ނިމިގެންދިޔަ 19 ވަނަ ރައްޔިތުންގެ މަޖިލީހުން ރުހުން ނުދިން ތިން ވަޒީރުންނަށް 20 ވަނަ ރައްޔިތުންގެ މަޖިލީހުން މިއަދު ރުހުންދީފި އެވެ.
މަޖިލީހުން މިދިޔަ ޖެނުއަރީ މަހުގެ 29 ވަނަ ދުވަހު ރުހުން ނުދިނުމުން ހަމަ އެ ދުވަހު އަލުން ވަޒީރު ކަމަށް އައްޔަންކުރެއްވި ބޭފުޅުންނަކީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދާއި، ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުގެ އިތުރުން ބަންޑާރަނައިބް އަހްމަދު އުޝާމް އެވެ.
އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދުއަށް ރުހުން ދޭން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 83 މެންބަރުންގެ އިއްތިފާގުންނެވެ. ޝަހީމަށް ރުހުންދީފައިވަނީ އެމްޑީޕީގެ މެންބަރުންގެ ތާއީދައެކު އެވެ.
ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ދޭން ފެންނަ ކަމަށް 81 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ހަތަރު މެންބަރުން ވޯޓު ދެއްވި އެވެ. މިނިސްޓަރު އަލީ ހައިދަރަށް ރުހުން ދިނުމާއި ދެކޮޅަށް އެމްޑީޕީގެ ބައެއް މެންބަރުން ވޯޓުދިންއިރު އެމްޑީޕީގެ ބައެއް މެންބަރުން ވަނީ ހައިދަރަށް ރުހުންދޭން ފެންނަ ކަމަށް ވޯޓުދީފަ އެވެ.
ބަންޑާރަނައިބު އަހުމަދު އުޝާމްއަށް ރުހުންދޭން ފެންނަ ކަމަށް ފާސްވީ ވޯޓު ދެއްވި 87 މެންބަރުންގެ އިއްތިފާގުންނެވެ. ބަންޑާރަނައިބު އުޝާމަށް ރުހުންދީފައިވަނީ އެމްޑީޕީގެ މެންބަރުންގެވެސް ތާއީދާއެކު އެވެ.
މި ވަޒީރުންނަށް މަޖިލީހުން މިއަދު ރުހުންދީފައިވާއިރު މި ވަޒީރުންނަށް ރުހުން ހޯދުމަށް 19 ވަނަ ރައްޔިތުންގެ މަޖިލީހަށް ދެވަނަ ފަހަރަށް ހުށަހެޅުމުން އެ މަޖިލީޙުގައި އެންމެފަހުން ރައީސްގެ ގޮތުގައި ހުންނެވި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ނިންމެވީ ތިން ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ފަސްކުރާށެވެ. އެހެންވެ 19 ވަނަ މަޖިލީހުގެ ދައުރު ނިންމާލީ ތިން ބޭފުޅުން ރުހުން ދިނުމަށް ވޯޓަށް ނާހަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ދުވަހު -- މިދިޔަ ނޮވެމްބަރު 17 ވަނަ ދުވަހު އެންމެ ފުރަތަމަ އެކުލަވާލެއްވި ވަޒީރުންގެ މަޖިލީހަށް ރުހުން ހޯދުމަށް 19 ވަނަ މަޖިލީހަށް ނަންތައް ފޮނުއްވީ މިދިޔަ ނޮވެމްބަރު 18 ވަނަ ދުވަހު އެވެ. ނަމަވެސް ދެ މަހަށް ވުރެ ގިނަ ދުވަސް ފަހުން މިދިޔަ ޖެނުއަރީ 29 ވަނަ ދުވަހު ވަޒީރުންނަށް ރުހުން ދިންއިރު އިދިކޮޅު އެމްޑީޕީގެ މެޖޯރިޓީ އޭރު އޮތް މަޖިލީހުން ވަނީ އެއްވެސް ސަބަބެއް ނުބުނެ ތިން ވަޒީރުންނަށް ރުހުން ނުދީފަ އެވެ. އެމްޑީޕީއާ ގުޅިގެން ދަ ޑިމޮކްރެޓްސްގެ މެންބަރުންވެސް ވަނީ ތިން ވަޒީރުންނަށް ރުހުން ނުދޭން ވޯޓު ދެއްވާފަ އެވެ.