ވައުދުވީ މުހިންމު އެއްވެސް ކަމެއް މި ސަރުކާރަށް ފުއްދިފައި ނުވާ ކަމަށާ މިހާރު ލިބިވަޑައިގަންނަވާ އެންމެ ބޮޑު އުފަލަކީ މި ސަރުކާރުގެ ބައިވެރިއެއްގެ ގޮތުގައި ނުހުރެވުން ކަމަށް ވިދާޅުވެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ސަރުކާރަށް ފާޑުވިދާޅުވެއްޖެ އެވެ.
އަވަސްއަށް ވާހަކަ ދައްކަވަމުން ޝިދާތާ ވިދާޅުވީ މި ސަރުކާރަކީ ރައްޔިތުން ބޭނުންވާ ބަދަލުތައް ގައުމަށް ގެނައުމަށް އެންމެ ތަނަވަސް ފުރުސަތު ލިބުނު ސަރުކާރު ކަމަށެވެ. ރާއްޖޭގައި ތިއްބެވި ހަރުދަނާ ހުރިހާ ލީޑަރުން ގުޅިގެން ސަރުކާރެއް ގާއިމު ކުރެވި ރައްޔިތުންގެ މަޖިލީހާއި މުއައްސަސާތަކުގެ ފުލް ކޮންޓްރޯލް ސަރުކާރަށް ލިބުނު ކަމަށެވެ.
ނަމަވެސް ކެންޕެއިންގައި ވައުދުވީ މުހިންމު އެއްވެސް ކަމެއް މިހާތަނަށް ފުއްދިފައި ނުވާ ކަމަށް ވިދާޅުވި އެވެ. ކޮރަޕްޝަން ނައްތާލުމާއި ހިޔާނާތްތެރިން ހޯދުމާއި މަރުތަކަށް އިންސާފު ހޯދާ ދޭނެ ކަމަށް ދެއްކި ވާހަކަތަކުގައި އެއްވެސް ކުލައެއް ނުޖެހުނު ކަމަށް ވެސް ޝިދާތާ ވިދާޅުވިއެވެ. އަދި ވިދާޅުވީ ނިމިދިޔައީ ނަތީޖާއެއް ނުނެރެވުނު ނާ އުންމީދީ ތިން އަހަރު ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ގަބޫލު ކުރިން މި ސަރުކާރަށް ބަދަލެއް ނުގެނެވިއްޖެނަމަ ދެން ކޮން ސަރުކާރަކަށް ހެއްޔޭ އަޅުގަނޑުމެން މި ބޭނުންވާ ސިސްޓަމެޓިކް ޗޭންޖަސް ގެނެވޭނީ. އަދި މި ސަރުކާރުގެ މެޖޯރިޓީ އޮތް މަޖިލީހެއް މި އޮތީ ވެސް. އަދި މި ސަރުކާރުން ބަދަލު ގެންނަން ބޭނުންވާނަމަ ބޭނުންވާ ކޮންމެ ބާރަކާއި އިހުތިޔާރެއް ވެސް އެބައޮތްމެ. ނަމަވެސް އޭރު [ކެންޕެއިންގައި] ދެއްކި އެއްވެސް ވާހަކައަކަށް އަމަލީ ސިފައެއް ނައުމަކީ އަޅުގަނޑުމެން ވަރަށް ހިތާމަ ކުރާ ކަމެއް،" މިހާރު އެމްއެންޕީގެ ނާއިބު ރައީސަކަށް ހުންނެވި ޝިދާތާ ވިދާޅުވިއެވެ.
މިއަދު އަޅުގަނޑު އެންމެ އުފާވަނީ މި ސަރުކާރުގައި ހިއްސާވާ މީހަކަށް އަޅުގަނޑު ނުވާތީ. އެއީ އޭރު [ކެންޕެއިންގައި] އަޅުގަނޑުމެން އެ ދެއްކި ވާހަކަތައް ޑެލިވާ ނުކުރެވޭ ސަރުކާރެއްގައި ބައިވެރިވުމެއް ނެތީމަ އެއީ އަޅުގަނޑު މިއަދު އެންމެ އުފާވާ ކަމަކީ. ދެންވެސް އިރާދަކުރެއްވިއްޔާ އަޅުގަނޑު މަސައްކަތް ކުރާނީ އަޅުގަނޑުމެން ދައްކާ ވާހަކަތައް ޑެލިވާ ކުރެވޭނެ ސަރުކާރެއް ގެންނަންޝިދާތާ ޝަރީފް | ކުރީގެ ޖެންޑާ މިނިސްޓަރު
މި ސަރުކާރަށް އިތުުރު ދައުރެއް ދިނުމާމެދު ދެކެވަޑައިގަންނަވަނީ ކިހިނެތްތޯ އެހުމުން ޝިދާތާ ވިދާޅުވީ އެކަމުގައި އޭނާގެ ވިސްނުން މުހިންމު ނޫން ކަމަށެވެ. ރައްޔިތުންގެ ވާހަކަތަކުން ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައްޔިތުން ނުކުމެ ޖަވާބު ދޭނެ ގޮތް ސާފު ކަމަށެވެ.
ޝިދާތާ ވިދާޅުވީ ސަރުކާރާމެދު ހިތްހަމަޖެހޭ އަދި ސަރުކާރުން ވައުދުވީ ކަންކަން ކުރަމުން ގެންދާ ކަމަށް ގަބޫލުކުރާ ރައްޔިތަކާ ބައްދަލުނުވާ ކަމަށެވެ.
"އަޅުގަނޑު ގަބޫލުކުރަނީ މި ކޯލް [އެ ބަދަލު] ރައްޔިތުން މޭކު ކުރައްވާނެ ކަމަށް. އެއްވެސް ސަރުކާރަކުން މިހާރު ބަލައިގެން ނުވާނެ ރައްޔިތުން ގުނބޯ ހައްދައިގެން ވެރިކަން ކުރެވޭނެ ކަމަކަށް. ރައްޔިތުންނަށް ވާނުވާ އެނގޭ. އެހެންވީމަ ޝިދާތާ ދޭ ޖަވާބަކަށް ވުރެ ރައްޔިތުން ނުކުމެ 2023 ގައި ޖަވާބު ދޭނެ،" ޝިދާތާ ވިދާޅުވިއެވެ.
މި ސަރުކާރަކީ ރާއްޖޭގައި ވަރުގަދަ ހަތަރު ސިޔާސީ ފިކުރެއް އެކުވެ އުފައްދާފައި އޮތް ސަރުކާރެކެވެ. އެއީ އެމްޑީޕީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އަދާލަތު ޕާޓީ އާއި އެމްއާރްއެމް އެވެ. ކޯލިޝަން ސަރުކާރާ ގުޅޭގޮތުން ޝިދާތާ ވިދާޅުވީ ލީޑަރުންގެ މެދުގައި ބަދަހި ކަމެއް ފެނިވަޑައިނުގަންނަވާ ކަމަށެވެ.
އަދި ސަރުކާރުގެ ތެރެއިން ހަމަހަމަ ކަމެއްވެސް ނުފެންނަ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ނުދަންނަވާނަން މިހާރު މި އޮތީ ބަދަހި ކޯލިޝަނެކޭ. އެހެން ނަމަވެސް ކޯލިޝަން އެބަ ދަމަހައްޓަވާ ދެއްތޯ،" ވަރަށް ކުރުކޮށް ދެއްވި ޖަވާބުގައި ވިދާޅުވިއެވެ.
އަދާލަތުގެ ލީޑާޝިޕް ވަރަށް ބަލިކަށި
ޝިދާތާ ވަނީ އޭނާ ކުރީން ނިސްބަތްވި އަދާލަތު ޕާޓީއާ ގުޅޭގޮތުން ވެސް ވާހަކަ ދައްކަވާފައެވެ. ވިދާޅުވީ އަދާލަތުގެ ލީޑާޝިޕް ފެންނަނީ ވަރަށް ބަލިކަށިކޮށް ކަމަށެވެ. ހާއްސަކޮށް ސަރުކާރުން ހަދާ ގޯސްތަކާމެދު އެއްވެސް އެއްޗެއް ނުބުނެ ހިމޭނުން ތިބޭ މަންޒަރު ފެނުމަކީ އަދާލަތުގެ ވެރިން ބަލިކަށިވެފައިވާ މިންވަރު ހާމަވާ ކަމެއް ކަމަށެވެ.
"ތާރީހުގެ ތެރެއަށް ބަލާލާއިރުގައި އަދާލަތު ޕާޓީން ވަނީ ވަރަށް ސްޓްރޯންގް ސްޓޭންޑްސްތައް ނަގާފައި. ނަމަވެސް މި ސަރުކާރުގެ ބައެއް ކަހަލަ ކަންކަމުގައި ހިމޭނުން ތިބެވުން، މިނިވަން ކަމާއެކުގައި އެއްޗެކޭ ނުބުނެވުން އަދި އަޅުގަނޑުމެންގެ ވިސްނުން ކުރިއަށް ނުނެރެވުމަކީ އަޅުގަނޑަށް އެހާ ބޮޑަށް ގަބޫލު ކުރެވޭ ކަމަކަށް ނުވެވުނު،"
އަދާލަތު ޕާޓީން ވަކިވެވަޑައިގެންނެވީ ސިޔާސީ ގޮތުން ކުރިއަށް ދެވޭނެ ގޮތެއް ނެތުމުން ކަމަށް ވެސް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ރިޔާސީ އިންތިހާބަށް އަދާލަތު އަލުން ހަރަކާތްތެރި ވަންދެން މަޑުކުރުމަކީ ވަގުތު ބޭކާރު ކުރުމެއްގެ ގޮތުގައި އޭނާ ސިފަ ކުރެއްވި އެވެ.
އަދާލަތު މި ފަހުން ފެންނަނީ މިނިވަން ކަމާއެކު ސިޔާސީ ވިސްނުން ހާމަ ކުރުމުގައި ފަސްޖެހޭ ޕާޓީއެއްގެ ގޮތުގަައި ކަމަށްވެސް ވިދާޅުވިއެވެ. އަދި ސަރުކާރުގެ އެކި މަގާމުތަކާއި އަދާލަތުގެ ލީޑާޝިޕްގެ ބޭފުޅުން ހަވާލުވީއިރު ޕާޓީ ހިންގާނެ ގޮތެއް ހަރުދަނާ ގޮތެއްގައި ރޭވިފައި ނެތުމަކީ އެ ޕާޓީ އެހާ ބަލިކަށިވި ސަބަބަކަށް ވެދާނެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑަކަށް ނުފެނުނު މި ޕާޓީން [އަދާލަތު] މި ފަހަކަށް އައިސް ގައުމީ ކްރޫޝަލް ކަންކަމުގައި އެންމެ ކުޑަމިނުން ބަސް ބުނެފައި ހުރި ތަނެއް ވެސް. އަދި ބައެއް ހާލަތްތަކުގައި ބަސް ބުނި ނަމަވެސް އެ ބަހުގެ ވެއިޓް [ބުރަދަން] އެބަ އަޅާކިޔޭ ކުރީގައި ވިދާޅުވާ ވާހަކަތަކާއި މި ފަހުން ވިދާޅުވާ ވާހަކަތަކާ. ދެން ހާއްސަ ގޮތެއްގައި އަދާލަތު ޕާޓީގެ ލީޑާޝިޕަކީ އަބަދުވެސް ލީޑާޝިޕްގައި ހުންނަވާ ބޭފުޅަކު ވަރަށް ސްޓްރޯގްކޮށް ކަންކަމުގައި ސްޓޭންޑް ނަންގަވާ ޕަބްލިކްގައި އެކަން ވިދާޅުވާނެ. ނަމަވެސް މި ފަހުން އައިސް އެކަން ވީކު ވެގެން ދިއުން ގޮސްފައިވާކަން އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް،" ޝިދާތާ ވިދާޅުވިއެވެ.
ސަރުކާރުގައި އަދާލަތު ހިއްސާވާއިރު ދީނީ އެކި ކަންކަމުގައި ކުރީން ހަރުކޮށް ބަސް ބުނަމުން އައި އަދާލަތު މި ފަހުން ފެންނަނީ ވަރަށް ބަލިކަށިކޮށެވެ. ލާދީނީ ރިޕޯޓް ނެރުނު އެމްޑީއެންއާ ދެކޮޅަށް ދީނީ އިލްމުވެރިން ބޮޑު ކެންޕެއިނެއް ފުޅާކުރި ފަހުން ނޫނީ އެ ޕާޓީން އެ މައްސަލާގައިވެސް އެއްޗެއް ނުބުނެއެވެ. އަދި އިސްލާމް ފޮތްތަކުން ގުރުއާންގެ އާޔަތްތައް އުނިކުރަން ނިންމި ނިންމުމާއި މިހާރު މައްސަލަ ބޮޑުވެފައިވާ އަރަބިއްޔާ މައްސަލާގައިވެސް އެ ޕާޓީން އެއްޗެއް ބުނެފައެއް ނުވެއެވެ. މެންބަރުންގެ އަދަދުވެސް ވަރަށް ބޮޑަށް މަދުވެފައިވާ އަދާލަތު ޕާޓީގެ ރައީސަކީ މި ސަރުކާރުގެ ހޯމް މިނިސްޓަރެވެ. ނުވަ އަހަރަށް ވުރެ ދިގު މުއްދަތަކަށް އެ ޕާޓީގެ ނާއިބު ރައީސަކަށް ހުރި އަލީ ޒާހިރަކީ ރައީސްގެ ޗީފް އޮފް ސްޓާފެވެ.