އަންހެން ކުދިން ހިތާނުކުރުމާ ގުޅޭ މައްސަލައިގައި އިސްލާމިކް މިނިސްޓްރީއާއި ފަތުވާ މަޖިލީހުގެ ލަފާ ހޯދަން ކުރިން ނިންމާފައި އޮތް ނިންމުން ބަދަލުކޮށް އެ އިދާރާގެ ލަފާ ނުހޯދަން ރަށްޔިތުން މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން ނިންމައިފި އެވެ.
ހިއުމަން ރައިޓްސް ކޮމިޓީން މިގޮތަށް ނިންމީ އަންހެނުން ހިތާނުކުރުމަށް ތާއީދުކުރައްވާ ދީނީ އިލްމުވެރިޔާ ޑރ. މުހައްމަދު އިޔާޒް އަބްދުލްލަތީފް ވާހަކަ ދެއްކެވި ކަމަށް ބުނެ އެ މައްސަލަ ބެލުމަށް ކޮމިޓީއަށް ހުށަހަޅާފައި އޮތް މައްސަލައިގެ މިއަދުގެ ބައްދަލުވުމުގަ އެވެ.
މިދިޔަ އަންގާރަ ދުވަހު ބޭއްވި ކޮމިޓީގެ ބައްދަލުވުމުގައި އައްޑޫ މީދޫ ދާއިރާގެ މެމްބަރު ރޮޒައިނާ ވަނީ އަންހެން ކުދިން ހިތާނުކުރުމާ ގުޅިގެން މުޖުތަމައުގައި ދެކެވެމުންދާ ވާހަކަތަކާ އެކު ކުރިމަތިވެފައި އޮތް މައްސަލައަށް ގާނޫނީ ހައްލެށް ގެނައުމަށް އެދިވަޑައިގެންފަ އެވެ. އެގޮތުން މައްސަލަ އަށް ގާނޫނީ ހައްލެއް ގެނައުމަށްޓަކައި އިސްލާމިކް މިިނިސްޓްރީއާއި، ފަތުވާ މަޖިލީހާއި، އެޗްއާރްސީއެމް އާއި ހެލްތު މިނިސްޓްރީގެ އިސް ބޭފުޅުންނާއި ބަންޑާރަނައިބް ކޮމިޓީ އަށް ހާޒިރުކޮށް ލަފާ ހޯދަން އޭނާ އެ ދުވަހު ހުށަހެޅުއްވި އެވެ.
އެކަމަކު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވަނީ އިސްލާމިކް މިނިސްޓްރީއާއި ފަތުވާ މަޖިލީހުގެ ބޭފުޅުން ކޮމިޓީ އަށް ހާޒިރު ނުކުރަން ނިންމާފަ އެވެ.
އަވަސް އަށް މިއަދު މައުލޫމާތު ދެއްވަމުން ކޮމިޓީގައި ހިމެނޭ ފުވައްމުލަކު ދެކުނު ދާއިރާގެ މެމްބަރު މުހައްމަދު މުމްތާޒް ވިދާޅުވީ އިސްލާމިކް މިނިސްޓްރީއާއި ފަތުވާ މަޖިލީހުގެ ބޭފުޅުން ކޮމިޓީއަށް ހާޒިރުކޮށްގެން ލަފާ ހޯދަން ނުފެންނަ ކަމަށް ކޮމިޓީން މިއަދު ނިންމާފައިވާ ކަމަށެވެ. އެގޮތަށް ނިންމީ އަންހެން ކުދިން ހިތާނު ކުރުމަކީ ދީނީ މައްސަލައެއް ކަމަށް މެންބަރުންނަށް ފެނިވަޑައި ނުގަންނަވާތީ ކަމަށްވެސް ވިދާޅުވި އެވެ.
"އެ މައްސަލަ ކޮމިޓީގެ ބޭފުޅުންނަށް ފެނުނީ އެއީ ސަގާފީ އާދައެއްގެ ތެރެއިން ހިނގާދާ މައްސަލައެއް ގޮތަށް،" މުމްތާޒު ވިދާޅުވި އެވެ.
އަންހެން ކުދިން ހިތާނު ކުރާ މައްސަލައިގައި ގާނޫނީ ފިޔަވަޅެއް އެޅުމަށް ބަންޑާރަނައިބުގެ އޮފީހުން ކުރަމުންދާ މަސައްކަތްތައް ބެލުމަަށް ވެސް ކޮމިޓީން މިއަދު ނިންމާފައިވެ އެވެ.
ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގެ މައުލޫމާތު ހޯދުމަށް އަވަސް އިން ކޮމިޓީގެ މުގައްރިރު އަދި ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހްމޫދަށް ގުޅި ނަމަވެސް ފޯނަށް ޖަވާބު ނުދެއްވާތީ އޭނާގެ ބަހެއް ވަނީ ލިބޭ ގޮތް ނުވެފަ އެވެ.
އަންހެން ކުދިން ހިތާނުކުރާ ކަމަށް ބުނާ މައްސަލާގައި ގާނޫނީ ބައެއް ބޭފުޅުން ވިދާޅުވާ ގޮތުގައި މިހާރު ވެސް އެއީ ގާނޫނީ ކުށެކެވެ. އެގޮތުން އަންހެން ކުދިން ހިތާނުކުރުމާއި އަދި އެކަމަށް ހިތްވަރުދީ ވާހަކަ ދައްކާ މީހުންނަށް މިހާރު މިއޮތް ޖިނާއީ އިޖުރައާތުގެ ގާނޫނުގެ ދަށުންނާއި ގާނޫނުލްއުގޫބާތުގެ ދަށުން ފިޔަވަޅު އެޅޭނެ ގޮތްތައް ހަމަޖެހިފައިވާ ކަމަށްވެސް ގާނޫނީ ބައެއް ބޭފުޅުން ގެންދަވަނީ ވިދާޅުވަމުންނެވެ.