ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރު ހިންގާ ކޯލިޝަނަކީ މާ ވަރުގަދަ ކޯލިޝަން ނޫން ކަމަށް މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) ގެ އެއް ފައުންޑާ މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވިދާޅުވެއްޖެ އެވެ.
ނާޒިމް ވިދާޅުވީ މިހާރު ހިނގަމުންދާ ކޯލިޝަނަކީ އެކަށީގެންވާ ކޯލިޝަނެއް ކަމަށް ދެންނެވެން ނެތް ކަމަށެވެ. އެހެން ވިދާޅުވާން ޖެހިވަޑައިގަންނަވަނީ ވެރިކަމަށް ވަޑައިގަތުމުގެ ކުރީން ހަދާފައިވާ އެއްބަސްވުމާއި އެއްގޮތަށް ލީޑަރުންގެ މަޝްވަރާތައް ހިނގަމުން ނުދާ ކަމަށް ގިނަ ލީޑަރުން ވިދާޅުވާތީ ކަމަށެވެ.
ނަމަވެސް ނާޒިމް ވަނީ ސަރުކާރު ހިންގާ ކޯލިޝަން ދެމެހެއްޓުމަށް ރައީސް ސޯލިހް ކުރައްވާ މަސައްކަތް ފާހަގަ ކުރައްވާފައެވެ. ނާޒިމް ވިދާޅުވީ މި ސަރުކާރަކީ ވަރަށް ގިނަ ބަޔަކު ގުޅިގެން ގެނައި ސަރުކާރެއް ކަމުން ކޯލިޝަން ނެތިގެން ދިއުމަކީ އެދިވަޑައިގަންނަވާ ގޮތް ނޫން ކަމަށެވެ. ކޯލިޝަން ހަރުދަނާކޮށް ކުރިއަށް ގެންދެވުމުގެ ފުރިހަމަ ބާރާއި އިހުތިޔާރު އޮތީ ރައީސުލްޖުމްހޫރިއްޔާގެ އަތްޕުޅުގައި ކަމުން އެކަން އެމަނިކުފާނު ކުރައްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.
"މިވަގުތު މި އޮތީ އެންމެ އެކަށީގެންވާ ކޯލިޝަނެއް ކަމަށް ދެންނެވޭކަށް ނެތް. އެއީ ކޯލިޝަންގެ ބައެއް ބޭފުޅުން އެބަ ވިދާޅުވޭ މަޝްވަރާ ނުކުރައްވާ ކަމަށް. އެހެން ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ކޯލިޝަނެއްގެ ގޮތުގައި މަސައްކަތް ކުރައްވާތަން އެބަ ފެނޭ،"
އެމްއެންޕީ ދެމި އޮންނާނީ ސަރުކާރާއެކުތޯ ދެންނެވުމުން ނާޒިމް ވިދާޅުވީ ސަރުކާރާއެކު ތިބުމަށް ލާޒިމުކުރާ އެންމެ މުހިންމު އެއް ސަބަބަކީ ގުޅިގެން ގެނައި ސަރުކާރަށް މި ސަރުކާރުވުން ކަމަށެވެ. އަދި މިހާތަނަށް މަސައްކަތް ކުރެއްވީ ސަރުކާރާ އެކު ކަމަށާ މަޖިލީސްތެރެއިން ސަރުކާރުން ކުރާ ކޮންމެ ރަނގަޅު ކަމަށް ދިޔައީ އެއްބާރުލުން ދެމުން ކަަމަށެވެ.
ނަމަވެސް އެމްއެންޕީ ސަރުކާރާއެކު ކުރިއަށްދާނެތޯ ނުވަތަ އެ ނޫން ގޮތަކަށް އަމަލު ކުރާނީތޯ ނިންމާނީ ޕާޓީ އުފެއްދުމަށް ފަހު ކަމާގުޅޭ ގުނަނުން ކަަމަށެވެ.