ޖެންޑާ މިނިސްޓަރު ކަމުން އިސްތިއުފާ ދެއްވީ ނޯކޮންޑިފެންސް މޯޝަން -- އިތުބާރު ނެތް ކަމުގެ ވޯޓް ނަގާ -- މަގާމުން ދުރުކޮށްފާނެތީ ބިރުން ނޫން ކަމަށާ އިސްތިއުފާ ނުދެއްވި ނަމަވެސް އެ ވޯޓް މަޖިލީހުގައި ނަގަން ކެރިވަޑައިނުގެންނެވީސް ކަމަށް ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ. ކުޑަ ކުދިންނާ ގުޅޭ ގިނަ މައްސަލަތަކުގައި އިހުމާލުވި ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގައި އެމްޑީޕީގެ މެންބަރުން ޝިދާތާގެ އިސްތިއުފާއަށް ގޮވާލާފައިވަނިކޮށް އެ ކަމަނާ އިސްތިއުފާ ދެއްވީ ފެބްރުއަރީ 6، 2020 ގައެވެ.
އިސްތިއުފާ ދިން ސަބަބުތަކާއި ގުޅޭގޮތުން މީގެ ކުރީން ޝިދާތާ ތަަފްސީލުކޮށް ވާހަކައެއް ނުދައްކަވައެވެ. އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ގެ 14 ވަނަ މެހެމާންގެ ގޮތުގައި ބައިވެރިވެވަޑައިގެން އެކަމަނާ ވަނީ ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފައެވެ.
ޝިދާތާ ވިދާޅުވީ އިސްތިއުފާ ދެއްވީ އެކަމަނާގެ އިހުމާލުން، ކަމެއް ގޯސްވެގެން ނޫން ކަމަށާ ބަޔަކު އެހެން ބުނި ނަމަވެސް މަގާމުގެ މަސްއޫލިއްޔަތު އަދާކުރެއްވެވީ ވަރަށް ފުރިހަމައަށް ކަމަށެވެ. އަދި ޖެންޑާ މިނިސްޓްރީ ހަރުދަނާ ކުރެއްވުމަށް ވަރަށް މުހިންމު މަސައްކަތްތަކެއް ކުރެއްވެވި ކަމަށް ވިދާޅުވިއެވެ.
ޝިދާތާ ވިދާޅުވީ ޖެންޑާގައި ހައްލުނުވެ ހުރި ކަމަށް ބުނާ މައްސަލަތައް މިއަަދުވެސް ހައްލު ނުވާ ކަމަށާ ބައެއް މައްސަލަތައް އިތުރަށް ގޯސްވެފައިވާ ކަމަށެވެ. އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ އެކަންކަން ރައްޔިތުންނަށް ސާފުކޮށްދެއްވުމަށް ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު ބޭނުންވީ އަޅުގަނޑު ނަފްސު ކަތިލާން ފުރުސަތު ނުދީ މިކަމުގައި އޮތް ހަގީގަތް ރައްޔިތުންނަށް ސާފުކޮށްދޭން. އަޅުގަނޑު އަދިވެސް ގަބޫލުކުރަން އަޅުގަނޑަކީ ވަރަށް ޒިންމާދާރުކަމާ އެކީގައި ވަރަށް ލީޑާޝިޕް ނަގައިގެން ވަރަށް ރަނގަޅު ބަދަލުތަކެއް ޖެންޑާ މިނިސްޓްރީގެ ނިޒާމުގެ ތެރެއަށް ގެނެސްފައިވާ މީހެއް،"
މަގާމުގައި ހުންނެވިއިރު ކުރިމަތިވެވަޑައިގެންނެވި ޕްރެޝަރުތަކާއި ގުޅިގެން ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އަދާލަތު ޕާޓީން އެކަށީގެންވާ ގޮތެއްގައި ސަޕޯޓާއި އެހީތެރިކަން ލިބިވަޑައިގެންނެވިތޯ ދެންނެވުމުން ޝިދާތާ ވިދާޅުވީ އެކަމަނާއަކީ ސިޔާސީ މީހެއް ކަމަށާ އެފަދަ ކަމަކަަށް އުންމީދު ނުކުރައްވާ ކަމަށެވެ.
އަދި މަގާމުން އިސްތިއުފާ ދެއްވީ ރައީސުލްޖުމްހޫރިއްޔާއަށްޓަކާ ކަމަށާ އެކަން ރައީސަށްވެސް އެނގިވަޑައިގަންނަވާނެ ކަމަށެވެ. އެކަމުގެ ތަފްސީލު މިވަގުތު ހާމަކުރައްވަން ބޭނުންފުޅުނުވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑަކީ ސިޔާސީ މީހެއް. އަޅުގަނޑުގެ ވިސްނުންވެސް ހުންނަނީ ވަރަށް ސިޔާސީކޮށް އެނގޭތޯ. އަޅުގަނޑު އެކްސްޕެކްޓެއް ނުކުރަން ރައީސުލްޖުމްހޫރިއްޔާ އަޅުގަނޑު ހިމާޔަތް ކުރާނެ ކަމަކަށް. އެކަމަކު އަޅުގަނޑު އިސްތިއުފާ ދިނީ ރައީސުލްޖުމްހޫރިއްޔާއަށްޓަކައި. އެހެންވީމަ އެ އުފާ އަޅުގަނޑަށް ލިބޭ. އަޅުގަނޑު އެކްސްޕެކްޓެއް ނުކުރަން ސަރުކާރުގެ އެއްވެސް މީހަކު އަދި އަޅުގަނޑު އޭރު ނިސްބަތްވި ޕާޓީގެ ލީޑާޝިޕްގެ ދިފާއުގައި ތެދުވާކަށް،"
ސިޔާސީ މަސައްކަތަކީ ވަރަށް ތަފާތު މަސައްކަތެއް ކަމަށާ އެ މަސައްކަތުގައި ޕްރެޝަރާއި ގޮންޖެހުންތަކާއި ކުރިމަތިލާން ޖެހޭނީ އާހިރުގައި އެކަަނި ކަމަށްވެސް ވިދާޅުވިއެވެ. އަދި ބަޔަކު ނިކުމެ ވައްޓާލައިފިނަމަ ތެދުވާންވެސް ޖެހޭނީ އެކަނި ކަމަށާއި ސިޔާސީ މައިދާނަށް ނިކުންނެވީ އެކަންކަން އެނގި ހުރެ ކަމަށް ވިދާޅުވިއެވެ.
"އަޅުގަނޑު ފަހަތަށް ޖެހުނީ އަޅުގަނޑުގެ އަޒުމަށް ގުޑުމެއް އައިސްގެނެއް ނޫން. އަޅުގަނޑުގެ ހިތްވަރު ބަލިވެގެނެއް ނޫން. އަދި އަޅުގަނޑު ގިވްއަޕް ކުރީކީއެއްވެސް ނޫން. އަޅުގަނޑު އިތުރު ހަރުފަތަކަށް މައްޗަށް ޖެހިލަން ޖެހިގެން ފަހަތަށް ޖެހުނީ. އަޅުގަނޑު ނުދެކެން އެއީ ސިޔާސީ ކެރިއަރަށް އައި ލޮޅުމެއްގެ ގޮތުގައެއް،"
ޝިދާތާ ވިދާޅުވީ ސިޔާސީ ގޮތުން އަންހެނަކު މާބޮޑަށް ކުރިއަށްދާނަމަ އެކަމަށް "ކަޅިއަޅާ" ބަޔަކު ތިބޭނެ ކަމަށާ އެ މީހަކު ހުއްޓުވުނު ގޮތަކަށް ހުއްޓުވަން ބޭނުންވާ ބަޔަކުވެސް ތިބޭނެ ކަމަށެވެ. އަދި ކޯލިޝަން ސަރުކާރެއްގައި މެޖޯރިޓީ އޮތް ޕާޓީއަށް އެހެން ޕާޓީއަކަށް ނިސްބަތްވާ ވަޒީރަކު މާ ބާރަށް ކުރިއަށްދާ މަންޒަރު ފެންނަ ނަމަ އެކަމެއްވެސް ބަލަން ފަސޭހަނުވާނެ ކަމަށެވެ.
އެފަދަ ކިތަންމެ ކަމެއް ތަޖުރިބާ ކުރައްވަން ޖެހިވަޑައިގެންނެވި ކަމަށްވެސް ވިދާޅުވިއެވެ. ނަމަވެސް ތަފްސީލެއް ނުދެއްވިއެވެ.
އަދި ވިދާޅުވީ މަގާމުން އިސްތިއުފާ ދެއްވީ އިތުބާރު ނެތްކަމުގެ ވޯޓްގެ ބިރަށް ނޫން ކަމަށެވެ. އިސްތިއުފާ ނުދެއްވިނަމަ އެ ވޯޓް މަޖިލީހަށް ވައްދަންވެސް ކެރިވަޑައިގަންނަވާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"އަޅުގަނޑު މިއަދުވެސް ގަބޫލެއް ނުކުރަމޭ އިނގޭތޯ އަޅުގަނޑު ދުރުކުރަން ރައްޔިތުން ޕްރެޝަރު ކުރީ ކަމަކަށް. އަޅުގަނޑު ދެކެނީ އެއީ ސިޔާސީ ގޮތުން ކުރި ޕްރެޝަރެއް ކަމަށް. އަޅުގަނޑު އަދިވެސް ގަބޫލެެއް ނުކުރަމޭ އެ ދުވަހު އަޅުގަނޑު އިސްތިއުފާ ނުދީ ހުރިނަމަވެސް އަޅުގަނޑު ނޯކޮންފިޑެންސް ވޯޓްވެސް ނަގާނެ ކަމަކަށް. އެ މައްސަލަ އެ ގޮތަށް މަޖިލީހަށް ލާނެ ކަމަކަށް އަޅުގަނޑު ގަބޫލެއް ނުކުރަން. އެެހެނަސް އަޅުގަނޑަކަށް ވޯތެއް ނޫން އެ ހުރިހާ ކަމެއް އެ ގޮތަށް ޑްރައިވް ކުރާކަށްވެސް. އެެހެންވީމަ އަޅުގަނޑަށް އެވަގުތު އެންމެ ވޯތްވީ ފަހަތަށް ޖެހިލާފައި މަޑުމައިތިރިކަމާއެކު ހުރެ ރައްޔިތުންނަށް ކަންކަމުގެ ހަގީގަތް ސާފުކޮށް ބުނެދިނުން. އެކަން މިއަދު އެ ދަނީ ފެންނަމުން ވަރަށް ރަނގަޅަށްވެސް،" ޝިދާތާ ވިދާޅުވިއެވެ.
އަޅުގަނޑު އެއްގޮތަކަށްވެސް ނޯކޮންފިޑެންސް ވޯޓްގެ ބިރު އޮވެގެނެއް ނޫން އިސްތިއުފާ ދިނީއެއް. އަޅުގަނޑަށް އެނގޭ އަޅުގަނޑުގެ ނޯކޮންފިޑެންސް ވޯޓް ނުވެސް ލާނެކަންވެސް. އެެހެނަސް އެ ވަގުތު އެ ޕްރެޝަރުކުރީ އަޅުގަނޑަށް އެނގޭ ސިޔާސީ މަގުސަދުތަކެއް ހާސިލުކުރަން ވެގެންކަން. އަޅުގަނޑަށް ގަބޫލެއް ނުކުރަން އެބަޔަކަށް އެކަންވެސް ހާސިލުވީ ކަމަކަށްވެސްޝިދާތާ ޝަރީފް | ކުރީގެ ޖެންޑާ މިނިސްޓަރު
އިސްތިއުފާ ދިނުމާއި ހަމައަށް ސަރުކާރުގެ އިސްވެރިންނާއި ސަރުކާރާ ގުޅުންހުރި ގިނަ ބަޔަކާ އޮތީ ވަރަށް ރަނގަޅު ގުޅުމެއް ކަމަށްވެސް ޝިދާތާ ވިދާޅުވިއެވެ. ނަމަވެސް ސަރުކާރުގެ ނުފޫޒު ގަދަ ބައެއް އަންހެން ބޭފުޅުންގެ ފަރާތުން ސިޔާސީ ގޮތުން އެކި ނުފޫޒުތައް އޮތް ކަމަށް ވިދާޅުވިއެވެ.
އަދި އޭނާގެ މަގާމާ ދޭތެރޭ ހިތް ނުތަނަވަސްކަން އޮތް ބޭފުޅުންވެސް ތިއްބެވި ކަމަށެވެ. އެކަމަނާއާ ދެކޮޅަށް އެފަދަ ބޮޑު ޕްރޮޕެގެންޑާއެއް ފެތުރީވެސް އެހެން ވެގެން ކަމަށް ވިދާޅުވިއެވެ. ނަމަވެސް އެކަމަނާއަކީ "ތިނޯހުގެ ފަލަކޮޅުން" ވިސްނަވާ ބޭފުޅެއް ނޫން ކަމަށް ވިދާޅުވެ ދެކޮޅަށް މަސައްކަތް ކުރެއްވި ބޭފުޅުންނަށް ލިބުނު ކާމިޔާބެއް ނެތް ކަމަށް ވިދާޅުވިއެވެ.
އަދި އަދާލަަތުން ވަކިވެ މޯލްޑިވްސް ނެޝަނަލް ޕާޓީއާ ގުޅިވަޑައިގެން އެ ޕާޓީގެ އިސް މަގާމެއްގައި ހުންނަވާ މިއަދު ހިދުމަތް ކުރުމުގެ ފުރުސަތު ލިބުމަކީ އެންމެ އެދިވަޑައިގެންނެވި ގޮތް ކަމަށް ވިދާޅުވިއެވެ.