ޝިދާތާ ޝަރީފު

އެންމެ ބޮޑު ފެއިލްވުމަކީ މަރުތަކަށް އިންސާފު ނުލިބުން: ޝިދާތާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރަށް ތިން އަހަރުވީއިރު މި ސަރުކާރުގެ އެންމެ ބޮޑު ފެއިލްވުމަކީ މަރުތަކަށް އިންސާފު ހޯދާ ނުދެވުން ކަމަށް މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރު ޝިދާތާ ޝަރީފް ވިދާޅުވެއްޖެ އެވެ.

ނޮވެންބަރު 17، 2018 ގައި ފެށުނު ރައީސް ސޯލިހުގެ ޒައާމަތަށް އިއްޔެ ވަނީ ތިން އަހަރު ފުރިފައެވެ. އެ މުނާސަބަތާއި ގުޅުވައި ޝިދާތާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މިހާރު އޮތް ކޯލިޝަން ސަރުކާރަށް ތިން އަހަރު ފުރުނުއިރު ވެރިކަމަށް އައުމަށް ވޯޓް ހޯދަން އެންމެ ހަރު އަޑުން ދެއްކި ވާހަކައަކީ މަރުތަކަށް އިންސާފު ހޯދުން ކަމަށެވެ.

އެ ގޮތުން ރިލްވާން އަބްދުﷲ ގެއްލުވާލި މައްސަލަ އާއި އަނިޔާވެރި ގޮތަކަށް ޔާމީން ރަޝީދު މަރާލުމާއި ދީނީ އިލްމުވެރިޔާ ޑރ. އަފްރަޝީމް އަލީ އަވަހާރަކޮށްލި މައްސަލައަށް އިންސާފު ހޯދައިދޭނެ ކަމަށް ވައުދުވެފައިވާ ކަމަށެވެ. ނަމަވެސް މިއަދު އެއިން ކަމަކާ އުޅޭ މީހަކުވެސް ނެތް ކަަމަށް ވިދާޅުވިއެވެ. އަދި މިއީ ސަރުކާރުގެ އެންމެ ބޮޑު ފެއިލްވުން ކަމަށް ވިދާޅުވިއެވެ.

މަރުތަކަށް އިންސާފު ހޯއްދަވާ ދެއްވާނެ ކަމަށް ރައީސް ސޯލިހް ތަކުރާރުކޮށް ވައުދުވެވަޑައިގެންފައިވެއެވެ. އެ ވަައުދުތަކާއި ގުޅިގެން ހިތާމަތައް ލިބިފައިވާ އާއިލާތަކުން ރައީސްގެ ކެެންޕެއިންގައި މުހިންމު ދައުރެއް އަދާކުރިއެވެ. ވައުދުފުއްދެވުމަށް ރައީސް ސޯލިހް ވަނީ ވެރިކަމުގެ ފުރަތަމަ ދުވަހު ރިޔާސީ ކޮމިޝަނެއް އުފައްދަވާފައެވެ. ނަމަވެސް އެ ކޮމިޝަނަށް މިހާތަނަށް މާ އެދެވޭ މަަސައްކަތްތަކެއް ކުރެވިފައެއް ނުވެއެވެ. އަދި ކޮމިޝަނަށް ފުރަތަމަ އައްޔަން ކުރެއްވި މެންބަރުންގެ ތެރެއިން ގިނަ މެންބަރުން މިހާރު އެ ކޮމިޝަންގައި ނެތެވެ. މަރުތަކަށް އިންސާފު ހޯދާދިނުމަށް ސަރުކާރުން އެކަށީގެންވާ މަސައްކަތްތަކެއް ނުކުރާ ކަމަށް ގިނަ ބަޔަކު ދެކެއެވެ. އާއިލާތަކުންވެސް ދެކެނީ އެ ގޮތަށެވެ.

މި ސަރުކާރުގެ ފުރަތަމަ ޖެންޑާ މިނިސްޓަރަކީ ޝިދާތާ އެވެ. އެކަމަނާ އެ މަގާމަށް ވަޑައިގެންނެވީ އަދާލަތު ޕާޓީގެ ސްލޮޓެއްގައެވެ. ރައީސް ސޯލިހް ވެރިކަަމަށް ވަޑައިގަތުމަށް ކުރެއްވެވި ކެންޕެއިންގައި އަދާލަތުން އެންމެ އިސް ދައުރެއް އަދާކުރެއްވީ ޝިދާތާ އެވެ. ނަމަވެސް އެކި ތުހުމަތުތައް ކުރައްވާ އެކަމަނާގެ އިތުބާރު ނެތް ކަމުގެ ވޯޓް ނަގާނެ ކަމުގެ އިންޒާރު އެމްޑީޕީގެ ޕީޖީ ގުރޫޕުން ދެއްވުމުން އަމިއްލަފުޅަށް އިސްތިއުފާ ދެއްވީ ސަރުކާރުންވެސް އަދި އަދާލަތު ޕާޓީންވެސް ޝިދާތާގެ ދިފާއުގައި ވާހަކަ ނުދެއްކުމުން މަޖުބޫރުވެވަޑައިގެންނެވެ.

އޭގެ ފަހުން އެކަމަނާ ވަނީ އަދާލަތު ޕާޓީން ވަކިވެވަޑައިގެން އަލަށް އުފެއްދެވި މޯލްޑިވްސް ނެޝަނަލް ޕާޓީ (އެމްއެންޕީ) އާ ގުޅިވަޑައިގެންފައެވެ. ޝިދާތާއަކީ އެ ޕާޓީގެ އެއް ނާއިބު ރައީސެވެ.