ޝިދާތާ ޝަރީފު

ޖެންޑާގެ ގއ. އަތޮޅު ސެންޓަރުގައި މުވައްޒަފަކު ނެތްތާ އަހަރެއް: ޝިދާތާ

ގއ. ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް ފެންމަތިވެފައި ވަނިކޮށް، އެ އަތޮޅުގައި ހުންނަ ޖެންޑާ މިނިސްޓްރީގެ ސެންޓަރުގައި މުވައްޒަފަކު ނެތް ކަމަށް ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފު ރައްޔިތުންގެ މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީގައި މިރޭ ވިދާޅުވެއްޖެ އެވެ.

ކަނޑުހުޅުދޫގައި ދެ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ ތުހުމަތުގައި އޭނާގެ ކާފަ އާއި މުނިކާފަ ހައްޔަރު ކޮށްފައިވާއިރު، އެ ކުއްޖާގެ ބައްޕަ ވަނީ އިހުމާލުވި ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފަ އެވެ. ކުއްޖާގެ ބައްޕަ އާއި މަންމައަކީ މަސްތުވާތަކެތި ބޭނުން ކުރަމުންދާ މީހުން ކަމަށް ވެސް އެނގިފައިވެ އެވެ.

މި މައްސަލާގައި މިރޭ ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި މިނިސްޓަރު ޝިދާތާ ވިދާޅުވީ ޖެންޑާ މިނިސްޓްރީގައި އެކަށީގެންވާ ފައިސާ އާއި ވަސީލަތްތައް އަދި މުވައްޒަފުން ވެސް ނެތް ކަމަށެވެ. އަތޮޅުތަކުގައި ހުރި އެ މިނިސްޓްރީގެ ބައެއް ސެންޓަރުތައް ހުރީ އެންމެ އެކަށީގެންވާ ހާލަތުގައި ވެސް ނޫން ކަމަށެވެ.

ޝިދާތާ ވިދާޅުވި ގޮތުގައި ކޮންމެ އަތޮޅެއްގައި ޖެންޑާ މިނިސްޓްރީގެ ސެންޓަރެއް ހުންނަނީ އެންމެ ރަށެއްގަ އެވެ. އެއީ އެކަށީގެންވާ އަދަދެއް ނޫން ކަމަށާއި ސެންޓަރު ހުންނަ ރަށްރަށުގައި އެކަށީގެންވާ ވަރަށް މުވައްޒަފުން ވެސް ނުތިބޭ ކަމަށެވެ.

އެ ގޮތުން ދެ އަހަރުގެ ކުއްޖާ ނިސްބަތްވާ ގއ. އަތޮޅުގައި ހުންނަ ސެންޓަރުގައި ވެސް މުވައްޒަފަކު ނެތް ކަމަށާއި އެތަނަށް މުވައްޒަފަކު ހޯދަމުން އަންތާ އަހަރު ދުވަސް ވެފައިވާ ކަމަށް ވެސް ވިދާޅުވި އެވެ.

"އަތޮޅުތަކުގެ ތެރޭގައި ހުރި މިނިސްޓްރީގެ ސެންޓަރުތައް ހުރީ އެންމެ އެކަށީގެންވާ ހާލަތަކު ނޫން، ބައެއް ތަންތަނުގެ ފިޒިކަލް ހާލަތަށް ބެލިއަސް، އެތަންތަނުގައި ތިބި މުވައްޒަފުންގެ އަދަދުތަކަށް ބެލިއަސް، ހާލަތު ވަރަށް ގޯސް. ގއ. ސެންޓަރުގައި މުވައްޒަފަކު ނުވެސް ނެތް، އެ ތަނަށް މުވައްޒަފަކު ހޯދާތާ ވެސް އަހަރެއްހާ ދުވަސް ވެއްޖެ،" ޝިދާތާ ވިދާޅުވި އެވެ.

މިފަދަ މައްސަލަތައް ތަކުރާރު ނުކުރުމުގެ ގޮތުން ކޮންމެ ރަށެއްގައި ވެސް ޖެންޑާ މިނިސްޓްރީގެ ހިދުމަތްތައް ލިބޭނެ ގޮތް ހަމަޖައްސަން ޖެހޭ ކަމަށް ޝިދާތާ ވިދާޅުވި އެވެ. އެ ގޮތުން ކޮންމެ ރަށެއްގައި ކަންކަން ބަލައި ފާރަވެރިވާނެ މިނިސްޓްރީގެ ސޯޝަލް ވޯކަރުން ތިބެންޖެހޭ ކަމަށް ވެސް ވިދާޅުވި އެވެ.

މިނިސްޓަރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރަށަކަށް ވެސް ޖެންޑާ މިނިސްޓްރީގެ ހިދުމަތްތައް ބޭނުން ޖެހިފައިވާއިރު، މިނިސްޓްރީއަށް އެކަށީގެންވާ ބަޖެޓެއް ވެސް ހަމަނުޖެހޭ ކަމަށެވެ.