ފާރިސް މައުމޫން

ކުރެވުނު މަސައްކަތާމެދު އެއްގޮތަކަށް ވެސް ދެރައެއް ނުވޭ: ފާރިސް

ބޮޑުބޭބޭފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ޕާޓީތަކާއެކު ކުރެވުނު މަސައްކަތްތަކާމެދު އެއްވެސް ވަރަކަށް ދެރަނުވާ ކަމަށާ އެއީ ގައުމަށްޓަކައި ކުރަން ޖެހޭ މަސައްކަތެއް ކަމަށް ރައީސް މައުމޫންގެ ދަރިކަލުން އަދި އެމަނިކުފާނު އުފެއްދެވި މޯލްޑިވްސް ރިފޯމް މޫވްމަންޓްގެ ރައީސް އަހުމަދު ފާރިސް މައުމޫން މިއަދު ވިދާޅުވެއްޖެ އެވެ.

އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ޕްރަގްރާމްގައި ބައިވެރިވެވަޑައިގެން ފާރިސް ވަނީ ރާއްޖޭގެ ސިޔާސީ ހާލަތާއި ގުޅޭގޮތުން ވަރަށް ތަފްސީލުކޮށް ވާހަކަ ދައްކަވާފައެވެ. ހާއްސަކޮށް ބޮޑުބޭބޭފުޅު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އޭރުގެ އިދިކޮޅު ޕާޓީތަކާއެކު ކުރެވުނު މަސައްކަތްތަކާ ގުޅޭގޮތުން ވާހަކަ ދެއްކެވިއެވެ. އެ މަސައްކަތްތަކާމެދު މިހާރު އެއްވެސް ވަރަކަށް ދެރަވޭތޯ ސުވާލު ކުރުމުން ވިދާޅުވީ އެއްގޮތަކަށްވެސް ދެރަ ނުވާ ކަމަށެވެ.

"އެއްގޮތަކަށްވެސް އަޅުގަނޑު ރިގްރެޓް ކުރާ ކަމެއް ނޫން [ރައީސް ޔާމީންގެ ސަރުކާރުގެ ދުވަސްވަރު އިދިކޮޅު ކޯލިޝަނާއެކު މަަސައްކަތް ކުރުން] އެއީ އެއް އިނގޭތޯ،"

އަދި އެއީ އޭރުގެ ސަރުކާރާ ދެކޮޅަށް ކުރި މަސައްކަތެއް ނޫން ކަމަށް ވިދާޅުވިއެވެ. އިސްލާހީ މަަސައްކަތް ފަށަން ޖެހުނީ މަޖިލީހުގެ އޭރުގެ ރައީސް އަބްދުﷲ މަސީހު މުހައްމަދު އަމަލު ކުރައްވަމުން ގެންދެވި ހުދުމުހުތާރު އަދި ގާނޫނުއަސާސީއާ ހިލާފު ކަންކަމުގެ ސަބަބުން ކަމަށެވެ. އެ މަސައްކަތް އިދިކޮޅު ޕާޓީތަކުގެ މަޖިލީސް މެންބަރުންނާއެކު ކުރައްވަން ޖެހިވަޑައިގަތީ އެތެރޭގައި ހުންނަވައިގެން ކުރެއްވި މަަސއްކަތް ކާމިޔާބު ނުވުމުން ކަމަށް ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އެކަންކަން ހުއްޓަވާލެއްވުމަށް ނުވަތަ މަޖިލީހުގެ ރިޔާސަތާއި ދުރަށް ވަޑައިގަތުމަށް އެދިވަޑައިގަތުމުންވެސް މަސީހު ދެކޮޅު ހެއްދެވި ކަމަށެވެ. އަދި ހިންގަވަމުން ގެންދެވި ގާނޫނާއި ހިލާފު އަމަލުތަކުގައި ދެމި ހުންނެވީ ކަމަށެވެ.

"އެއީ އަޅުގަނޑާއި މިހާރުގެ ރައީސުލްޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހިމް މުހައްމަދު ސޯލިހާ ދެ މީހުން ވެގެން ކުރި މަސައްކަތެއް އެއީ އިނގޭތޯ. އޭރު އޭނަ ހުންނެވީ އެމްޑީޕީގެ ޕާލިމަންޓްރީ ގުރޫޕްގެ ލީޑަރުގެ ގޮތުގައި. އަޅުގަނޑު މަސައްކަތް ކުރެވުނީ ޕީޕީއެމްގައި ތިބި މެންބަރުންގެ ތެރެއިން މަޖިލީހުގެ ރިޔާސަތު ގެންދެވި ގޮތާއި ހިތްހަމަނުޖެހޭ ބަޔަކާއެކު އެ ބަޔަކު ލީޑު ކުރަން އަޅުގަނޑު ހުރީ،"

ފާރިސް ވިދާޅުވީ ރައީސް ޔާމީންގެ ސުޕަ މެޖޯރިޓީ އޮތް މަޖިލީހެއް އަނެއް ކޮޅަށް ބަދަލު ވެގެން ދިއުމަކީ އެ ބޭފުޅުން ކުރެއްވީ އިހުލާސްތެރި މަސައްކަތެއް ކަމުގެ ސާފު ހެއްކެއް ކަމަށެވެ. އެ މަސައްކަތް ކުރީ ސަރުކާރުން ހުއްޓުވީ ތަހުގީގީ އިދާރާތަކާއި ކޯޓްތައް ގުޅިގެން ކަމަށްވެސް ވިދާޅުވިއެވެ.

އޭނާ އެ އިޝާރާތް ކުރަނީ ބޮޑެތި ތުހުމަތުތައް އޭރުގެ އިދިކޮޅު މެންބަރުން ޖަލަށްލީ ލުމަަށެވެ. އަދި 12 މެންބަރުންގެ ގޮޑީގެ މައްސަލާގައި ގޮތެއް ނުނިމި ޝަރުއީ މަރުހަލާގައި ދިގު ދަންމައިލި ދަންމާލުމަށެވެ. އެކަމާއި ގުޅިގެން އިދިކޮޅުގެ 12 މެންބަރުންގެ ބައިވެރިވުން ނެތި އެތައް މަހެއް ވަންދެން މަޖިލީސް ހިންގިއެވެ. އެ މެންބަރުންނަށް މަޖިލީހަށް ވަނުމަށް ސާފު ހުކުމެއް ސުޕްރީމް ކޯޓުން ނެރެދޭން ކެރުނީ އިންތިހާބުން ބަލިވެ ރައީސް ޔާމީންގެ ވެރިކަމުގެ ބާރު ކެނޑެން ފެށުމުންނެވެ.

ފާރިސް ވިދާޅުވީ އެ ދުވަހު ކުރި މަސައްކަތް އެ ގޮތަށް ނުކުރި ނަމަ ގައުމުގެ ހާލަތު ވަރަށް ގޯސްވީސް ކަމަށެވެ. އަދި މަޖިލީހާއި ސަރުކާރުން އަމާޒު ހިފާފައި ހުރީ ބާރުތައް ޖަމާކޮށް ގާނޫނުގެ ބާރު ކަނޑުވާލުމަށް ކަމަށެވެ. އެހެން ކަމުން މާޒީގައި ހިނގާދިޔަ ކަންކަން އެހާ ފަސޭހައިން ހަނދާންނައްތާލައިގެން ނުވާނެ ކަމަށް ވިދާޅުވިއެވެ.

"އަޅުގަނޑު މިހާރުވެސް ގަބޫލު ކުރަނީ އެ ދުވަހު އެ ގޮތަށް އެ މަަސައްކަތް ނުކުރިނަމަ މިހާރު ގައުމުގެ ހާލަތު އަދި މާ ގޯސްވާނެ އޭ. އޭރު މިސްރާބު ޖަހާފައިވާ ކަމަށް އަޅުގަނޑުމެންނަށް ގަބޫލު ކުރެވުނީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ ދައުރު ދިގު ކުރުމާއި އަދި ބާރުތައް އިތުރަށް ފުޅާކުރުމާއި ބިޑަކާއި ނުލައި ދައުލަތުގެ ވަކި ކަންތައްތަކެއް ބަޖެޓުން ބޭނުން ކުރުމާއި ކޮރަޕްޝަނަށްވެސް އޮތީ ހުޅުވައި އޮތް ދޮރެއް ކަމަށް އަޅުގަނޑު ގަބޫލުކުރަނީ އޭރު އިނގޭތޯ. ދެން މި ދެންނެވި ހުރިހާ ކަމެއް އެންމެ އެކަށީގެންވާ ގޮތަކަށް އިސްލާހުވި ވާހަކައެއް ނުދަންނަވަން. އެހެން ނަމަވެސް އޭރު އެ ދަތުރުކުރަމުންދިޔަ މިސްރާބަށް ގައުމު އިތުރު ތިން އަހަރު ދަތުރުކުރިނަމަ މިހާރު މި ގައުމު އޮންނާނީ މާ ނިކަމެތި ހާލުގައި ކަމަށް އަދިވެސް އަޅުގަނޑު ގަބޫލު ކުރަން. އެެހެންވީމަ އެއްވެސް ގޮތަކަށް އަޅުގަނޑު އޭރު ކުރި މަސައްކަތަކާމެދު ރިގްރެޓެއް ނުކުރަން. ހަމައެކަނި ހިތާމަކުރާ ކަމަކީ އަޅުގަނޑުގެ އާއިލާއަށް ލިބުނު ނިކަމެތި ކަމަށްޓަކައި،" ހުކުމެއް ނެތި އަހަރު ދުވަހު ޖަލުގައި ހުންނަވަން ޖެހިވަޑައިގެން ފާރިސް ވިދާޅުވިއެވެ.

ފާރިސް މިއަދުވެސް ވިދާޅުވީ ގާނޫނާއި ހިލާފު އެއްވެސް ކަމެއް އޭނާ ނުކުރައްވާ ކަމަށެވެ. މަޖިލީހުގެ މެންބަރުންނަށް ރިޝްވަތު ދެއްވާ ޝަހުސު އޮޅުވާލުން ފަދަ ކުށެއް ކުރައްވާފައި ނުވާނެ ކަމަށެވެ. އެއިން ކޮންމެ ކަމަކީ ސަރުކާރުގެ ނުފޫޒުގައި އުފައްދާފައިވާ ކަންކަން ކަމަށްވެސް ވިދާޅުވިއެވެ.

"އެހާ ވަރުގަދަކޮށް އޮތް ސަރުކާރަކަށް ބަލައިގަންނަން ދަތިވާނެ ކަންނޭންގެ އެ މީހުން އެ ބުނާގޮތުން ނަމަ ކޮންޓްރޯލްވެފައި ތިބި ބަޔަކު އެގޮތަށް ބަދަލުވެގެން ދިއުން ދެއްތޯ،" ދައުވާތައް އުފުލި ސަބަބާއި ގުޅޭގޮތުން ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ ބޮޑުބޭބެ ސަރުކާރުގައި ހިނގަމުންދިޔަ ކަންކަން ރަނގަޅު ކުރެވޭނެ އެއްވެސް ގޮތެއް ފެނިވަޑައިނުގަތުމުން އިދިިކޮޅު ޕާޓީތަކާއެކު މަސައްކަތް ކުރެއްވީ އެކަންކަން ވަރިހަމަ ކޮށްލައިގެން ހުރުން ރަނގަޅު ކަމަށް ނުދެކޭތީ ކަމަށެވެ. އެ މަސައްކަތް ކުރުމަކީ ފަސޭހަ ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.

ނަމަވެސް ގާނޫނީ ގޮތުން ލާޒިމުކުރާ މަސައްކަތް ކުރައްވަން ފަސްޖެހިވަޑައިނުގަންނަވާނެ ކަަމަށް ވިދާޅުވިއެވެ.

"އަޅުގަނޑުގެ ގާތް ބޭފުޅަކަށް އަޅުގަނޑު ކުރާ ކަމެއްގެ ސަބަބުން ނުތަނަވަސް ކަމެއް ނުވަތަ ދަތިކަމެއް ދިމާވާ ކަމަކަށް ވެއްޖިއްޔާ އަޅުގަނޑަށްވެސް ވާނީ ވަރަށް ދަތި ކަމަށް ދެއްތޯ. އެހެން ނަމަވެސް އަޅުގަނޑު ތިޔަ ވިދާޅުވާ ހާލަތަށް ދިޔައިރު ހުރީ ދިއްގަރު ދާއިރާގެ މެންބަރުގެ ގޮތުގައި. ގާނޫނީ ހުވައެއް ކޮށްގެން ހުރި މީހެއް އަޅުގަނޑަކީ. އަޅުގަނޑު ބުރަވެވެން ޖެހޭ ފަޅިއެއް ވަރަށް ސާފު ދެއްތޯ. އަޅުގަނޑު އަނެއްކާވެސް ދަންނަވާނަން ތަކުރާރުކޮށް، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަކާއި ދެކޮޅަށް ނޫނީ އޭރުގެ ސަރުކާރަކާ ދެކޮޅަކަށް އަމަލުތަކެއް ކުރީއަކީއެއް ނޫން އިނގޭތޯ،"

އަޅުގަނޑުގެ ގާތް ބޭފުޅަކަށް އަޅުގަނޑު ކުރާ ކަމެއްގެ ސަބަބުން ނުތަނަވަސް ކަމެއް ނުވަތަ ދަތިކަމެއް ދިމާވާ ކަމަކަށް ވެއްޖިއްޔާ އަޅުގަނޑަށްވެސް ވާނީ ވަރަށް ދަތި ކަމަށް ދެއްތޯ. އެހެން ނަމަވެސް އަޅުގަނޑު ތިޔަ ވިދާޅުވާ ހާލަތަށް ދިޔައިރު ހުރީ ދިއްގަރު ދާއިރާގެ މެންބަރުގެ ގޮތުގައި. ގާނޫނީ ހުވައެއް ކޮށްގެން ހުރި މީހެއް އަޅުގަނޑަކީ. އަޅުގަނޑު ބުރަވެވެން ޖެހޭ ފަޅިއެއް ވަރަށް ސާފު ދެއްތޯ. އަޅުގަނޑު އަނެއްކާވެސް ދަންނަވާނަން ތަކުރާރުކޮށް، އަޅުގަނޑު ރައީސުލްޖުމްހޫރިއްޔާއަކާއި ދެކޮޅަށް ނޫނީ އޭރުގެ ސަރުކާރަކާ ދެކޮޅަކަށް އަމަލުތަކެއް ކުރީއަކީއެއް ނޫން އިނގޭތޯ
ފާރިސް މައުމޫން | އެމްއާރްއެމްގެ ރައީސް

ރައީސް ޔާމީންގެ ވެރިކަމުގައި ދޮޅު އަހަރެއްހާ ދުވަހު ފާރިސް ޖަލުގައި ބަންދު ކުރެއްވިއެވެ. ފާރިސްގެ ބައްޕާފުޅު މައުމޫން އަބްދުއްގައްޔޫމުވެސް އަށް މަސް ދުވަހަށް ވުރެ ދިގު މުއްދަތަކަށް ޖަލުގައި އޮންނަވަން ޖެހިވަޑައިގަތެވެ. ބައެއް ދައުވާތައް އުފުލާ ސާބިތުވާ ކަމަށްވެެސް ނިންމި އެވެ.

އަދި ފާރިސްގެ ދައްތަ ޔުމްނާ މައުމޫންގެ ފިރިކަލުން މުހައްމަދު ނަދީމާއި ރައީސް މައުމޫންގެ ބޮޑީގާޑުންނާއި އޮފީސް ބައެއް މުވައްޒިފުންވެސް ޖަލުގައި ބަންދުކުރިއެވެ. ފާރިސް ވިދާޅުވީ އެ މަސައްކަތަށް ނިކުންނެވިއިރު އެވަރުގެ އަނިޔާތަކެއް ލިބިދާނެ ކަމަށް ގަބޫލު ނުކުރައްވާ ކަމަށެވެ.

"އަޅުގަނޑު މިއީ ސަރުކާރަށް އެންމެ ހިފާ ހައްޔަރުކުރަން ދަތިވާނެ މީހާ ކަމަށް އަޅުގަނޑު ދުށީ. އެހެންވީމަ އަޅުގަނޑު އިސްނުނަގައިފިނަމަ ދެން އެހެން ވަކި މީހަކު އިސްނަގާނެ ކަމަކަށް އަޅުގަނޑަކަށް ނުވިސްނުނު. އެެހެންވީމަ އަޅުގަނޑަށް މަޖުބޫރުވީ ދެއްތޯ އޭގައި ލީޑު ނަގަން. އަޅުގަނޑު ނުނަގައިފިނަމަ އެހެން އެއްވެސް މީހަކު ނުނަގާނެ. އަޅުގަނޑަކަށް ހިތްހަމަޖެހޭ ކަމެއް ނޫނޭ ބޮޑެތި ކަންތައްތަކެއް ހިނގައިގެން ހިނގައްޖެއޭ، އެކަމަކު އަޅުގަނޑު މާބޮޑެތި ކަންތައްތަކެއް ނުކުރަމޭ، އެހެން ބުނާކަށް އަޅުގަނޑަށް ފަސޭހައެއް ނޫން،" ފާރިސް ވިދާޅުވިއެވެ.

ފާރިސް ވިދާޅުވީ އެމްއާރްއެމް އޮތީ މި ސަރުކާރާއެކު ފަސް އަހަރު އެކުގައި ކަމަށެވެ.