އެމްޑީޕީގެ އިސް ލީޑަރު އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާ އަޅާ ނުކިޔޭނެ ކަމަށާ ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ވެސް ރައީސް ނަޝީދުގެ ނުފޫޒު އެމްޑީޕީން ކަނޑުވައި ނުލެވޭނެ ކަމަށް މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހިމް ރަޝީދު (ބޮންޑެ) ވިދާޅުވެއްޖެ އެވެ.
ބޮންޑެ މިހެން ވިދާޅުވީ އަވަސްގެ "ސުވާލަކަށް ފަހު ސުވާލެއް" ޕްރޮގްރާމްގައި ބައިވެރިވެވަޑައިގެން މިއަދު ވާހަކަ ދައްކަވަމުންނެވެ.
ރައީސް ނަޝީދުގެ ވަފާތެރި މެންބަރުންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ ބޮންޑެ ވަނީ މި ޕްރޮގްރާމްގައި ރައީސް ސޯލިހާއި ސަރުކާރަށް ސީދާ ކޮށާއި ނުސީދާކޮށް ފާޑު ވިދާޅުވެފަ އެވެ. ބޮންޑެ ވިދާޅުވީ ރައީސް ނަޝީދު ހުންނެވި މަގާމަށް ރައީީސް ސޯލިހަށް ވަޑައި ނުގެންނެވޭނެ ކަމަށެވެ. އެއީ ހަމަހަމަ ދެ ބޭފުޅުން ނޫން ކަމަށާ އެއީ އަޅާ ކިޔޭނެ ދެ ބޭފުޅުން ނޫން ކަމަށްވެސް ވިދާޅުވި އެވެ.
ބޮންޑެ ވިދާޅުވި ގޮތުގައި ރަައީސް ނަޝީދާއި އެމްޑީޕީގެ މެންބަރުންނާއި އޮތީ ހިތާއި ހިތުގެ ގުޅުމެކެވެ. ނަމަވެސް ރައީސް ސޯލިހަކީ ރައްޔިތުންނާއި މާ ގާތް ބޭފުޅެއް ނޫނެވެ.
"ރައީސް ނަޝީދާއި ރައީސް އިބޫ ސޯލިހާ އަޅާ ނުވެސް ކިޔޭނެ ދެއްތޯ. އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންނާ އެހާ ގާތް ބޭފުޅެއް ނޫން. އެހެން ނަމަވެސް ޕާލިމަންޓްގައި އެހާ ޒަމާންވީމަ ކޮންމެވެސް ވަރަކަށް އޭގެތެރޭގައި އެތިބި މެންބަރުންނާއި ހުރިހާ ބޭފުޅުން ދެނެލައްވާނެ. އެހެން ނަމަވެސް މިއޮންނަ ގުޅުމަކީ އެހެން އެއްޗެއް. އެވަރެއް ނެތް ސޯލިހްގެ އެއް،"
ރައީސް ނަޝީދާއި ރައީސް އިބޫ ސޯލިހާ ދެން އަޅާނުވެސް ކިޔޭނެ ދެއްތޯ. އިބްރާހިމް މުހައްމަދު ސޯލިހަކީ ރައްޔިތުންނާ އެހާ ގާތް ބޭފުޅެއް ނޫން. އެހެން ނަމަވެސް ޕާލިމަންޓްގައި އެހާ ޒަމާންވީމަ ކޮންމެވެސް ވަރަކަށް އޭގެތެރޭގައި އެތިބި މެންބަރުންނާއި ހުރިހާ ބޭފުޅުން ދެނެލައްވާނެ. އެހެން ނަމަވެސް މިއޮންނަ ގުޅުމަކީ އެހެން އެއްޗެއް. އެވަރެއް ނެތް ސޯލިހްގެ އެއްއިބްރާހިމް ރަޝީދު (ބޮންޑެ) | މާފަންނު މެދު ދާއިރާގެ މެންބަރު
ވެރިކަމުގެ ދައުރު ނިމޭއިރު ރައީސް ސޯލިހަކީ އެމްޑީޕީގައި ހުންނެވި އެންމެ މަގުބޫލު ލީޑަރަށް ވެވަޑައިގެންފާނެތޯ އެހުމުން ބޮންޑެ ވިދާޅުވީ އެއީ ރައީސް ސޯލިހަށް ކުރެއްވޭނެ ކަމެއް ނޫން ކަމަށެވެ. އަދު ވިދާޅުވީ ރައީސް ނަޝީދު ހޯއްދަވާފައިވާ މަގުބޫލު ކަމަކީ އެންމެ ދުވަހަކުން އެންމެ އަހަރަކުން ހޯއްދެވި މަގުބޫލު ކަމެއް ނޫން ކަމަށެވެ. އެމަނިކުފާނަކީ 1994 ވަނަ އަހަރު ވެސް ސިޔާސީ ޕާޓީއެއް ހައްދަވަން މަސައްކަތް ކުރެއްވި ބޭފުޅެއް ކަމަށާ އެކަމާއި ގުޅިގެން އެ އަހަރުން ފެށިގެން މިއަދާ ހަމައަށް އެކި ގޮތްގޮތުން އެމަނިކުފާނަށް ބާރުގައި ތިއްބެވި ބޭފުޅުންގެ ފަރާތުން އަނިޔާ ދެމުން ގެންދާ ކަމަށެވެ.
އެމްޑީޕީއޭ ބުނުުމުން ކޮންމެ ދިވެއްސަކަށް ވެސް ސިފަވާނީ ރަައީސް ނަޝީދު ކަމަށާ ނަމަވެސް އެމްޑީޕީއަކީ ރައީސް ސޯލިހް ކަމަށް އެއްވެސް ރައްޔިތަކު ވިދާޅު ނުވާނެ ކަމަށެވެ. ނަޝީދު ކުރެއްވި ކޮންމެ މަސައްކަތްޕުޅެއްގައި "ހިޔަންޏެއް" ހެން ހުންނެވީ ރައީސް ސޯލިހް ކަަމަށް ސިފަ ކުރުމަކީ ހަގީގަތެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ރައީސް ސޯލިހް މިހާރު ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުން ފެންނަނީ ތާއީދު ނޫން ކަަމަށް ވެސް ބޮންޑޭ މިއަދު ވިދާޅުވިއެވެ. އޭނާ ވިދާޅުވީ މަގުބޫލުކަން ދެއްކެވުމަށް ރައީސް ކުރައްވާ ޓްވީޓްތަކަށް ލައިކު ކުރުމާއި ރި-ޓްވީޓް ކުރާ ބަޔަކު ތިބުމަކީ ތާއީދެއް އޮތުން ނޫން ކަމަށާއި އެއީ ގިނަ ފަހަރަށް މަޖުބޫރުން ހިނގާ ކަންކަން ކަމަށެވެ.
"ރައީސުލްޖުމްހޫރިއްޔާ ރަށްރަށް ދާއިރުގައި ކާޕެޓް އަޅާފައި އޮންނަނީ. ދެ ފަރާތުގައި މީހުން ތިބެނީ ސަލާމް ކުރަން. އެއީ އޭގެ ޒާތުގައި ތޮބީއަތުގައި ނުކުމެ ތިބޭ ބައެއް ނޫން. އެއީ ފިލްމެއް ކުޅެން މަންޒަރެއް ދައްކަން ނުކުމެ ތިބޭ ބައެއް. އެކަހަލަ ކަންތައްތަކެއް ރައީސް ނަޝީދު ނުކުރައްވާނެ،"
ބޮންޑެ ތަކުރާރުކޮށް ވިދާޅުވީ އެމްޑީޕީން ރައީސް ނަޝީދުގެ ނުފޫޒު ކަނޑުވައި ނުލެވޭނެ ކަމަށެވެ. އަދި ބާރު އޮވެގެން ގައުމީ މަޖިލީހާއި އިސްތިއުނާފު ފަނޑިޔާރުންގެ މަޖިލީހުން މެޖޯރިޓީ ނެގުމަކީ ގުރާސްރޫޓްގެ ތާއީދު ލިބޭނެ ކަމެއް ނޫން ކަމަށެވެ. ދެން ވިދާޅުވީ ކުރިއަށް އޮތް 10 އަހަރު ދުވަހުގެ ތެރޭގައި ވެސް ނަޝީދުގެ ނުފޫޒު އެމްޑީޕީގައި ކުޑަ ނުވާނެ ކަމަށެވެ. އަދި އެ އުންމީދުގައި ތިއްބެވި ބޭފުޅުން އިތުުރު 20 އަހަރު ތިއްބަވަން ޖެހިވަޑައިގަންނަވާނެ ކަމަށް ވެސް ވިދާޅުވިއެވެ.
"ސިޔާސީ ނުފޫޒަކީ ރައްޔިތުންގެ އިތުބާރުގެ މައްޗަށް ބިނާވެފައި އޮންނަ ކަމެއް. ފުރަތަމަ ކަމަކަށް ރައްޔިތަކާއި އެ ލީޑަރަކާއި ގުޅުމެއް އޮންނަން ޖެހޭ. އެ ގުޅުމެއް އޮތީ، 'ހިތާހިތުގެ ގުޅުމެއް' އޮތީ ރައީސް ނަޝީދުއާ. އެ އިތުބާރު އޮތް އެއްވެސް ލީޑަރެއް މި ރާއްޖެއަކުން އަޅުގަނޑު އަދި ނުދެކެން،" ބޮންޑެ ވިދާޅުވި އެވެ.
ރައީސް ނަޝީދާއި ރައީސް ސޯލިހްގެ ގުޅުން ގޯސްވެ އެމްޑީޕީގެ ކޮންޓްރޯލް ހޯދުމަށް ދެ ބޭފުޅުންގެ މެދުގައި ވަނީ ވާދަވެރިކަން ބޮޑުވެފަ އެވެ. ފެންނަ މަންޒަރުތަކުން ގައުމީ މަޖިލީހާއި ރައްޔިތުންގެ މަޖިލީހާއި އެމްޑީޕީގެ ކޮމެޓީތަކުގެ ކޮންޓްރޯލް މިހާރު އޮތީ ރައީސް ސޯލިހްގެ އަތްޕުޅުގައެވެ.