އެޓާނީ ޖެނެރަލް

ގެއްލުނު ކަނޑު ހޯދުމަށް މުނައްވަރާ އެކު ބައިނަލްއަގްވާމީ ވަކީލުންގެ ޓީމެއް ނަގައިފި

ދިވެހިރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތު ބޮޑުވެފައި އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލާގައި ކަނޑުތަކާ ބެހޭ ބައިނަލްއަގްވާމީ ޓްރައިބިއުނަލް، އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް) އިން ނިންމި ނިންމުން ދިރާސާކުރުމަށް ކުރީގެ ބަންޑާރަނައިބު ޑރ. މުހައްމަދު މުނައްވަރު ހިމެނޭހެން ރާއްޖެއިން ބޭރުގެ ވަކީލުންގެ ޓީމެއް ދިވެހި ސަރުކާރުން އެކުލަވާލައިފި އެވެ.

އިޓްލޮސް އިން މިދިޔަ އަހަރު ވަނީ ރާއްޖެ އާއި މޮރިޝަސްއާ ދެމެދު ހިޔާލުތަފާތުވެފައި އޮތް ކަނޑުގެ ސަރަހައްދުގެ މައްސަލައިގައި ރާއްޖެއަށް ބޮޑު ބައެއް ލިބޭ ގޮތަށް ގޮތެއް ނިންމާފަ އެވެ.

އެކަމަކު ބަންޑާރަނައިބްގެ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުން ރާއްޖޭގެ ކަނޑުގެ މައްސަލާގައި އަމަލުކުރި ގޮތުގެ ސަބަބުން ރާއްޖޭގެ ހާއްސަ އިގްތިސާދީ ސަރަހައްދު -- އީއީޒެޑްގެ ތެރެއިން ރާއްޖޭގެ ދެކުނު ސަރަހައްދުން ކަނޑުގެ ބޮޑު ބައެއް ގެއްލިފައިވާ ކަމަށެވެ. އެހެންވެ މައްސަލަ ދިރާސާކޮށް ގެއްލިފައިވާ ކަނޑުގެ ސަރަޙައްދުން ހޯދުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތްތަކެއް ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުއިއްޒު ނިންމަވާފައިވާ ކަމަށެވެ.

ބަޔާނުގައި ބުނެފައިވަނީ ގެއްލުނުގެ ކަނޑުގެ ސަރަހައްދު ހޯދުމުގެ މައްސަލައިގައި ކަނޑުތަކާ ބެހޭ ގާނޫނީ ދާއިރާގެ ހަބީރެއްގެ ހައިސިއްޔަތުން ކުރީގެ ބަންޑާރަނައިބު ޑރ. މުނައްވަރުގެ ގާނޫނީ ލަފާ ހޯދުމަށް ސަރުކާރުން ހުށަހެޅުމާ ގުޅިގެން އެމަނިކުފާނު އެކަމަށް އެއްބަސްވެވަޑައިގެން މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ.

ދިވެހި ސަރުކާރުން އެކުލަވާލި ގާނޫނީ ޓީމުގައި ޑރ. މުނައްވަރުގެ އިތުރުން ހިމެނެނީ އިނގިރޭސިވިލާތުގެ ކިންގްސް ކައުންސެލްއަކާއި، ލޯ އޮފްދަ ސީ އާ ބެހޭ މޯލްޓާގެ ކަމާބެހޭ ތަޖުރިބާކާރެކެވެ. މި ދެ ބޭފުޅުންނަކީވެސް ކަނޑާބެހޭ މުއާހަދާއާ ގުޅުންހުރި މިފަދަ މައްސަލަތަކުގައި ފާހަގަކޮށްލެވޭ އިލްމާއި ތަޖުރިބާ ލިބިވަޑައިގެންފައިވާ ދެ ބޭފުޅުންނެވެ.

މިދެ ބޭފުޅުންނާ ހަވާލުކުރެވިފައިވާ މައިގަނޑު މަސައްކަތުގެ ތެރޭގައި ހިމެނެނީ މި މައްސަލައިގައި އިޓްލޮސް އިން ނިންމާފައިވާ ނިންމުން ދިރާސާކުރުމާއި، މައްސަލަ އިޓްލޮސްގައި ކުރިއަށްދިޔައިރު ރާއްޖެއިން ހުށަހަޅާފައިވާ ހުށަހެޅުންތަކުގައި ހުރި މައްސަލަތައް ދެނެގަތުމާއި، މައްސަލަ ހިނގަމުން ދަނިކޮށް ކުރީގެ ރައީސް ސޯލިހްގެ ފަރާތްޕުޅުން މިދިޔަ އޯގަސްޓް 22 ވަނަ ދުވަހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީއާ ގުޅިގެންނާއި، އެ ބޭފުޅުންގެ ނަޒަރުގައި މި މައްސަލާގައި ދިވެހިރާއްޖެއިން ނެގެން ހުރި ދިފާއުތަކަކީ ކޮބައިތޯ ބެލުމެވެ.

މީގެއިތުރުން ދިފާއުތައް ބެލުމަށްފަހު މައްސަލައިގައި ކުރިއަށް ދިއުމަށް ނިންމައިފިނަމަ އިޓްލޮސް މިހާރު ނިންމާފައިވާ މައްސަލައިގެ ނިންމުމަށް ބަދަލެއް އައުމުގެ ފުރުސަތު އޮތްތޯ ބެލުމާއި، މި މައްސަލައިގައި ދެން އަމަލުކުރެވިދާނޭ ގޮތްތަކަކީ ކޮބައިތޯ ބަލައި މިކަންކަމާ ގުޅޭ ގާނޫނީ ލަފައެއް ހޯދުންވެސް ހަވާލުކޮށްފައިވެ އެވެ.

މައްސަލައިގައި ގާނޫނީ ލަފާ ހޯދުމަށް އައްޔަނުކުރެވިފައިވާ ބޭރުގެ ދެ މާހިރުންގެ މަސައްކަތް ނިންމަވައި ކުރިއަށް އޮތް ފެބްރުއަރީ މަހުގެ ކުރީކޮޅު އެ ބޭފުޅުންގެ ގާނޫނީ ލަފާ ބަންޑާރަނައިބް އަހްމަދު އުޝާމަށް ލިޔުމުން ހުށަހެޅުއްވުމަށްވެސް ދިވެހި ސަރުކާރުން ވަނީ އަންގާފަ އެވެ.

މިރިޕޯޓް ލިބުމުން މި މައްސަލާގައި ކުރިއަށް ދާންވީ ގޮތް ނިންމެވުމަށް މައްސަލަ ކެބިނެޓަށް ހުށަހެޅުމަށްވެސް ބަންޑާރަނައިބް ވަނީ ނިންމަވާފަ އެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް މި ސަރުކާރުގެ ފުރަތަމަ 14 ހަފްތާގެ ތެރޭގައި މި މައްސަލަ ކެބިނެޓަށް ހުށަހަޅާނެ ކަމަށްވެސް ބަންޑާރަނައިބް އޮފީހުން ބުނެ އެވެ.

:މި މަސައްކަތްކުރުމަށް ބަންޑާރަނައިބު އައްޔަނުކުރައްވާފައިވާ ކޮމިޓީގެ ރިޕޯޓްގެ ކޮޕީއެއް ރައީސުލްޖުމްހޫރިއްޔާ އަދި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުގެ އިތުރުން މި މައްސަލައިގައި ކެބިނެޓުން ގޮތެއް ނިންމެވުމާއެކު މި މައްސަލައިގައި އައްޔަނުކުރެވިފައިވާ ހަބީރުން ދެއްވާފައިވާ ލަފާ ހިމެނޭގޮތުން، މި މައްސަލަ ދިރާސާކުރުމަށް އައްޔަނުކުރެވިފައިވާ ކޮމިޓީގެ ރިޕޯޓް އާންމުކުރުމަށް ބަންޑާރަނައިބް ވަނީ ނިންމަވާފަ އެވެ. އަދި ހަމަ މިއާއެކު ރިޕޯޓް ޢާންމުކުރެވޭއިރު މިރިޕޯޓުގައި މި މަސައްކަތަށް އައްޔަންކޮށްފައިވާ ގާނޫނީ މާހިރުންނާ ގުޅޭ މައުލޫމާތުތަކާއި މި މަސައްކަތަށް ހަރަދުވި ފައިސާ ފަދަ މައުލޫމާތުތައް ހާމަކުރުމަށްވެސް ބަންޑާރަނައިބު ވަނީ ނިންމަވާފަ އެވެ." ބަންޑާރަނައިބް އޮފީހުން މިއަދު ނެރުނު ބަޔާންގައިވެ އެވެ.