކުދިން ރައްކާތެރިކުރުމުގެ ނިޒާމުގައި ހުރި ބޮޑެތި މައްސަލަތަކާއި ގާނޫނު ތަންފީޒުކުރާ ފަރާތްތަކާއި ޝަރުއީ އަދި އިޖްތިމާއީ ދާއިރާފަދަ ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ޒިންމާ އޮތް ފަރާތްތަކުގެތެރޭގައި ރަނގަޅުކުރަން ހުރި ގިނަ ކަންތައްތަކެއް ހައްލުނުކުރެވުމުގެ ސަބަބުން،" އާކުން ނެރުނު ބަޔާނުގައި ވެއެވެ.

ރާއިފްގެ މައްސަލައިގައި މުއްސަސާތައް އިހުމާލުވެފައިވޭތޯ ވެސް މަޖިލީހުން ވަނީ ބަލަން ފަށައިފަ އެވެ.