އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާ މެދު އޮތް މައްސަލަ އަކީ ވެރިކަމަށް ވަޑައިގަތުމަށްފަހު ރައީސް ސޯލިހް ވެރިކަން ނުކުރެއްވުން ކަމަށް ރައީސް ނަޝީދާ އެކު މަސައްކަތް ކުރައްވަމުން ގެންދަވާ ހެންވޭރު ހުޅަނގު ދާއިރާގެ މަޖިލިސް މެންބަރު ހަސަން ލަތީފް ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ކުރީގެ ޗެއާޕާސަން ހަސަން ލަތީފް މިހެން ވިދާޅުވެފައި މިަވނީ ރައީސް ނަޝީދާއި އެމަނިކުފާނާ ދެމެދު މިވަގުތު އޮތް މައިގަނޑު މައްސަލައަކީ އެމަނިކުފާނު ވެރިކަމުގައި ހުރުން ކަމަށް ރައީސް ސޯލިހް އިއްޔެ ވިދާޅުވުމާ ގުޅިގެންނެވެ.
ނޫސްވެރިންނާ މިއަދު ބައްދަލުކުރައްވާ ހަސަން ލަތީފް ވިދާޅުވީ ރައީސް ސޯލިހް ވެރިކަމުގައި ހުންނެވުމަކީ ރައީސް ނަޝީދަށް މައްސަލައެއް ނޫން ކަމަށެވެ. މައިގަނޑު މައްސަލައަކީ ރައީސް ސޯލިހް ވެރިކަމުގައި ހުންނަވައިގެން އެމްޑީޕީގެ މެނިފެސްޓޯ ތަންފީޒު ނުކުރެއްވުން ކަމަށްވެސް ހަސަން ވިދާޅުވި އެވެ.
"[މައްސަލައަކީ] ވެރިކަން ކުރައްވަން އުޅުއްވާ ތަން ފެނިވަޑައިނުގަތުން. ކަމެއް ނުކުރެއްވުން. އެއްވެސް ކަމަކާ އަޅާވެސް ނުލެއްވުން. ފަރުވާ ވެސް ކުޑަވުން. އެއްވެސް ކަމެއްގައި 'ރިއެކްޓް'ވެސް ނުކުރެއްވުން،" ހަސަން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ގައުމުގައި ކޮރަޕްޝަންގެ ކަންކަން އިންތިހާއަށް ހިނގަމުންދާ ކަމަށެވެ. ނަމަވެސް ރައީސް އުޅުއްވަނީ އެފަދަ މީހުން ކައިރި ކުރައްވައިގެން ކަމަށްވެސް ތުހުމަތުކުރެއްވި އެވެ. އެމްއެމްޕީއާރްސީގެ ބޮޑު ހިޔާނާތުގައި އުޅޭ ބަޔަކު ރައީސް ސޯލިހްގެ ކެމްޕޭނަށް ހަރަދު ކުރާ ކަމަށްވެސް ހަސަން ތުހުމަތުކުރެއްވި އެވެ.
"އެފަދަ ފަރާތްތަކުގެ މައްސަލަތަކެއް ކުރިއަކަށް ނުގެންދޭ. އެއީ ވެސް ރައީސް ނަޝީދުގެ ކަންބޮޑުވުމެއް،" ހަސަން ވިދާޅުވި އެވެ.
އެމްޑީޕީގެ ކެމްޕޭން ފޯރި ވަރަށް ގަދަވެފައިވާއިރު ރައީސް ނަޝީދު މިވަގުތު ކެމްޕޭންގައި އުޅުއްވަނީ ހއ. އަތޮޅުގަ އެވެ. އެމަނިކުފާނު މިރޭ ދިއްދޫގައި އެމްޑީޕީގެ ސަޕޯޓަރުންނާ އެކު ހާއްސަ ޖަލްސާއެއް ބޭއްވުމަށްވެސް ވަނީ ނިންމާފަ އެވެ.
އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ އޮންނާނީ ކުރިއަށް އޮތް ޖެނުއަރީ 28 ވަނަ ދުވަހު އެވެ.